ޓްރަމްޕް އަށް ހަމަލާ ދީފާނެކަމުގެ މައުލޫމާތު އިސްރާއީލް އިން ހިއްސާކުރި، ނަމަވެސް އެމެރިކާ އިން ދެކުނީ އެއީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައި
13 އޯގަސްޓު 2026 | ބުރާސްފަތި 05:04ތުރުކީގައި އޮތް ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓްރަމްޕް ފުރައިވަޑައިގެންނެވުމުގެ ކުރިން، އިސްރާއީލް އިން އޮތީ އެ މައުލޫމާތު އެމެރިކާއާ ހިއްސާކޮށްފައި ކަމަަށް ބުނެފައިވޭ. ނަމަވެސް، އެއީ ޓްރަމްޕްގެ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމުގެ މަޤުސަދުގައި ދިން މައުލޫމާތު ތަކެއްގެ ގޮތުގައި އެމެރިކާގެ އިސްވެރިން ވަނީ ދެކިފައި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވޭ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު އިސްރާއީލް އިން އޮތީ އެމެރިކާއާ ހިއްސާކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މި މައުލޫމާތުތައް ހާމަކޮށްފައި ވަނީ އެމެރިކާގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް، ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
އެގޮތުން ތުރުކީގައި އޮތް ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓްރަމްޕް ފުރައިވަޑައިގެންނެވުމުގެ ކުރިން، އިސްރާއީލް އިން އޮތީ އެ މައުލޫމާތު އެމެރިކާއާ ހިއްސާކޮށްފައި ކަމަަށް ބުނެފައިވެ އެވެ. ނަމަވެސް، އެއީ ޓްރަމްޕްގެ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމުގެ މަޤުސަދުގައި ދިން މައުލޫމާތުތަކެއްގެ ގޮތުގައި އެމެރިކާގެ އިސްވެރިން ވަނީ ދެކިފައި ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.
ނޭޓޯ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ޓްރަމްޕް އެނބުރި އެމެރިކާ އަށް ވަޑައިގެންނެވުމުގެ މަގު މަތީގައި ވަނީ ވަރަށް ސިއްރުން އޭނާ ދަތުރު ކުރެއްވި ބޯޓު ބަދަލު ކޮށްފައި އެވެ. އެގޮތުން ކާބޯ ތަކެތި އުފުލާ ޓްރަކަކަށް އަރައިވަޑައިގެން، ޓްރަމްޕް ވަނީ ބޯޓު ބަދަލު ކުރައްވާފަ އެވެ.
ކުއްލި ގޮތަކަށް ޓްރަމްޕް ބޯޓު ބަދަލު ކުރައްވާފައި ވަނީ، އީރާން އިން އޭނާ އަށް އަމާޒުކޮށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. މިކަން ހާމަވުމާ އެކު، އެމެރިކާގެ ސިޔާސީ މަސްރަހުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައި އެވެ. އެގޮތުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން ވެސް ވަނީ، އެކަމުގެ ފުރިހަމަ މައުލޫމާތު ކޮންގްރެސްއާ ހިއްސާ ކުރުމަަށް ގޮވާލައިފަ އެވެ.
އެމެރިކާާ އާއި އިސްރާއީލްއާ ދެމެދު ގާތް ގުޅުމެއް އޮންނަ ނަމަވެސް، ފަހަކަށް އައިސް ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން ވަނީ ކޮންމެ ވެސް ވަރަކަށް ހީނަރުވެފައި އެވެ. ޚާއްސަކޮށް އެމެރިކާ އިން އީރާން އާއެކު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތާ މެދު އިސްރާއީލް އިން ހިތްހަމައެއް ނުޖެހެ އެވެ. އަދި ޣައްޒާ ހަނގުރާމަ ނިންމުމަށް ޓްރަމްޕް އެކުލަވާލާފައިވާ ޕްލޭންއާ ވެސް އިސްރާއީލް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.
ޓްރަމްޕް އަށް ހަމަލާ ދީފާނެ ކަމުގެ މައުލޫމާތު އިސްރާއީލް އިން އެމެރިކާއާ ހިއްސާކޮށްފައިވާ ކަމަށް ބުނެފައި ވީ ނަމަވެސް، އެކަމާ ގުޅޭ ގޮތުން އިސްރާއީލް އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ. އަދި އެމެރިކާގެ ސަރުކާާރުން ވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










