ރައީސްއެވެ. ފުރަތަމަ އިހުތިރާމްކުރުމުގެ ގައުމީ ކެމްޕެއިން ހިންގެވުމުގެ ބަދަލުގައި، މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާށެވެ!
1 އޯގަސްޓު 2026 | ހޮނިހިރު 07:46ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމާއި ގައުމީ ބޮޑެތި ނިންމުންތައް ނިންމުމުގައި، ސަރުކާރުން ހުރިހާ ސިޔާސީ ޕާޓީތަކަކާއެކު އިހުލާސްތެރި މަޝްވަރާގެ އުސޫލު އިސްކުރަންޖެހޭ. "އިހުތިރާމް ކުރުމުގެ ގައުމީ ކެމްޕެއިން" ކާމިޔާބުވާނީ އިދިކޮޅު ފަރާތްތަކަށް އިހުތިރާމްކޮށް، ފިތުނަވެރިކަމުގެ ބަދަލުގައި ވެރިން ނަމޫނާ ދައްކަވައިގެން ކަމަށްވާތީ، ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަކީ މިއަދު ގައުމަށް އެންމެ ބޭނުންތެރި ކަމެއް


މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން | ރައީސް އޮފީސް
ކޮންމެ ގައުމެއްގެ ވެސް ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނަނީ އެ ގައުމެއްގައި އޮންނަ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ މައްޗަށެވެ. ސިޔާސީ މަސްރަހުގައި ހިޔާލުތަފާތުވުންތައް ހުއްޓަސް، ގައުމީ ބޮޑެތި ނިންމުންތައް ނިންމުމުގައި މަޝްވަރާގެ އުސޫލު އިސްކުރުމަކީ ދުޅަހެޔޮ ޑިމޮކްރަސީއެއްގެ ސިފައެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދަނީ މަޝްވަރާއަށްވުރެ ބޮޑަށް ބަހުގެ ހަމަލާތަކާއި ފިތުނަވެރިކަން އިސްކުރެވޭ މަންޒަރޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
ގައުމެއްގެ އެންމެ މުހިންމު ބިންގަލަކީ އެ ގައުމެއްގެ ގާނޫނުއަސާސީ އެވެ. ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކަކީ ހަމައެކަނި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތުމުން ނިންމާލެވޭނެ ކަންކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، ގޮނޑި ގެއްލޭނެ އުސޫލުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ފަދަ މުހިންމު ކަންކަމުގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާ ހޯދަންޖެހެ އެވެ. އެއް މޭޒެއްގެ ދޮށުގައި ތިބެގެން ކުރެވޭ އިހުލާސްތެރި މަޝްވަރާއަކީ ގައުމުގެ ކުރިމަގު އުޖާލާކޮށްދޭނެ ކަމެއްކަން ކަށަވަރެވެ.
ނަމަވެސް މަޝްވަރާ ކުރުމެއްނެތި، ސަރުކާރުން މިވަނީ "އިހުތިރާމް ކުރުމުގެ ގައުމީ ކެމްޕެއިން" އެއް ފަށާފަ އެވެ.
މިފަދަ ކެމްޕޭނެއްގެ ހަގީގީ ނަތީޖާ ފެންނާނީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ވެސް އިހްތިރާމްކޮށް، އެފަރާތްތަކުގެ ބައިވެރިވުން ޝާމިލުކޮށްގެންނޫންތޯ އެވެ. ހަނގުރާމަ ކުރާ ގައުމުތަކުގައި ވެސް ސުލްހައަށްޓަކައި މަޝްވަރާ ކުރާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ނުތަނަވަސްކަން ހައްލު ކުރުމަށް ރައީސް މުއިއްޒު، އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ޕޯޑިއަމްތަކަށް އަރައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދިނުމާއި، ބޮޑެތި ތުހުމަތުތައް އެޅުވުމަކީ އިހުތިރާމްގެ ސިފައެއް ނޫނެވެ.
