އެމްޑީޕީ ސަރުކާރުން ހަވާލުކުރި 16 މަޝްރޫއެއް ހުއްޓުވުމުގެ ސަބަބުން 60 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް ގީލާ ވިދާޅުވުމުން، އެމްޑީޕީގެ ރައްދު ސަރުކާރަށް
11 އޯގަސްޓު 2026 | އަންގާރަ 19:55އެމްޑީޕީ ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހުއްޓާލައި، ބައެއް ރަށްރަށުގެ ހޮސްޕިޓަލްތައް އެހެން ރަށްރަށަށް ބަދަލުކޮށްފައިވާތީ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި. މި މަޝްރޫއުތައް ބާތިލުކުރުމުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާކަމަށާއި މީގެ ފުރިހަމަ ޒިންމާ މި ސަރުކާރުން އުފުލަންޖެހޭނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވޭ


ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރު ގީލާ އަލީ: އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް ބާތިލު ކުރަން ނިންމެވީ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރުވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ | ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ ސަރުކާރުން ހަވާލުކޮށްފައިވާ 16 މަޝްރޫއު ހުއްޓުވީ މި ސަރުކާރުން ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މިއަދުގެ ނާގާބިލު ސަރުކާރުން ކަމަށް ބުނެ އެ ޕާޓީ އިން މި ސަރުކާރަށް ވަރުގަދަ ރައްދެއް ދީފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިއްހީ ނިޒާމުގެ މަސައްކަތްތައް ލަސްވެ، އެ ދާއިރާ ފަހަތަށް ސޮއްސާލާފައިވާ ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާގެ 16 މަޝްރޫއެއް މި ސަރުކާރުން ބާތިލު ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި މަޝްރޫއުތަކަކީ އެމްޑީޕީ ސަރުކާރުން ފަށައި، އެކަމަށް ބޭނުންވާ ފައިސާ ވެސް ދޫކޮށްފައިވާ މަޝްރޫއުތަކެއް ނަމަވެސް، ގީލާ ވިދާޅުވި ގޮތުގައި މަޝްރޫއުތައް ބާތިލު ކުރަން ނިންމެވީ ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު ވެސް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެވެ. މި 16 މަޝްރޫއަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާ ދޫކޮށްފައިވީ ނަމަވެސް މަޝްރޫއުތައް ބާތިލުކުރަން ނިންމެވީ އެ މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ސިއްހީ ދާއިރާއަށް ލިބޭ ގެއްލުން ބޮޑުވަމުން ދާތީ ކަމަށް ވެސް ގީލާ ވިދާޅުވި އެވެ.
މިކަމަށް ރައްދުދީ އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީޕީ ސަރުކާރުން ހަވާލުކޮށްފައިވާ 16 މަޝްރޫއު ހުއްޓުވީ މިއަދުގެ ސަރުކާރުން ހެލްތު މިނިސްޓްރީ އިން އަންގައިގެން ކަމަށެވެ. އަދި މި މަޝްރޫއުތަކުގެ ތެރޭގައި ހއ. އިހަވަންދޫ ހޮސްޕިޓަލު މަޝްރޫއު، ހއ. ކެލާ ހޮސްޕިޓަލު މަޝްރޫއު، ށ. ކަނޑިތީމު ހެލްތު ސެންޓަރު މަޝްރޫއު، ށ. ފުނަދޫ ހޮސްޕިޓަލު މަޝްރޫއު، ރ. އިނގުރައިދޫ ހެލްތު ސެންޓަރު މަޝްރޫއު، ފ. ފީއަލީ ހެލްތު ސެންޓަރު މަޝްރޫއު، ނ. ފޮއްދޫ ހެލްތު ސެންޓަރު މަޝްރޫއު، ނ. ކުޑަފަރީ ހެލްތު ސެންޓަރު މަޝްރޫއު ހިމެނޭ ކަމަށެވެ.
