ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!
4 އޯގަސްޓު 2026 | އަންގާރަ 05:49ދަންނަވަންތޯ އެވެ! ރައްޔިތުން ދިން ގެކޮޅެއްގައި އުޅުއްވަމުން، ރައްޔިތުން ދިން އެނދެއްގައި އަވަހާރަލައްޕަވަމުން، ރައްޔިތުން ދިނީމާ ކެއިން ބައްލަވަމުން، ރައްޔިތުން ދިން ކާރު ކޮޅެއްގައި ދަތުރު ކުރައްވަމުން، ރައްޔިތުން ދިން ބަޔަކު ހަތަރު ފަރާތުން ވަށާލައިގެން ހުންނެވުމަށް ފަހު، ރައްޔިތުންގެ ޙާލު އެނގިވަޑައިނުގަނެ މިފަދަ ވާހަކަ ދެއްކެވީމާ ދުނިޔެ އަށް ވެސް ލަދުވެތި. ރައްޔިތުންނަށް ވެސް ތިޔަ ކުރައްވަނީ މަލާމާތެއް


މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް
ރާއްޖޭގެ ވެރިކަމަށް ރައްޔިތުން ރައީސް އަކު އިންތިޚާބު ކުރަނީ ރީއްޗަކަށް ނޫނެވެ. ޤާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައި އޮތުމާ އެކު، ރައްޔިތުންނަށް ޚިދުމަތް ކުރާނެކަމުގެ އުންމީދުގައި އެވެ. ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހޯއްދަވައި، އެކަންކަން ޙައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު އެވެ. ރައްޔިތުން އުޅެމުން ދާ ދަތި ހާލު، ވެރި މީހާ އަށް އިހުސާސް ކުރެވޭނެ ކަމަށް ދެކިގެންނެވެ. އެކަމަކު، މިއަދު ރާއްޖޭގައި ކަންތައް ވެގެން މި ދަނީ އެހެންނެއް ނޫނެވެ.
އިހަކަށް ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީތީ އަޑު އެހީމެވެ. ރާއްޖޭގެ އެތައް ރަށެއްގައި 570 އަށް ވުރެ ގިނަ މަޝްރޫއުތައް ހިންގައި، ރައްޔިތުންނަށް ޑެލިވަރ ކޮށްދެއްވާފައިވާ ކަމަށެވެ. އެއީ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތައް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަޑަށް ބާރު ލައްވާފައި އެހެން ވިދާޅުވީ، ނިކަން ފަޚުރުވެރިކަމާ އެކު އެވެ.
ވާހަކަ އާއި ހާސަރު ގިނަ ކުރާނެ ކަމެއް ނެތެވެ. ރައީސް މުއިއްޒު އެ ވިދާޅުވި އަދަދަށް މަޝްރޫއުތައް ނިންމާފައި އޮތީ ކޮން ތަނެއްގައި ހެއްޔެވެ؟ ކޮން ރަށެއްގައި ހެއްޔެވެ؟ ކޮން ސިޓީއެއްގައި ހެއްޔެވެ؟ މަގު ގަނޑެއްގައި ތާރު ކޮޅެއް އެޅިގެން، އެކަމުގެ ކަލަ އަބަދު ގޮވާލަ ގޮވާލަ އޮންނަ ސަރުކާރަކުން، 570 އަށް ވުރެ ގިނަ މަޝްރޫއު ނިންމާލިއިރު އެކަމުގެ ކާމިޔާބާއި މަޝްރޫއުތައް ހުޅުވުން ފާހަގަ ނުކުރީ ކީއްވެބާ އެވެ؟
އެންމެ އާދައިގެ ވާހަކަ އިން ފެށިޔަސް ރަނގަޅު ވާނެ އެވެ. ރައީސް މުއިއްޒުގެ ސަރުކާރު ފެށުނުއިރު، ކުރީގެ ސަރުކާރުން އޮތީ ރާއްޖޭގެ އެތައް ރަށެއްގައި ފެނާާއި ނަރުދަމާގެ މަސައްކަތް ފަށައިފަ އެވެ. ބައެއް ރަށް ރަށުގެ މަސައްކަތް އޮތީ 70 އިންސައްތަ، ނުވަތަ 80 އިންސައްތަ ނިންމައިފަ އެވެ. އަނެއް ބައި ރަށް ރަށުގައި އޮތީ ހަމައެކަނި ކަނެކްޝަން ގުޅާލުމަށް ފަހު ފަށަން ޖެހޭ ހިސާބުގައި އެވެ. އެއީ ހަމައެކަނި ފެނާއި ނަރުދަމާ އެވެ. ދައްކަން މި އުޅެނީ ވެސް އެ ވާހަކަ އެކަންޏެވެ. އެއީ އެންމެ އަސާސީ ހައްޤު ކަމަށްވާތީ އެވެ.
