އީރާނާ މެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ހަނގުރާމައިގެ ސިޔާސަތު ބަދަލުވީ ކީއްވެ؟
10 އޯގަސްޓު 2026 | ހޯމަ 16:22އީރާނުގެ ބަނދަރުތައް ބަންދުކޮށް އިގްތިސާދު އިނދަޖައްސާލުމުގެ ސިޔާސަތެއް އެމެރިކާއިން މިހާރު އިސްކުރި އިރު، ހަނގުރާމައަށް އޮތް ތާއީދު ކުޑަވުމާއި ހަތިޔާރު މަދުވުމުގެ ގޮންޖެހުންތައް ޓްރަމްޕަށް ވަނީ ކުރިމަތިވެފައި. އަދި އީރާނުން އަވަށްޓެރި ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރަމުންދާއިރު، އީރާނު އިނދަޖައްސާލުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަކަށް ނުބެލޭ

އިނގިރޭސިވިލާތުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޕޯޓްސްމައުތުގައި، 2019 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ބޭއްވި "ޑީ-ޑޭ" އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޓޭޖުން ފައިބައިވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 23 ހަފުތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަސްކަރީ ހަމަލާތަކެއް ދިނުމުގެ ބަދަލުގައި އީރާނުގެ އިގްތިސާދު އިނދަޖައްސާލުމުގެ ސިޔާސަތަކަށް އިސްކަންދެއްވާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. މިއީ މިދިޔަ ހަފުތާގައި ޓްރަމްޕް ދެއްވި އިންޒާރުތަކާ މުޅިން ތަފާތު ނިންމުމެކެވެ.
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސް ކަމުގައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އީރާނުގެ ސިފައިން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ. އަދި ހަމައެއާއެކު، އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކޮށް (ނޭވަލް ބްލޮކޭޑް)، އެ ގައުމަށް ކުރާ ފިއްތުންތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށް ބުނި ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދަނީ "ސެމީ އޮފިޝަލް" މަޝްވަރާތަކެއް ކަމަށެވެ. ނަމަވެސް، ވޮޝިންޓަނާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރަމުންދާ ކަމަށް ތެހެރާނުން ވަނީ އިންކާރުކޮށްފަ އެވެ.
މަސްތަކެއް ވަންދެން ކުރި ވަރުގަދަ ހަނގުރާމައަށްފަހު، އަސްކަރީ ބާރުގެ ބަދަލުގައި އިގްތިސާދީ ފިއްތުންތަކަށް ޓްރަމްޕް މި ބަދަލުވީ ކީއްވެގެން ހެއްޔެވެ؟
ބަދަލުވި ސިޔާސަތާ މެދު ޓްރަމްޕް ވިދާޅުވީ ކީކޭ؟
އީރާނު ހަނގުރާމައާ ގުޅޭގޮތުން އާދިއްތަ ދުވަހު "އެކްސިއޯސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން މިހާރު ގެންގުޅެނީ "ލޯ-ކީ" ނުވަތަ މަޑުމައިތިރި ސިޔާސަތެއް ކަމަށެވެ. މިއީ އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ ބިރުވެރި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ، މިދިޔަ ހަފުތާގައި ދެއްވި އިންޒާރުތަކާ މުޅިން ހިލާފު ވާހަކަފުޅެކެވެ.
ޓްރަމްޕް މިހާރު ވިދާޅުވަނީ އީރާނަށް އަސްކަރީ ގޮތުން ހަމަލާދިނުމުގެ ބަދަލުގައި، އިގްތިސާދީ ގޮތުން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ދޭން ބޭނުންވާ ކަމަށެވެ.
