ޖެހި ޖެހިގެން ދެ ވަނަ ފަހަރަށް ޕެނަލްޓީގައި ބަލިވެ، ނެދަލެންޑްސް ކަޓައިފި
މިއީ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ޖެހި ޖެހިގެން ކެޓި ދެ ވަނަ ވޯލްޑް ކަޕް. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސް ވަނީ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވެފައި.


މެޗުން މޮޅުވުމުން މޮރޮކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މޮރޮކޯ އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ހެނދުނު ކުޅުނު މެޗު މޮރޮކޯ އިން ކާމިޔާބު ކުރީ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައި އެވެ. އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު ވެސް، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ލީޑު ނެގީ ކޯޑި ގަކްޕޯ ޖެހި ލަނޑުންނެވެ. އެއީ ކްރައިސެންސިއޯ ސަމާވިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަކްޕޯ ޖެހި ލަނޑެކެވެ. އެ ލަނޑު ޖެހުމަށް ފަހު ގަކްޕޯ އުފާ ފާޅު ކުރުމުގެ ތެރޭގައި އޭނާގެ ލޮލުން ކަރުނަ އައިސްފައިވެ އެވެ. އެ މެޗުގެ ކުރިން ގަކްޕޯ އާއި އޭނާގެ ލޯބިވެރިޔާ ވަނީ އެ މީހުންގެ ދަރިފުޅު މަރުވެފައިވާކަން އިއުލާން ކޮށްފައި އެވެ.
މެޗުން ނެދަލެންޑްސް މޮޅުވާން ދަނިކޮށް، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މޮރޮކޯ އިން ވަނީ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު މޮރޮކޯ އަށް ޖަހައިިދިނީ އިސާ ޑިއޮޕް އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މޮރޮކޯ އިން ވަނީ ތިން ޕެނަލްޓީ ކާމިޔާބު ކޮށްފައި އެވެ. އެ ޓީމުގެ އެއް ޕެނަލްޓީ ގޯލާ އަމާޒު ނުވެ ދިޔައިރު، އަނެއް ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއާ އެވެ. ޕެނަލްޓީގައި ނެދަލެންޑްސް އަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. އެ ޓީމުގެ ދެ ޕެނަލްޓީ ގޯލާ އަމާޒު ނުވިއިރު، އަނެއް ޕެނަލްޓީ މޮރޮކޯގެ ގޯލު ކީޕަރު ވަނީ މަތަކޮށްފައި އެވެ.
މިއީ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ޖެހި ޖެހިގެން ކެޓި ދެ ވަނަ ވޯލްޑް ކަޕް އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނެދަލެންޑްސް ވަނީ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވެފައި އެވެ.