މި ބަޔާނުގައި ބުނީ މި މަޝްރޫއުތަކުގެ މަސައްކަތް ހުއްޓުވައި، އެއްބަސްވުންތައް ބާތިލުކުރީ މި މަޝްރޫއުތަކުގެ މަސައްކަތް އެކިއެކި މަރުހަލާގައި ހިނގަމުން ދަނިކޮށް ކަމަށެވެ. އަދި މީގެ ތެރެއިން ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންދިޔައިރު ވެސް ކޮންޓްރެކްޓަރުން ކޮށްފައިވާ މަސައްކަތްތަކަށް ހުށަހަޅާފައިވާ ބިލްތަކަށް މިސަރުކާރުން ފައިސާ ދައްކާފައި ނުވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރުން ކުވައިތު ފަންޑުގެ އެހީގައި ކުރިއަށް ގެންދިޔަ ކ. ތުލުސްދޫ ހޮސްޕިޓަލު މަޝްރޫއާއި ނ. ވެލިދޫ ހޮސްޕިޓަލު މަޝްރޫއު އަދި ށ. މިލަންދޫ ހޮސްޕިޓަލު މަޝްރޫއުގެ އެއްބަސްވުން ވެސް ބާތިލުކުރީ 11 މާޗް 2025 ވަނަ ދުވަހު މި ސަރުކާރުން ކަން ފާހަގަކޮށް، އެ ޕާޓީ އިން ބުނީ މި ތިން ހޮސްޕިޓަލު މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏަކާ ކަމަށެވެ. މި މަޝްރޫއުތައް ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 70 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ބަދަލެއް ހޯދުމަށް އިންޑިއާގެ ކޮންޓްރެކްޓަރު ސަރުކާރަށް ހުށަހަޅާފައިވާކަން އެ ޕާޓީ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ސްޕެއިންގެ އެގްޒިމް ބޭންކް އެހީގައި އެމްޓީސީސީ މެދުވެރިކޮށް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ ލ. ގަމު ޓާރޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ވެސް ހުއްޓުވީ މި ސަރުކާރުން ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނީ އެމްޑީޕީ ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް އަށް ހުށަހަޅައިގެން އއ. ރަސްދޫ ހޮސްޕިޓަލު މަޝްރޫއު، ނ. މަނަދޫ ހޮސްޕިޓަލު މަޝްރޫއު، އަދި ޏ. ފުވައްމުލައް ހޮސްޕިޓަލަށް ހޯދި 50 މިލިއަން ޑޮލަރުން އިމާރާތް ކުރަން ހަމަޖެހިފައިވާ މި 3 ރަށުގެ ހޮސްޕިޓަލުގެ ތެރެއިން، 2 ރަށެއްގެ ހޮސްޕިޓަލު މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އއ. ރަސްދޫގެ ބަދަލުގައި ފ. ނިލަންދޫ އަދި ނ. މަނަދޫގެ ބަދަލުގައި ލ. ފޮނަދޫ އަށް މަޝްރޫއުތައް ބަދަލު ކޮށްފައިވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.
އެ ޕާޓީ އިން ބުނީ މި މަޝްރޫއުތައް މިހާރު، ސަރުކާރުގެ އެސްއޯއީތަކަށާއި އެކިއެކި ކުންފުނިތަކަށް އެމްޑީޕީ ސަރުކާރުން ހަވާލުކުރި އަގަށްވުރެ ބޮޑު އަގުގައި ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހަވާލު ކޮށްފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ނޭޝަނަލް ޓެންޑަރ ބޯޑް މެދުވެރިކޮށް ނިންމަން ޖެހޭ ހުރިހާ މަރުހަލާއެއް ނިންމުމަށް ފަހުގައި ކަމަށެވެ.
އެމްޑީޕީ އިން ބުނީ އެ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ މިއަދުގެ ނާގާބިލު ސަރުކާރުން ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށެވެ.










