މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
14 އޯގަސްޓު 2026 | ހުކުރު 19:05ރައީސް މުއިއްޒުގެ ސަރުކާރުގައި ހިންގުންތެރިކަމުގެ ލީޑަރޝިޕެއް ނެތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިން ވަނީ ގައުމުގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި. ޚާއްސަކޮށް ޑޮލަރުގެ އަގު ބޮޑުވުމަކީ ނޫސްތަކުގެ ސުރުހީތަކާ ގުޅިފައިވާ ކަމެއް ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ބުއްދިއަށް ފުރައްސާރަކުރުން ކަމަށް އޭނާ ސިފަކުރެއްވި


ހިސާން ހުސައިން އައްޑޫ ސިޓިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ލީޑަރޝިޕް އަކީ ދިވެހި ދިދަ ކުރިމަތީގައި ހުއްޓި މޭމަތީގައި އަތް އަޅައިގެން ފަށުވި އިބާރާތުން ބަސްތަކެއް ބުނުމެއް ނޫން ކަމަށާއި މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި އިސްވެރިންގެ ހިންގުންތެރި ކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު ކަމަށެވެ.
މީގެއިތުރުން ހިސާން ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަމާއި ޑޮލަރުގެ އަގު ބޮޑުވުމާ ގުޅޭގޮތުން ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ފާޑުވިދާޅުވެފައި އެވެ. އަދި ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމަށް ސަރުކާރުން ދެކުމަކީ ލަދުވެތިކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.
ޑޮލަރުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ، މި ޝަކުވާތައް އިވުނީމައި، އަޅުގަނޑުމެންގެ އަދުގެ ސަރުކާރުން ބުނަނީ ކީކޭތޯ. މިސާލަކަށް ދަންނަވާ ކަމުގައި ވަންޏާ ޑޮލަރުގެ އަގު މި ބޮޑު ވަނީ ނޫސްތަކުގައި ޖަހާ ސުރުހީގެ ސަބަބުންނޯ، އަޅުގަނޑު ހިތައް އަރާ މާތް ކަލާކޯއޭ ނޫސްތަކުގައި ޑޮލަރުގެ އަގު 10 ރުފިޔާއޭ ޖަހާފިއްޔާމު ޑޮލަރުގެ އަގު އަޅެ މާދަމާ ކުޑަ ވާނެތޯއޭ ތިރިވާނެ ބާއޭ، އަޅުގަނޑުމެން ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމުގައި މިސަރުކާރުން ދެކުމަކީ ހަގީގަތުގައި ވެސް ލަދުވެތިކަމެއްހިސާން ހުސައިން
މީގެއިތުރުން ހިސާން ވިދާޅުވީ ލީޑަރޝިޕަކީ ހަގީގަތުގައި އިމްތިހާން ކުރެވޭ ކަމެއްގެ އިތުރުން ދަތި ހާލަތްތަކުގައި މީހާ ނަތީޖާ ނެރެން ކުރާ މަސައްކަތްތަކުން އެ މީހާއަކީ ކާކު ކަން ބުނެދޭ އެއްޗެއް ކަމަށެވެ. އަދި ލީޑަރޝިޕަކީ ފިތުނަތަކާއި ފިއްތުންތަކަށް ކުރިމަތިލާ، އެ ކަންތައްތަކުން ނަތީޖާ ހާސިލްކޮށް ކުރިއަރާ ސިފަތަކެއް ހުންނަ ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.











