އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
14 އޯގަސްޓު 2026 | ހުކުރު 18:07އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާ، ޑިމޮކްރެޓިކް އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އަބްދުﷲ ޝާހިދު އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފި. އައްޑޫގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ހުރިހާ ފިކުރެއް ގޮވައިގެން ރައްޔިތުންނަށް އިންސާފުވެރި ވެރިކަމެއް ކޮށްދެއްވުމަށް ކަމަށް


އަބްދުﷲ ޝާހިދު އައްޑޫ ސިޓިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފި އެވެ.
ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ޝާހިދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުތަކަށް ބަލާއިރު، ޕާޓީގެ އިސް މަގާމެއްގައި ހުންނަވައިގެން ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރެއްވުމާއި، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަކީ އޭނާ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.
މިފަދައިން ވިދާޅުވެ ޝާހިދު ވަނީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޕާޓީގެ ރައީސްކަމުގެ މަގާމުގައި އަޅުގަނޑު ހިދުމަތްކުރި ދުވަސްތަކުގެ ތެރޭގައި އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ މި ދެންނެވި އުސޫލުން، އެެހެންކަމުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އިއުލާނުކުރުމާއެކު، މިއަދުން ފެށިގެން ޕާޓީގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިންއަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ މި މަސައްކަތުގައި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންގެ ތާއީދާއި ވޯޓަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ވެގެންދާނީ ޕާޓީގެ ހުރިހާ މެންބަރުންގެ މީހަކަށް ކަމަށާއި ހުރިހާ ފިކުރެއް ގޮވައިގެން އުޅޭނެ އަދި އުޅެވޭނެ މީހަކަށް ވެވަޑައިގެން، ކަންކަން ޑެލިވަރ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މީގެއިތުރުން މުޅި ގައުމުގެ ލާބަ އާއި މަސްލަހަތު އިސްކުރައްވާ، ހިމާޔަތްކުރައްވާ، ދިވެހި ރައްޔިތުންނަށް އިންސާފުވެރި، ހަމަހަމަ ފުރުސަތެއް އޮތް ސާދާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އެމްޑީޕީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ އިންތިޚާބަކާ ނުލަ އެވެ. އެއީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެ މަގާމަށް ފުރުސަތު ހުޅުވާލުމުން، އިތުރު ކެންޑިޑޭޓަކު ކުރިމަތިލައިފައިނުވާތީ އެވެ. އެމްޑީޕީ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝާހިދު ވަނީ ނިމުނު އެމްޑީޕީ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމުގެ މަގަމު ފުރުއްވައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
ޝާހިދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފަ އެވެ.











