ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް: ޚުތުބާ
ޢާޝޫރާ ދުވަހަކީ ފިރުއައުނުގެ އަނިޔާވެރިކަމުން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން ރޯދަހިފާ ދުވަހެއް ކަމަށް ޚުތުބާގައި ބުނެފައިވޭ. މި ދުވަހުގެ ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނެ ކަމެއްކަން ބަޔާންކޮށް، އެންމެ ފުރިހަމަ ގޮތަކީ މުޙައްރަމް މަހުގެ 9، 10 އަދި 11 ވަނަ ދުވަހު ރޯދަހިފުން ކަމަށް ޚުތުބާގައި ފާހަގަކުރި. މީގެ އިތުރުން، ކޮންމެ މުސީބާތަކުން ސަލާމަތްވުމުގެ އަސްލަކީ އީމާންކަން ކަމަށްވާތީ، މިފަދަ މާތް ދުވަސްތަކުގެ ބޭނުން ހިފައި ހެޔޮ އަމަލުތައް އިތުރުކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި.


އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ އަޑު އަހަނީ. | ރާއްޖެއެމްވީ
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަ ކުރުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް ކަމަށާއި، އެފަދަ ސުންނަތް ރޯދަތައް ހިފުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
''ޢާޝޫރާ ދުވަސް'' މިމައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުތުބާގައި ބުނީ، މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި މާތްކަމާއި، އިބުރަތްތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި، ޢާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެ ކަލޭގެފާނަށް ތަބާވީ މީހުން ސަލާމަތްކޮށްދެއްވި ދުވަސް ކަމަށެވެ. ފިރުއައުނާއި އޭނާ ގެ ބޮޑު ލަޝްކަރު ޣަރަޤުކުރެއްވީ އެ ދުވަސް ކަމާއި، މޫސާގެފާނަށް ތަބާވީ މީހުން الله تَعَالَىއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފިކަން ބަޔާންކޮށްފައިވެ އެވެ.
މި ފަދަ ހާދިސާތަކުގައި ގިނަގުނަވެގެންވާ އިބުރަތްތަކާއި ފިލާވަޅުތައް ލައްވައިފައިވަނީ މާތްﷲ އަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ރަސޫލުން ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، މީސްތަކުންގެ އީމާންކަން ހަރުދަނާ ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ޚުތުބާގައި ބުނީ، ފިރުއައުނުގެ ކިބައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީމީހުން ސަލާމަތްވީ ހާދިސާއަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ، މުސީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމަށެވެ. އަދި އާޚިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ އެއީ ކަމަށާއި، މާތްﷲ އަށް އިތުބާރުކޮށް އެކަލާނގެ ހަސްރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތް ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ކީރިތި ރަސޫލު مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޢާޝޫރާ ދުވަހު ރޯދަހިފުންވަނީ ސުންނަތެއްކަމުގައި ލައްވައިފައެވެ. މޫސާގެފާނާއި އެ ކަލޭގެފާނަށް އީމާންވީ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވިކަމަށް ޓަކައި ޝުކުރުވެރިވުމުގެ ގޮތުންނެވެ. ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ސަވާބު ބަޔާންކޮށްދެއްވައި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (وَصِيَامُ يَوْمِ عَاشُوْرَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكفِّرَ السَّنَةَ الَّتِيْ قَبْلَهُ) މާނައީ: "އަދި ޢާޝޫރާ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް މާތް اللهގެ ޙަޟުރަތުން ފުއްސަވައިދެއްވާނެ ކަމެއްކަމުގައި ވުމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." އަދިވެސް ރަސޫލު مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެ އެވެ. (لَئِنْ بَقِيْتُ إِلَى قَابِلٍ لَأَصُوْمَنَّ التَّاسِعَ) މާނައީ: "މި އަންނަ އަހަރުގެ މި ދުވަހާ ޖެހޭންދެން ތިމަންކަލޭގެފާނު ދުނިޔޭގައި ލަހައްޓަވައިފި ނަމަ ހަމަކަށަވަރުން ނުވަވަނަ ދުވަހު ވެސް ރޯދަފުޅު ހިއްޕަވާހުށީމެވެ!"ހުކުރު ޚުތުބާ
ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖަ އެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖަ އަކީ ޢާޝޫރާ ދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއް ދުވަސް ފަހުން ރޯދަ ހިފުން ކަމަށާއި، އޭގެ ފަހުން އަންނަ ދަރަޖަ އަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ކަމަށެވެ. އެއީ ގިނަ ހާދީސްތަކުން ދޭހަވާ ގޮތް ކަމަށާއި، އޭގެ ފަހުން އަންނަ ދަރަޖަ އަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
ޢާޝޫރާ ދުވަހުގެ ރޯދައަކީ ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް، ހެޔޮ އަމަލުތަކުގެ މައްޗަށް މީސްތަކުން ތަރުބިޔަތުވެ، އަމަލީގޮތުން އޭގެ ތެރެއަށް ވަނުމަށް މާތްﷲ ހުޅުއްވައިދެއްވައިފައިވާ ދޮރެއް ކަމަށެވެ.
އެހެންކަމުން އަހަރުގެ އެކި ހިސާބުގައި މި ފަދަ ތަފާތު ދުވަސްތައް އައުމުން ނަފުސު އެ ކަންކަމަށް ހޭނުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.






