ނެދަލެންޑްސްގެ ކޯޗުކަމާ ޒަވީ ހަވާލުވެއްޖެ
14 އޯގަސްޓު 2026 | ހުކުރު 04:17ނެދަލެންޑްސްގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނެރެފައިވާ ބަޔާނެއްގައި ޒަވީ ބުނެފައި ވަނީ، ނެދަލެންޑްސް ފަދަ ޤައުމެއްގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް. ޒަވީ ބުނީ އޭނާ އަކީ ބާސެލޯނާގެ އެކެޑަމީ އިން ތަމްރީނުވެ، ޔޯހަން ކްރައިފް އާއި ރީނަސް މިކޭލްސް ފަދަ ލެޖެންޑުންގެ ފަލްސަފާގެ ދަށުން އައިސްފައިވާ މީހަކަށް ވުމުން، ނެދަލެންޑްސްގެ ފުޓުބޯޅައާ ޚާއްސަ ގުޅުމެއް އޮންނަ ކަމަށް. ޒަވީ ސިފަ ކުރި ގޮތުގައި އޭނާ އަކީ ނެދަލެންޑްސް ފުޓުބޯޅައިގެ "ދަރިއެއް" ފަދަ މީހެއް


ނެދަލެންޑްސްގެ ކޯޗަކަށް ހަމަޖެއްސި ޒަވީ | ރޮއިޓާސް
ނެދަލެންޑްސްގެ ޤައުމީ ޓީމުގެ ކޯޗަކަށް، ސްޕެއިންގެ ޒަވީ ހެނާންޑޭޒް ހަމަޖައްސައިފި އެވެ.
އުމުރުން 46 އަހަރުގެ ޒަވީ އެންމެ ފަހުން ހުރީ ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމުގެ މަޤާމުގައި އެވެ. އެ މަޤާމުން ވަކިވުމަށް ފަހު، ޒަވީ އެހެން އެއްވެސް ޓީމަކާ ހަވާލުވެފައި ނުވާއިރު، ޒަވީ ވަނީ ޤައުމީ ޓީމަކަށް އިރުޝާދު ދިނުމުގެ ޝައުޤުވެރިކަން އޮތް ކަމަށް ބުނެފައި އެވެ.
ނެދަލެންޑްސްގެ ކޯޗުކަމާ ޒަވީ ހަވާލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ ޓީމަށް އިރުޝާދު ދޭނެ އެވެ.
ނެދަލެންޑްސްގެ ކޯޗު ކަމުގެ މަޤާމުގައި އެންމެ ފަހުން ހުރީ ރޮނާލްޑޯ ކޫމަން އެވެ. މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕްގެ ގަދަ 32 ގައި މޮރޮކޯ އަތުން ބަލިވެ ނެދަލެންޑްސް މުބާރާތުން ކެޓުމާ އެކު، ކޫމަން ވަނީ މަޤާމުން އިސްތިއުފާ ދީފައި އެވެ. މީގެ ކުރިން ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވެފައި ވަނީ ވެސް، އެ މަޤާމުގައި ހުރުމަށް ފަހު ކޫމަން ވަކިވުމާ ގުޅިގެންނެވެ.
ނެދަލެންޑްސްގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނެރެފައިވާ ބަޔާނެއްގައި ޒަވީ ބުނެފައި ވަނީ، ނެދަލެންޑްސް ފަދަ ޤައުމެއްގެ ކޯޗުކަމާ ހަވާލުވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ޒަވީ ބުނީ އޭނާ އަކީ ބާސެލޯނާގެ އެކެޑަމީ އިން ތަމްރީނުވެ، ޔޯހަން ކްރައިފް އާއި ރީނަސް މިކޭލްސް ފަދަ ލެޖެންޑުންގެ ފަލްސަފާގެ ދަށުން އައިސްފައިވާ މީހަކަށް ވުމުން، ނެދަލެންޑްސްގެ ފުޓުބޯޅައާ ޚާއްސަ ގުޅުމެއް އޮންނަ ކަމަށެވެ. ޒަވީ ސިފަ ކުރި ގޮތުގައި އޭނާ އަކީ ނެދަލެންޑްސް ފުޓުބޯޅައިގެ "ދަރިއެއް" ފަދަ މީހެކެވެ.
މީގެ އިތުރުން ޒަވީ ބުނެފައި ވަނީ ނެދަލެންޑްސްގައި އޮތީ ފުޓުބޯޅައިގެ މުއްސަނދި ސަގާފަތެއް ކަމަށާއި، ބޯޅަ ހިފަހައްޓައިގެން ކުޅޭ އެޓޭކިން ފުޓުބޯޅަ އަކީ އޭނާ ވެސް ޤަބޫލު ކުރާ ސިޔާސަތެއް ކަމަށެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ މޮޅުވުން ކަމުގައި ވީ ނަމަވެސް، އެކަން ކުރަން ބޭނުން ވަނީ ސަޕޯޓަރުން ބަލާ ހިތްވާފަދަ ރީތި ކުޅުމަކާ އެކު ކަމަށް ޒަވީ ވަނީ ބުނެފައި އެވެ.
ނެދަލެންޑްސްގެ ކޯޗަކަށް ޒަވީ ހަމަޖެއްސިއިރު، އޭގެ ކުރިން އެ ޓީމުން ވަނީ ލިވަޕޫލްގެ ކޯޗުކަމުން ވަކިވި އާން ސްލޮޓްއާ ވެސް މަޝްވަރާކޮށްފައި އެވެ. ނަމަވެސް، ސްލޮޓްގެ ޝައުޤުވެރިކަން އަދިވެސް އޮތީ ކުލަބު ފުޓުބޯޅަ އަށް ކަމަށްވާތީ، އޭނާ ވަނީ އެ މަޤާމަށް ނޫނޭ ބުނެފައި އެވެ.
ޒަވީ އަކީ ކޯޗިންގެ ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިޔެކެވެ. ސްޕެެއިން އާއެކު އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. މީގެ އިތުރުން 2008 ވަނަ އަހަރާއި، 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް އޭނާ ވަނީ ސްޕެއިން އާއެކު ކާމިޔާބު ކޮށްފައި އެވެ.










