ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026 | ހުކުރު 18:46ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެ ޝާހިދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ސިޔާސީ މަގާމުތައް އިތުރުކުރަމުންދާއިރު އާންމު މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ހަގީގީ ބަދަލު ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް


އަބްދުﷲ ޝާހިދު އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް، ބަދަލުކޮށްލި ފަހުލަވާނުން މިއަދު ގައުމަށް ބޭނުންވެފައިވާ ކަމަށާއި އެފަދަ ފަހުލަވާނުން ތިބީ އެމްޑީޕީގައި ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއަކީ ވިސްނުން ތޫނު ރައްޔިތުން އުޅޭ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް މަދުވަނީ އިންތިޚާބުތަކުގައިވާ ވައުދުތަކާ އެއްވަރަށް ރައްޔިތުންގެ ޚާދިމަކު ކަމުގައި ދެކިގެން މަސައްކަތް ކުރާނެ ތެދުވެރި ސަރުކާރެއް ކަމަށާއި އެފަދަ ސަރުކާރެއް އަނެއްކާ ވެސް ގެނެސްދެވޭނީ އެމްޑީޕީ އަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށްދިން ފަހުލަވާނުން ތިބީ އެމްޑީޕީގައި ކަމަށާއި ގައުމަށް ބޭނުންވާ ބަދަލުތައް ގެނެވޭނީ އެ ފަހުލަވާނުންނަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރާއްޖެއަށް ބޭނުން ވެފައި އޮތް ގޮތް ބަލާ ގަބޫލުކޮށް، ވާގޮތް ބަލާ ހޯދާ، ވާންވި ގޮތުގެ ތަސައްވުރާ ބުންވަރު ހުރި ސަރުކާރެއް. އެއީ ދުނިޔޭގެ އާޖުފާޖު ދަންނަ ބަޔަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫން. ރައްޔިތުންގެ ހާލަތު ބަދަލު ކުރަންޖެހޭ. މިކަން އަނެއްކާ ވެސް ބަދަލުކުރެވޭނީ އެމްޑީޕީއަށް. ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުންނަށް ނޫނީ މިކަމެއް ނުކުރެވޭނެ. އެ ފަހުލަވާނުން ތިބީ އެމްޑީޕީގައިއަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ މިޒަމާނުގެ ބަހުރުވައިން ވިދާޅުވާ ނަމަ، ރާއްޖޭގެ ތަރައްގީގެ މިސްރާބު މިއަދު ވަނީ 'ވާނުވާގައި' ކަމަށާއި އިގްތިސާދީ ގޮތުން ރާއްޖެ މިއަދު މި ދެކެނީ އަނދިރި ދުވަސްތަކެއް ކަމަށެވެ. އަދި ގައުމެއްގެ ފުދުންތެރިކަން ނެތިއްޖެ ނަމަ އެތަނެއްގެ ނިމުން ހިތިވާނެ ކަމަށާއި މިކަން މިއަދު ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން ސްޓްރެޓީޖިކް ގޮތުން މިއީ މުހިިއްމު ޖަޒީރާއެއް ކަމުގައި މުޅި ދުނިޔެ ގަބޫލުކޮށްފި ކަމަށާއި އެހެން ނަމަވެސް މިކަން ގަބޫލު ނުކުރެވިގެން އުޅެނީ އަދުގެ ނާގާބިލު ސަރުކާރަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެގޮތުން ތަރައްގީ އަށް ބެލިކަމުގައިވީ ނަމަވެސް އަދި ގައުމީ ނަޒަރަކުން ވިސްނާލިޔަސް އައްޑޫއަކީ ގައުމީ ތަރައްގީ އަށް މުސްތަގުބަލެއްގެ ތަސައްވުރު ކަނޑައެޅޭ މީޒާން ކަމަށާއި ރާއްޖެ އަށް ހެޔޮ ރަނގަޅު ބަދަލެއް، އަދި ރައްޔިތުންގެ ޖީބަށް ފައިސާ އާއި ސިނކުޑިއަށް ފިނިކަމެއް ގެނައުމުގައި، އެ ވިސްނުން ހޭރިއާކޮށް ފެށެނީ އައްޑޫ ސިޓީއާ ހަމައިން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އަދުގެ ސަރުކާރުން، މި ދުނިޔެވީ ހަގީގަތް ގަބޫލުކުރާކަށް ގަސްދުނުކުރާ ކަމަށާއި ރައްޔިތުންނަށް ޖެއްސުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ދޮލަނގަށް، އޮލަނބަށް ވައްކަން. މިއަދު ނިކަން ދެކެވަޑައިގަންނަވާ. މި އައްޑޫ ސިޓީގެ 80ށް ވުރެ ގިނަ ޒުވާނުން ވަޒީފާ އިން ކަނޑާ ވަކި ކޮށްލީ. އެއީ ކާކު ކީއްކޮށްފަ ތޯ. އައްޑޫ ސިޓީ އާ ޖެހުނީމާ، ރާއްޖޭގެ ރަށްރަށާއި ޖެހުނީމައި މީހުން ވަޒީފާ އިން ވަކިކޮށް އުކާލަނީ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މި ސަރުކާރުން ކުރަނީ ހުސް ވައްކަމޭ. އޮލަނބަށް ވެސް ދޮލަނގަށް ވެސް ވައްކަމޭ. ސަރުކާރުގެ އެ ވިސްނުމާ އަމަލުތައް އަޅުގަނޑުމެން ބަދަލު ކުރާނަން. ބަލިކުރާނަންއަބްދުﷲ ޝާހިދު
އައްޑޫ ސިޓީގެ ބިންތައް އަތުލައި، އެއީ އެއްވެސް ބައެއް ނޫން ކަމަށް ހީކޮށް، މި ސަރުކާރުން އެ ކުރަނީ ވެރިކަމެއް ނޫން ކަމަށާއި އެ ކުރަނީ ހުސް ވައްކަން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.