އީރާނުގެ ތަކެތީގެ އަގު އިންތިހާއަށް އުފުލި (އިންފްލޭޝަން)، އެ ގައުމުގެ ސިފައިންނަށް މުސާރަ ދިނުމަށްވެސް ދަތިވެ، އިގްތިސާދީ ގޮތުން އީރާނު އޮތީ "ވަރަށް ދެރަ ހާލަތެއްގައި" ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ. އަދި މިދިޔަ އޭޕްރީލް މަހުން ފެށިގެން އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމަކީ މި ފިއްތުންތައް އިތުރުވުމުގެ މައިގަނޑު ސަބަބު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "އަހަރެމެން މި ބަލަނީ އީރާނުގެ އިންފްލޭޝަން މައްޗަށް ގޮސް، އެމީހުންގެ އަތުން ފައިސާ ހުސްވަމުންދާ މަންޒަރު،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން، ތެލުގެ އަގު ދަށްވުމަކީވެސް އެމެރިކާއަށް ލިބުނު ލުޔެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ނަމަވެސް، ހޯމަ ދުވަހު ތެޔޮ ފީފާއެއްގެ އަގު ހުރީ 78 ޑޮލަރުގަ އެވެ. މީގެ ސަބަބުން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރި އިގްތިސާދީ އަސަރު ކުޑަވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކަންކަން ހަމައަކަށް އެޅޭނެ. އަބަދުވެސް ކަންކަން ނިމެނީ ރަނގަޅަށް. މިއީ ހަމަ ޗެސް ގޭމެއް ކަހަލަ ކަމެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުގެ ބަންދަރު އައްބާސްގެ އަތިރިމަތިން ފެންނަ ހުރްމުޒް ކަނޑުއޮޅީގައި އޮތް އުޅަނދެއް | ރޮއިޓާސް
ހޮނިހިރު ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، އެމެރިކާއިން މިހާރު ދަނީ ޚާރިޖީ، އިގްތިސާދީ އަދި އަސްކަރީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެމެރިކާގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކުރުމުން ވީ ކީއް؟
އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ހިފަހައްޓަމުންނެވެ. މީގެ ބޭނުމަކީ ދުވާލަކު 1.5 މިލިއަން ފީފާގެ ތެޔޮ ބޭރުކުރާ އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވައި، އެ ގައުމަށް ލިބޭ އާމްދަނީ ދަށްކުރުމެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ބުނި ގޮތުގައި، އެމެރިކާ ސިފައިން ވަނީ ވިޔަފާރި ކުރާ 53 އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، ދެ އުޅަނދަކަށް އަރައި ފާސްކޮށް، އަދި އިތުރު ދެ އުޅަނދެއްގެ ދަތުރު ހުއްޓުވާފަ އެވެ.

ޔޫއެސްއެސް ބޮކްސާ (އެލްއެޗްޑީ 4) މަނަވަރުގެ ފްލައިޓް ޑެކުން ޔޫއެޗް-1ވައި ވެނަމް މަރުކާގެ ޔުޓިލިޓީ ހެލިކޮޕްޓަރެއް އުދުއްސާލަނީ | ސެންޓްކޮމް
ޓްރަމްޕް މި ފިޔަވަޅުތައް ސިފަކުރެއްވީ ގުޑުވާނުލެވޭނެ "ދަގަނޑު ފާރެއްގެ" ގޮތުގަ އެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުންވެސް ވަނީ މި ބްލޮކޭޑްގެ ސަބަބުން ސާފުނުކުރާ ތެޔޮ ބޭރުކުރެވޭ މިންވަރު ސުމަކާ ގާތްވެފައިވާ ކަމަށް އެއްބަސްވެފަ އެވެ. މީގެ ސަބަބުން، ކުރިއްސުރެ އޮތް އިގްތިސާދީ މައްސަލަތަކާއި، ގިނަ އަހަރުތަކެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހީނަރުވެފައިވާ އީރާނުގެ އިގްތިސާދަށް ވަނީ އިތުރު ލޮޅުންތަކެއް އަރާފަ އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައިގައި އީރާނުގެ އުމްރާނީ ވަސީލަތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި، މި ގެއްލުންތަކަށް އެމެރިކާއިން ބަދަލު ދިނުން ހިމެނެ އެވެ.
އެމެރިކާގެ ހަތިޔާރު ހުސްވަނީ؟
މެދުއިރުމައްޗާއި ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން ވޮޝިންޓަންގެ ހަތިޔާރުގެ ރަސްމީ ރިޒާވް ނުވަތަ ގުދަންތައް ހުސްވަމުންދާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.
