ރައްޔިތުންގެ މަޖިލިސް: އިޚުލާސްތެރި މަންދޫބުންތަކެއް ތޯ ނުވަތަ ފިހިގަނޑު ބުމަރުތަކެއް ތޯ؟
30 ޖުލައި 2026 | ބުރާސްފަތި 08:46ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދާއިރާގެ މަސްލަހަތަށްވުރެ ސަރުކާރާއި ޕާޓީގެ ނުފޫޒަށް އިސްކަންދޭތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. އައްޑޫގެ ކަރަންޓު މައްސަލައާއި ކުޅުދުއްފުށީގެ ތިމާވެށީގެ ކަންބޮޑުވުންތަކުގައި ވެސް މެންބަރުން ސަރުކާރު ދިފާއުކުރާތީ، މަޖިލީހަކީ މިނިވަން ފިކުރެއް ނެތް ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރޭ


20ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މެންބަރުން | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިންމު އެއް ބާރެވެ. އެއީ ރައްޔިތުންގެ އަޑު އިއްވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް މައިދާނެވެ. ނަމަވެސް، ފަހަކަށް އައިސް މަޖިލީހުގެ މެންބަރުންގެ އަމަލުތަކާއި، ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޕާޓީގެ ނުފޫޒުގެ ސަބަބުން، މެންބަރުންނަކީ އަމިއްލަ ފިކުރެއް ނެތް، ހަމައެކަނި 'ފިހިގަނޑު ބުމަރުތަކެއް' ފަދަ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ފިހިގަނޑު ބުމަރަށް ބަލާއިރު، އެއީ އޭގެ ޒާތުގައި އަމިއްލަ ބާރެއް ނުވަތަ މިސްރާބެއް އޮތް އެއްޗެއް ނޫނެވެ. ބުމަރު އެނބުރޭނީ އެ ހިފަހައްޓައިގެން ހުންނަ މީހަކު ޖެހި ދިމާއަކަށެވެ. މަޖިލީހުގެ މެންބަރުންގެ ހާލަތު މިއަދު މިވަނީ މިފަދަ ގޮތަކަށެވެ. ޕާޓީގެ ލީޑަރު ނުވަތަ ރައީސް އަންގާ ގޮތަކަށް، އެއްވެސް އިޚުލާސްތެރިކަމެއް ނެތި ވޯޓު ދިނުމާއި، ވަކި ކޮޅަކަށް ޖެހުމަކީ މެންބަރުންގެ މިނިވަންކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މި ހާލަތު ރައްޔިތުން މަޖިލީހުން ފެންނަމުންދާއިރު، ޗާބޫކެއް ހިފައިގެން ހުންނަ ސާހިބެއްގެ ކުރިމަތީގައި ތިބޭ އަޅުންތަކެއް ފަދަ ގޮތަކަށް މެންބަރު މިއަދު ގިނަ ބަޔަކު ސިފަ ކުރެ އެވެ.
އެއީ ސަބަބުންތަކެއް ވެސް ނެތިއެއް ނޫނެވެ.
މި ސަރުކާރުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވާ ރައްޔިތުން މަޖިލީހުން ސަރުކާރުގެ މެންބަރުން ދަނީ ރައްޔިތުންގެ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރަމުންނެވެ.
މެންބަރުން ހޮވުމުގެ އަސްލު މަގުސަދަކީ އެ މެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން ކަމަށްވާއިރު، އަމިއްލަ ވަޒަނަށް ނުވަތަ ރަށަށް ގެއްލުންވާ ފަދަ ކަންކަމުގައި ވެސް، ޕާޓީގެ ވިޕްލައިނާ އެއްގޮތަށް އަމަލުކުރުމަކީ ހިތާމަހުރި ކަމެއްނުންތޯ އެވެ. މިސާލަކަށް، ރަށެއްގެ ކަރަންޓުގެ މައްސަލަ ނުވަތަ ތިމާވެށީގެ ނުރައްކާތެރި މައްސަލަތަކުގައި ވެސް، ސަރުކާރު ދިފާއު ކުރުމުގެ ނަމުގައި ރައްޔިތުންގެ އާދޭސްތަކަށް ބީރު ކަންފަތެއް ދިނުމަކީ ތެދުވެރިކަމެއް ނެތްކަމުގެ ހެއްކެއްނުންތޯ އެވެ.
އެގޮތުން ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު (ޝާޑު) ވަނީ އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި ސަރުކާރު ދިފާއު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، މި މައްސަލަ ހައްލު ނުކުރެވުނުއިރު، އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައިނުވެ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު ދިފާއު ކުރައްވައި ވިދާޅުވީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކަރަންޓު ކެނޑުމުގެ މައްސަލަތަކައް ހައްލު ލިބޭނީ އެކަމާ ގުޅޭ ގާނޫނުތައް އުފައްދައި ނުވަތަ އުފައްދާފައިވާ ގާނޫނުތަކަށް އިސްލާހު ގެނެސްގެން ކަމަށެވެ.
މީގެ އިތުރުން ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދިއުމަށް ވެމްކޯ އިން ނިންމާފައިވާތީ އޭގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ފާހަގަކޮށް، ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެން ދާނީ ކުޅުދުއްފުށި ސިޓީ ވެސް ހިމެނޭހެން ވަށައިގެންވާ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނެވެ. ނަމަވެސް އެ ދާއިރާ ތަމްސީލް ކުރައްވާ މެންބަރުން ވަނީ މި މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވާފަ އެވެ.
މަޖިލީހަށް މިފަދަ މައްސަލަތަކުގައި ގަރާރުތައް ހުށަހެޅިގެންދާއިރު، އެކަމުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަކީ ކޮންމެ މެންބަރެއްގެ ވެސް ޒިންމާއެއްނުންތޯ އެވެ. ތިމާގެ އަމިއްލަ ވަޒަނާއި، ތިމާއަށް ވޯޓުދިން ރައްޔިތުންގެ ސަލާމަތަށް އިސްކަންދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުޅުދުއްފުށި ފަދަ ބޮޑެތި އާބާދީތަކުގެ ކައިރީގައި އޮންނަ ރަށްރަށަށް ކުނި ޖަމާކުރުމުން، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ފޯރާނެ ކަމާމެދު ޝައްކަތްނެވެ.
ގައުމުގެ ކަންކަން ރަނގަޅުވާން އެދޭނަމަ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް އިއްވާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާ ތަނަކަށް ވާންޖެހެއެވެ. "ފިހިގަނޑު ބުމަރު" ފަދައިން ވަކި މިސްރާބެއް ނެތި އެނބުރުން ހުއްޓާލައި، ގައުމީ މަސްލަހަތު އިސްކޮށް، އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމަކީ މިއަދު ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދެވެ. މަޖިލީހުގެ އަހުލާގު ރަނގަޅުކޮށް، މެންބަރުންނަކީ އަމިއްލަ ފިކުރާއި ޒަމީރުގެ ބޭނުންކުރާ ބަޔަކަށް ވުމަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްނުންތޯ އެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގާ ހަމަނުޖެހުންތަކާއި، މެންބަރުންގެ ބަހުރުވަ ހުންނަ ގޮތުން، ގިނަ ބަޔަކު މަޖިލިސް 'ޖަނަވާރު ކޮއްޓެއް' ނުވަތަ 'ބަކަރި ކޮއްޓެއް' ގޮތުގައި ސިފަ ކުރުމަކީ ވަރަށް ވެސް ދެރަކަމެއްނުންތޯ އެވެ!









