ވާރލްޑް ކަޕްގެ ނާކާމިޔާބާާ އެކު، ނެދަލެންޑްސްގެ ކޯޗު ކަމުން ކޫމަން އިސްތިއުފާ ދީފި
މިފަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވެ. އަނެއް މެޗު ވަނީ އެއްވަރުވެފައި. ހަތަރު ވަނަ މެޗަކީ ގަދަ 32 ގައި މޮރޮކޯއާ ދެކޮޅަށް ކުޅެ، ބަލިވި މެޗު.


ނެދަލެންޑްސްގެ ކޯޗު ކަމުން އިސްތިއުފާ ދިން ރޮނާލްޑް ކޫމަން. | ރޮއިޓާސް
ފީފާ ވާރލްޑް ކަޕް އިން ނެދަލެންޑްސް ކެޓުމާ އެކު، އެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން އިސްތިއުފާ ދީފި އެވެ.
މުބާރާތުން ނެދަލެންޑްސް ކަޓާފައި ވަނީ އަންގާރަ ދުވަހު މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެންނެވެ. ޕެނަލްޓީގައި މޮރޮކޯ އަތުން ބަލިވެ ނެދަލެންޑްސް އަށް މުބާރާތް ނިމުނުއިރު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އިން ވެސް ނެދަލެންޑްސް ކެޓީ ޕެނަލްޓީގައި ބަލި ވެގެންނެވެ.
މޮރޮކޯ އަތުން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޫމަން ބުނީ، މުސްތަޤުބަލާ މެދު ނިންމުމެއް ނިންމާނީ ހަމަ ޖެހިގެން ކަމަށެވެ. އަދި ޖަޒުބާތުގައި ހުރެ އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް ވެސް ކޫމަން ވަނީ ބުނެފައި އެވެ. ނަމަވެސް، މުސްތަޤުބަލާ މެދު ވިސްނަމުން އަންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭގެ ފަހުން ބުދަ ދުވަހު ކޫމަން ވަނީ ނެދަލެންޑްސްގެ ކޯޗު ކަމުން އިސްތިއުފާ ދީފައި އެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕު ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވެ އެވެ. އަނެއް މެޗު ވަނީ އެއްވަރުވެފައި އެވެ. ހަތަރު ވަނަ މެޗަކީ ގަދަ 32 ގައި މޮރޮކޯއާ ދެކޮޅަށް ކުޅެ، ބަލިވި މެޗެވެ.
ނެދަލެންޑްސްގެ ކޯޗު ކަމަށް ކޫމަން ހަމަޖެއްސީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް އިން ވަނީ 45 މެޗު ކުޅެފައި އެވެ. އޭގެ ތެރެއިން 25 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 11 މެޗުން އެއްވަރުވެ އަދި ނުވަ މެޗުން ވަނީ ބަލިވެފައި އެވެ.
ކޫމަންގެ އިރުޝާދުގެ ދަށުން 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލްގައި ނެދަލެންޑްސް ކުޅުނެވެ. ނަމަވެސް، ސެމީ ފައިނަލްގައި އިންގްލެންޑު އަތުން ބަލިވެ ވަނީ ކަޓައިފަ އެވެ. މީގެ ކުރިން ވެސް ކޫމަން ވަނީ ނެދަލެންޑްސް އަށް އިރުޝާދު ދީފައި އެވެ.