މިދިޔަ މަހުގެ ނިޔަލަށް "އެކްސިއޯސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ، ވައިގެ ހަމަލާތަކުން ދިފާއުވާ މިސައިލްތައް (އިންޓަސެޕްޓާސް) މަދުވުމުގެ ސަބަބުން މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނާއި ބައިވެރިން ހިމާޔަތްކުރުމަށް ހުރަސް އެޅިދާނެ ކަމުގެ އިންޒާރު ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އަދި ރައީސް ޓްރަމްޕަށް ދެއްވާފަ އެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނު ހަނގުރާމައިގެ ސަބަބުން ހުސްވަމުންދާ ހަތިޔާރުތައް އުފެއްދުން އަވަސްކުރުމަށް ޕެންޓަގަންއިން ވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކަށް އަންގާފަ އެވެ. ނަމަވެސް، ޕެންޓަގަންގެ އޮފިޝަލަކު ހޮނިހިރު ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ، އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރަށް އެމެރިކާގެ އަތުގައި ހަތިޔާރު އެބަހުރި ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުން ޓްރަމްޕަށް ފިއްތުންތައް ކުރިމަތިވޭތަ؟
ޓްރަމްޕްގެ ދެވަނަ ދައުރު މިދިޔަ އަހަރު ފެއްޓެވީ "މޮޔަ ހަނގުރާމަތަކުން" ދުރުވާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް، މިހާރު ކުރަމުންދާ އީރާނު ހަނގުރާމައަށް އެމެރިކާގެ ރައްޔިތުންގެ ތާއީދެއް ނެތެވެ. މިއީ އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާއުކުރަން މަސައްކަތްކުރާ ރިޕަބްލިކަން ޕާޓީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ރޮއިޓާސް/އިޕްސޯސްގެ ފަހުގެ ސާވޭއަކުން ދައްކާ ގޮތުގައި، މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ އެންމެ 35 އިންސައްތަ ރައްޔިތުންނެވެ. އަދި ހަނގުރާމައާއި "ޓެރަރިޒަމް" ހުއްޓުވުމުގައި ރަނގަޅީ ކޮން ޕާޓީއެއްތޯ ސުވާލުކުރުމުން، 37 އިންސައްތަ މީހުން ޑިމޮކްރެޓުންނަށް ތާއީދުކުރިއިރު، ރިޕަބްލިކަނުންނަށް ތާއީދުކުރީ 36 އިންސައްތަ މީހުންނެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި ސާވޭ ފެށިފަހުން، މި ދާއިރާއިން ޑިމޮކްރެޓުން ރިޕަބްލިކަނުންގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ.
އިގްތިސާދީ ފިއްތުންތަކުން އީރާނު ކުޑަކަކޫ ޖައްސާލެވިދާނެތަ؟
ގަތަރުގެ ޖޯޖްޓައުން ޔުނިވާސިޓީގެ ޕްރޮފެސަރު މެހްރާން ކަމްރާވާ ވިދާޅުވާ ގޮތުގައި، އެމެރިކާގެ އިގްތިސާދީ ފިއްތުންތަކުގެ ސިޔާސަތު ކާމިޔާބުވާނެ ކަމާމެދު ޝައްކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާދީގެން އީރާނުން ދަނީ އެ ގައުމުތަކަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
"އީރާނުން މަސައްކަތް ކުރަނީ ގަތަރު، ޔޫއޭއީ، ސައުދީ އަރަބިއްޔާ އަދި ކުވެއިތު ފަދަ އަވަށްޓެރި ގައުމުތަކަށް އިގްތިސާދީ ގޮތުން ދަތިކޮށް، އެ ގައުމުތައް މެދުވެރިކޮށް އެމެރިކާއަށް ޕްރެޝަރުކޮށްގެން މަޝްވަރާގެ މޭޒަށް ދާން. އަނެއްކޮޅުން އެމެރިކާއިން ދަނީ އީރާނަށް އިގްތިސާދީ ގޮތުން ދަތިކުރަމުން. އެހެންކަމުން ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކުން ފުރަތަމަ ފިޔަވަޅު އަޅާކަށް ބޭނުމެއް ނުވޭ،" ކަމްރާވާ ވިދާޅުވި އެވެ.

