ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ
11 އޯގަސްޓު 2026 | އަންގާރަ 18:34އެމެރިކާގެ މަނަވަރުގައި ތިބި ސިފައިންގެ ޚިދުމަތުގެ މުއްދަތު އިތުރުވުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެފައިވާއިރު، މަނަވަރުގެ ތެރޭގައި ކާބޯތަކެތި މަދުވެ ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި. މި ހާދިސާ ހިނގާފައިވަނީ ފަޅުވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް އައި އޮފިޝަލަކަށް ހަމަލާދީ ހިންގި މާރާމާރީއެއްގައި. މީގެ އިތުރުން، މަނަވަރުގައި ހޭދަކުރާ މުއްދަތު ދިގުލައިދާތީ ސިފައިންގެ އާއިލާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ނިމިޓްޒް ކްލާސްގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް އަބްރަހަމް ލިންކަން | އެލަމީ
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި ހަތް މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މި ހާދިސާ ހިނގާފައިވަނީ އެ މަނަވަރު ކަނޑުމަތީގައި ހޭދަކުރާ މުއްދަތު އިތުރުވުމާ ގުޅިގެން ފަޅުވެރިންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، އެމެރިކާގެ އަސްކަރިއްޔާގެ ތެރޭގައި އޮތް ފިއްތުންތައް ހާމަވެފައިވާ ދަނޑިވަޅެއްގަ އެވެ.
ތަސްނީމް ނިއުސް އެޖެންސީން އަސްކަރީ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަނުޖެހުން އުފެދުނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ ބްރެޑް ކޫޕާގެ އެޑްވައިޒަރަކު އެ މަނަވަރަށް ވަޑައިގަތުމުންނެވެ. އޭނާ މަނަވަރަށް ވަޑައިގަތީ، މަނަވަރުގެ ޚިދުމަތުގެ މުއްދަތު އިތުރުވުމާ ގުޅިގެން ފަޅުވެރިންގެ އާއިލާތަކުން މުޒާހަރާކޮށް، ފަޅުވެރިން ހުށަހަޅަމުންދިޔަ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
މަނަވަރުގެ ފަޅުވެރިންނާ މުޚާތަބުކޮށް އެޑްވައިޒަރު ވާހަކަދައްކަވަން ފެއްޓެވުމުން، ފަޅުވެރިން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި، ފެންފުޅި ފަދަ ތަކެތިން ހަމަލާދީފަ އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، މި ހަމަނުޖެހުން ބޮޑުވެ، ފަޅުވެރިންގެ މެދުގައި ވަޅިއާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ބޮޑު މާރާމާރީއެއް ވަނީ ހިނގާފަ އެވެ. މި ކުރިމަތިލުންތަކުގައި ހަތް ސިފައިން މަރުވެފައިވާއިރު، އިތުރު ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
ތަސްނީމް ނިއުސް އިން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާއަށްފަހު އަބްރަހަމް ލިންކަން މަނަވަރުގެ ތެރޭގައި އަދިވެސް އޮތީ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ.
ޔޫއެސްއެސް އަބްރަހަމް ލިންކަން ކަނޑުމަތީގައި އޮންނާތާ މިހާރު 263 ދުވަސް ވެފައިވާއިރު، މިވަގުތު އެ މަނަވަރު ހަރަކާތްތެރިވަމުންދަނީ އިންޑިއާ ކަނޑުގަ އެވެ. އެ މަނަވަރުގެ މައިގަނޑު މިޝަނަކީ އީރާނާ ދެކޮޅަށް ހިންގާ ޣައިރު ގާނޫނީ ކަނޑުގެ ބްލޮކޭޑް ނުވަތަ ބަންދުކުރުން ތަންފީޒުކުރުމެވެ.
މިދިޔަ ޖުލައި މަހު އޮމާންގައި މަޑުކޮށްލި ކުރު މުއްދަތު ފިޔަވައި، މި މަނަވަރު ވަނީ މެދުނުކެނޑި 208 ދުވަސް ކަނޑުމަތީގައި ހޭދަކޮށްފަ އެވެ. މިއީ ޒަމާނީ ތާރީޚެއްގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް މެދުނުކެނޑި ކަނޑުމަތީގައި ހޭދަކުރި އެންމެ ދިގު މުއްދަތެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ މަނަވަރުގައި ތިބި ގާތްގަނޑަކަށް 5،000 ސިފައިންނާއި މެރިންސްގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތުގެ މާހައުލާ މެދު ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މަނަވަރުގައި ކާބޯތަކެތި މަދުވެ، ކޮންމެ މީހަކަށް ކެއުމަކަށް ލިބެނީ އެންމެ ބައި ޖޯޑު ބަތާއި އެއްގަމު މަސްކޮޅެކެވެ. މީގެ އިތުރުން، މަނަވަރުގެ ފޭރާން ދޮންނަ ތަން ހަލާކުވެފައި ހުންނަތާ ދެ ހަފުތާ ވެފައިވާއިރު، ފެންވަރާ ސަރަހައްދުތަކުގައި ފަންގަސް ޖެހުމުގެ ސަބަބުން ފަޅުވެރިންނަށް ހަމުގެ ބަލިތައް ޖެހެމުންދާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.
އަސްކަރީ އާއިލާތަކުން ވަނީ ފަޅުވެރިން އިންތިހާއަށް ވަރުބަލިވެފައިވާ ކަމަށާއި، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި، ރައްކާތެރިކަމާއެކު ވާޖިބުތައް އަދާކުރުމަށް ހުރަސް އެޅެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސެން ޑިއޭގޯގައި ބޭއްވި ބައްދަލުވުމެއްގައި، ފަޅުވެރިންގެ 200 އެއްހާ އާއިލާގެ މެންބަރުން ވަނީ އެމެރިކާގެ ނޭވީގެ އެކްޓިން ސެކްރެޓަރީ ހަންގް ކާއޯއާ ބައްދަލުކޮށް، މަނަވަރުގެ ހާލަތާ މެދު ސުވާލުކޮށްފަ އެވެ. އަދި ފަޅުވެރިން އެނބުރި ގައުމަށް އަންނާނެ ސީދާ ތާރީޚެއް ނޭނގޭތީ އެކަމާ މެދު އާއިލާތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަބްރަހަމް ލިންކަންގައި ހިނގި މި ނުރައްކާތެރި ހާދިސާތަކުގެ ކުރިން، އެމެރިކާގެ އެހެން މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑްގައިވެސް ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފަ އެވެ. 2026 ވަނަ އަހަރުގެ މާރިޗު 12 ވަނަ ދުވަހު އެ މަނަވަރުގެ 600 އެއްހާ ފަޅުވެރިން ދިރިއުޅޭ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 200 ސިފައިން ވަނީ ޒަޚަމްވެފަ އެވެ.
އެ ހާދިސާއަށްފަހު، ޖެރަލްޑް އާރް. ފޯޑް މަނަވަރުން ވަނީ ޒަޚަމްވި މީހުން ގްރީސްގެ ކްރީޓްގައި ހުންނަ ނޭވީ ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. އަދި އެއަށްފަހު އެ މަނަވަރަށް ވަނީ މަޖުބޫރުވެގެން އެނބުރި އެމެރިކާއަށް ދާން ޖެހިފަ އެވެ.










