ހުރްމުޒް ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރު ވަރަށް ބޮޑަށް ދަށްވެއްޖެ
12 އޯގަސްޓު 2026 | ބުދަ 07:20މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އީރާނުން ހުރްމުޒް ކަނޑުއޮޅި އާ ބެހޭ ގޮތުން ދެމުންދާ އިންޒާރުތަކާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް ދަށްވެފައި. ކުރިން ދުވާލަކު 130 އަށްވުރެ ގިނަ އުޅަނދު ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 އަކަށްވުރެ ދަށަށް ގޮސްފައި. އެހެންނަމަވެސް، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން މަދުވި ނަމަވެސް ބާބުލް މަންދަބު ކަނޑުއޮޅި ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ

ހުރްމުޒް ކަނޑުއޮޅީގެ ސަރަހއްދުގައި އޮމާންގެ މުސަންދަމް ކައިރިން 2017 ޖެނުއަރީ 25 ވަނަ ދުވަހު ދޯންޏެއްގައި ފަތުރުވެރިން ކުރި ކްރޫޒް ދަތުރެއްގެ މަންޒަރު. | އެލަމީ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުން މަދުކޮށްފައިވާތީ، އެ ސަރަހައްދުން ދަތުރުކުރި އުޅަނދުފަހަރުގެ އަދަދު މިދިޔަ އަންގާރަ ދުވަހު އަށް އުޅަނދަށް ދަށްވެފައިވާކަން ކަނޑުދަތުރުފަތުރާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ ފާއިތުވި އެއް ހަފުތާގެ ތެރޭގައި އެ ސަރަހައްދުން އުޅަނދުފަހަރު ދަތުރުކުރި މިންވަރު މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދު ކުޑަވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއާއި އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫޘީން ވަނީ ވަކިވަކިން ހަމަލާތަކެއް ދީފައިވާކަން ރިޕޯޓުކޮށްފަ އެވެ. މީގެ އިތުރުން، ވޮޝިންޓަނުން އީރާނުގެ ޝަރުތުތައް ގަބޫލުނުކުރާހާ ހިނދަކު ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް ތެހެރާނުން ވަނީ ބުނެފަ އެވެ.
ކެޕްލަރ (Kpler) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަންގާރަ ދުވަހު ފެނުނު އަށް އުޅަނދަކީ ފާއިތުވި 10 ދުވަހުގެ އެވްރެޖް އަދަދު ކަމަށްވާ 12 އަށްވުރެ މަދު އަދަދެކެވެ. މިއީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހަށްފަހު އެ ސަރަހައްދުން ދުވާލެއްގެ މައްޗަށް އެންމެ މަދުން އުޅަނދުފަހަރު ފެނުނު ދުވަހެވެ. މީގެ ތެރެއިން ކަނޑުއޮޅިން ބޭރުވީ ބޯޓުދެލި އުފުލާ އެންމެ އުޅަނދެއް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ ސަރަހައްދަށް ވަން ހަތް އުޅަނދުވެސް ދަތުރުކޮށްފައިވަނީ އީރާނުގެ ކަނޑުގެ ސަރަހައްދުންނެވެ.
އެލް.އެސް.އީ.ޖީ (LSEG) ގެ ވަކި ތަފާސްހިސާބުތަކަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު 14 އުޅަނދެއް އެ ސަރަހައްދު ހުރަސްކޮށްފައިވީ ނަމަވެސް، އަންގާރަ ދުވަހު އެ އަދަދު ވަނީ 11 އަށް ދަށްވެފަ އެވެ.
އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ހަމަލާތައް ދޭން ފެށުމާ ގުޅިގެން އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމުގެ ކުރިން، އާންމުގޮތެއްގައި ދުވާލެއްގެ މައްޗަށް 130 އާއި 140 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު އެ ސަރަހައްދު ހުރަސްކުރެ އެވެ.
ކެޕްލަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަތްކަނޑުގެ ދެކުނު ބިތުގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅި ހުރަސްކުރި އުޅަނދުފަހަރުގެ އަދަދު އަންގާރަ ދުވަހު ވަނީ 30 އަށް އަރާފަ އެވެ. މިއީ ފާއިތުވި 10 ދުވަހުގެ އެވްރެޖް އަދަދު ކަމަށްވާ 25 އަށްވުރެ އިތުރު އަދަދެކެވެ.
މަސްދަރު: ރޮއިޓާސް