ޕާކިސްތާނާއި އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މެދުވެރިއެއްގެ ދައުރު އަދާކުރައްވައިގެން ޖޫން މަހު ސުވިޒަލޭންޑުގައި ބޭއްވި މަޝްވަރާތަކަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނައިބު ރައީސް ޖޭޑީ ވޭންސް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ފޮނުއްވާފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހިމެނިވަޑައިގަންނަވާ އެ ގައުމުގެ ވަފުދަކާއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގެ ފޮޓޯއިން ފެންނަ ގޮތުގައި، ވާތްފަރާތުގައި ކޮޅަށް ހުންނެވީ އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީއެވެ. މެދުގައި ބޮޑުވަޒީރު ޝަރީފް އިންނެވިއިރު، ވާތްފަރާތުން ދެވަނައަށް ހުންނެވީ ކުޝްނާއެވެ. އަދި ކަނާތްފަރާތުން ފަހަތުގައި ހުންނެވީ ޖޭޑީ ވެންސް | ގެޓީ އިމޭޖަސް
އޭނާ އިތުރަށް ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރަށް އެމެރިކާގެ އެތެރެއިން ކުރިމަތިވާ ފަދަ ސިޔާސީ ފިއްތުންތަކެއް އީރާނުގެ ވެރިންނަށް ކުރިމަތިނުވާ ކަމަށެވެ. އީރާނުގެ ސިޔާސީ ނިޒާމަކީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްގެން މީހުން ހިފަހައްޓާ ނިޒާމަކަށް ވާތީ، އާންމު ރައްޔިތުންނަށް ލިބޭ ދަތިތަކަށްވުރެ ވެރިން އިސްކަންދޭނީ ބާރުގައި ދެމިތިބުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގެ އެއްވެސް މަގްސަދެއް އެމެރިކާއަށް ހާސިލްވިތަ؟
ހަގީގަތުގައި ހާސިލެއް ނުވެ އެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށްފަހު ހަނގުރާމަ ފެށި ފަހުން، އެމެރިކާއާއި އިސްރާއީލުން ދަނީ ހަނގުރާމައިގެ މަގްސަދުތައް ތަކުރާރުކޮށް ބަދަލުކުރަމުންނެވެ.
ފުރަތަމަ އެމެރިކާއިން ބުނީ މިއީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށާއި އީރާނުގެ ސަރުކާރު ބަދަލުކުރުމަށް ކުރާ ހަނގުރާމައެއް ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުކުރުމުގެ ވާހަކަ މިހާރު ޓްރަމްޕް ވަނީ ހުއްޓާލައްވާފަ އެވެ. މީގެ އިތުރުން އީރާނުގެ މިސައިލް ޕްރޮގްރާމް ހުއްޓުވުމަށާއި، ހިޒްބުالله އާއި ހޫޘީން ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓުވުމަކީވެސް އެމެރިކާގެ ޝަރުތުތަކެވެ.
ހަނގުރާމަ ދިގުލައިގެން ދިއުމާއި، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި ހަކަތައިގެ ކްރައިސިސްގެ ސަބަބުން، ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ވޮޝިންޓަނަށް ވަނީ މަޖުބޫރުވެފަ އެވެ.
އީރާނުންވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ޝަރުތުތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ބްލޮކޭޑް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުން ހިމެނެ އެވެ. ޖޫން 17 ގައި ދެ ގައުމުން ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން 60 ދުވަހުގެ މަޝްވަރާގެ މުއްދަތެއް ކަނޑައެޅި ނަމަވެސް، ކަނޑުއޮޅި ބެލެހެއްޓުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އެ އެއްބަސްވުން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އުވިފަ އެވެ.
އެ އެމްއޯޔޫގައި އީރާނަށް އެހީވާ ފަންޑެއް އުފެއްދުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ވާހަކަ އޮތް ނަމަވެސް، އީރާނުގެ މިސައިލް ޕްރޮގްރާމާއި ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނެތެވެ. މީގެއިން ދޭހަވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ކުރި އުންމީދު މިހާރު ދޫކޮށްލާފައިވާ ކަމެވެ.