ސަރުކާރަށް ދެ އަހަރުވީއިރު، ހަމައެކަނި ކަނެކްޝަން ގުޅާލުމަށް ފަހު ޚިދުމަތް ނުފެށުނު ބަޔަކު، ޕޯޑިއަމް އަށް އަރާ ފޮނި ވާހަކަ ދައްކަން ލަދެއް ނުގަނޭ ހެއްޔެވެ؟ ސަރުކާރަށް ދެ އަހަރުވީއިރު، ފެނާއި ނަރުދަމާގެ މަސައްކަތް އަލަށް ފަށައިގެން، މިއަދާ ހަމައަށް އައިިއިރު ނިންމާނުލެވުނު ބަޔަކު، ދައްކަން ވެސް އޮތީ ކޮން ވާހަކަ އެއް ހެއްޔެވެ؟ އަހަރަމެން ރަށު ބަހުން ބުނާ ނަމަ، "އޮއް ބުރާ ވަރަށް ކަރާ ފެޅިޔަސް" ކަމަކު ނުދާނެ އެވެ.
މިއަދު ވެސް ރާއްޖޭގައި ނަޖިސް ފެނުން ފެންވަރާ ރަށްރަށް އެބަ ހުއްޓެވެ. ފެން ނަޖިސްވެ، ނުވަތަ ފެން ލޮނުވުމުގެ ސަބަބުން، ސާފު ފެނުން ފެން ނުވެރޭ ޙާލަތުގައި އޮތް ރަށްރަށް އެބަ ހުއްޓެވެ. ތުއްތު ކުދިންނާއި، ސްކޫލަށް ދާ ކުދިން އަދި ދެން ތިބި ރައްޔިތުން ވެސް އެ ޙާލުގައި އުޅޭ ރަަށްރަށް އެބަ ހުއްޓެވެ. ނަރުދަމާގެ ޚިދުމަތުގެ ބޮޑު އިންސައްތަ މަސައްކަތް ކުރީ ސަރުކާރުން ނިންމާފައި އޮއްވާ ވެރިކަން ބަދަލުވީއިރު، އެ ހުއްޓުނު ގޮތަށް ހުއްޓުނު ރަށްރަށް ވެސް މަދެއް ނުވާނެ އެވެ. މިއީ މިއަދު ވެސް ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން އުޅެމުން އަންނަ ޙާލެތެވެ.
ދަންނަވަންތޯ އެވެ! ރައްޔިތުން ދިން ގެކޮޅެއްގައި އުޅުއްވަމުން، ރައްޔިތުން ދިން އެނދެއްގައި އަވަހާރަލައްޕަވަމުން، ރައްޔިތުން ދިނީމާ ކެއިން ބައްލަވަމުން، ރައްޔިތުން ދިން ކާރު ކޮޅެއްގައި ދަތުރު ކުރައްވަމުން، ރައްޔިތުން ދިން ބަޔަކު ހަތަރު ފަރާތުން ވަށާލައިގެން ހުންނެވުމަށް ފަހު، ރައްޔިތުންގެ ޙާލު އެނގުވަޑައިނުގަނެ މިފަދަ ވާހަކަ ދެއްކެވީމާ ދުނިޔެ އަށް ވެސް ލަދުވެއްޗެވެ. ރައްޔިތުންނަށް ވެސް ތިޔަ ކުރައްވަނީ މަލާމާތެވެ.
ނުވިތާކަށް، ހަފުތާއަކު ތިން ރޭ ރައްޔިތުން ދީފައި އޮތް ރަށަކަށް ވަޑައިގެން، ކިތަންމެ ފިޒިކަލްކޮށް ފުޓްސެލް ކުޅުއްވުމުގައި އުޅުއްވި ނަމަވެސް، ރައްޔިތުންގެ ޙާލު އެނގިވަޑައިގަންނަވާފައި ނުވޭ ތޯ އެވެ؟ 570 މަޝްރޫއުގެ ވާހަކަ އާއި، ދެން ވެސް ތިޔަ ކުރައްވާ މޮޅެތި ކަންކަމުގެ ވާހަކަ އާއި، އިދިކޮޅު ޕާޓީ އަށް އެއްޗެތި ގޮވުމާއި، "ކަރާ ފެޅުން" މަޑު ޖައްސާލެއްވުމަށް ފަހު، ރައްޔިތުންގެ އަސާސީ ޙައްޤު އަދާ ކޮށްދެއްވާށެވެ. ނަމަށް ވެސް، މަޤާމަށް ވެސް ހުތުރު ނުވާނީ އޭރުންނެވެ.
ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކެވިޔަސް ކަމަކު ނުދާނެ އެވެ.