ކަންމިހެން އޮތްއިރު، ރައީސް މުއިއްޒުގެ ފަރާތްޕުޅުން މިހާތަނަށް ފެނިފައިވަނީ މިދެންނެވި ގޮތަށް އިހުތިރާމް ލިބޭނެ ފަދަ ސިފަފުޅުތަކެއް ނޫނެވެ. ސިޔާސީ ލީޑަރުންނަކީ ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ބަޔަކަށްވާއިރު، އެއް ބަޔަކު އަނެއް ބަޔަކު ފުނޑާލުމުގެ ރޫހު ދޫކޮށްލައި، ގައުމީ މަސްލަހަތު އިސްކުރަންޖެހޭނުންތޯ އެވެ.
އިހުތިރާމް ކުރުމުގެ ގައުމީ ކެމްޕެއިން ކުރިއަށް ގެންދިއުމުގެ ކުރިން މަޝްވަރާ ކޮށްގެން އެންމެން ބޭނުންވާ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހެ އެވެ. އެއް ވެރިކަމެއްގައި ބާރުތައް ދޫކޮށްފައި، އަނެއް ވެރިކަމެއްގައި އެ ބާރުތައް މަރުކަޒީ ސަރުކާރަށް ނެގުމަކީ ތަރައްގީއަށް އޮތް ހުރަހެއްނުންތޯ އެވެ. ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ސިޔާސީ މަސައްކަތްތައް ބައްޓަންކުރުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ބައިވެރިވާ، ޖަވާބުދާރީކުރެވޭ ނިޒާމެއް ގާއިމުކުރުމަކީ މިއަދު ގައުމަށް އެންމެ ބޭނުންތެރި ކަމެވެ.
މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތަކާއި ސޯޝަލް ހައުސިން ފަދަ ކަންކަމުގައި ސިޔާސީ ގޮތުން ވަކި މަންފާއެއް ހޯދުމުގެ މަސައްކަތް ހުއްޓާލަން ޖެހެ އެވެ. މުޅި ރާއްޖެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި ފައިނަލް ކުރަންޖެހެ އެވެ. ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ސިޔާސީ ބޭނުމަށް ކަންކަން ކުރުން ހުއްޓާލަން ޖެހެ އެވެ. ސަރުކާރުތައް ބަދަލުވާއިރު ކުރީގެ މަޝްރޫއުތައް ހުއްޓާލުމާއި، ޕްލޭންތަކަށް ބަދަލު ގެނައުން ނިމުމަކަށް އަންނަންޖެހެ އެވެ. ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހެ އެވެ.
ގައުމީ ތަރައްގީގެ ބިންގަލަކީ އެންމެންގެ ބައިވެރިވުމާއެކު ކުރެވޭ މަޝްވަރާ ކަމަށްވާއިރު، ތުއްތު ކުދިންނާއި ޒުވާނުންނަށް ރީތި އަދަބުތައް ދަސްކޮށްދެވޭނީ، މުޖުތަމައުގެ އެންމެ މަތީ ފަޑީގައި ތިއްބަވާ ސިޔާސީ ވެރިން ނަމޫނާ ދައްކަވައިގެންނެވެ. އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމާއި، ހިޔާލު ތަފާތުވިޔަސް މަޝްވަރާގެ މަގު އިސްކުރުމަކީ ވެރިންގެ ކިބައިން ފެންނަންޖެހޭ ސިފައެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން، ހުރިހާ ސިޔާސީ ޕާޓީތަކާއި މަސްލަހަތުވެރިން އެއް މޭޒަކަށް ގެންނަވައި، ގައުމީ ބޮޑެތި ކަންކަމުގައި މަޝްވަރާ ކުރައްވަން ޖެހެ އެވެ. ގައުމުގެ ކުރިއެރުމަށްޓަކައި އެންމެން އެއްބަސްވާ އުސޫލުތަކެއް ކަނޑައެޅުމަކީ މިއަދު ދިވެހި ގައުމަށް އެންމެ ބޭނުންތެރި ކަމެކެވެ. ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަކަށް އިހްތިރާމް ކުރުމުގެ ގައުމީ ކެމްޕެއިން ހިންގުމަކުން އަދި އިހުތިރާމެއް ނުލިބޭނެއްނުންތޯ އެވެ.









