އީރާނުން ހަމަލާއެއް ދީފާނެ ކަމަށް ބިރުން ޓްރަމްޕް ތުރުކީން މަތިންދާބޯޓަށް އަރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގައި ފިއްލަވައިގެންކަން ފަޅާ އަރައިފި
11 އޯގަސްޓު 2026 | އަންގާރަ 12:32އީރާނުގެ ނުރައްކަލެއް އޮތް ކަމަށް ބުނެ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަލާމަތް ކަށަވަރުކުރުމަށްޓަކައި ތުރުކީން ފުރާވަޑައިގަތްއިރު ސިއްރު އަސްކަރީ ބޯޓެއް ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ހިންގާފައިވާކަން ހާމަވެއްޖެ. މި ދަތުރުފުޅުގައި އޮޅުވާލުމުގެ ގޮތުން އެކި ބޯޓުތައް ބޭނުންކޮށް، ނޫސްވެރިންނަށްވެސް ނޭނގޭހެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރީ ޓްރަމްޕް އަވަހާރަކޮށްލަން އުޅޭ ކަމުގެ ބިރު އޮތުމުން ކަމަށް ވަނީ ބެލެވިފައި
ވީޑިއޯ: ތުރުކީވިލާތުގައި ބޭއްވި ނޭޓޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެނބުރި ވޮޝިންޓަން ޑީސީއަށް ވަޑައިގަތުމަށްޓަކައި ދަތުރުގެ ވަކި ހިސާބަކުން ތަނަކަށް މަޑުކުރެއްވުމަށްފަހު ގަތަރުން ހަދިޔާކުރި އެއަރޕޯސްވަން އަށް ބަދަލުވެވަޑައިގަތުމަށް ކުރީގެ އެއަރފޯސް ވަން މަތިންދާބޯޓުގެ ސިޑިން އެމެރިކާގެ ރައީސް ޓްރަމްޕް ފައިބާވަޑައިގަންނަވަނީ | ދަ ގާޑިއަން
އީރާނުގެ ނުރައްކަލެއް އޮތް ކަމަށް ބުނެ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ތުރުކީވިލާތުން ފުރާވަޑައިގަތީ ކާބޯތަކެތި އުފުލާ ލޮރީއެއްގެ ތެރޭގައި ފިއްލަވައިގެން ގޮސް، ސިއްރު އަސްކަރީ ބޯޓަކަށް އަރުއްވައިގެން ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ވޮޝިންގޓަން ޕޯސްޓުން ފުރަތަމަ ރިޕޯޓްކޮށް، ސީއެންއެންއިން ކަށަވަރުކޮށްދީފައިވާ މި ސިއްރު ސަލާމަތީ ރޭވުމަކީ، އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނާ ބިރުވެރިކަމުން އޭނާ ސަލާމަތްކުރުމަށް އެމެރިކާގެ އޮފިޝަލުން ވަރަށް ވެސް ބޮޑު މަސައްކަތެއް ކުރިކަން ހާމަވާ ކަމެކެވެ.
ޓްރަމްޕް ތުރުކީވިލާތަށް ވަޑައިގަތީ ގަތަރުން ހަދިޔާކޮށްފައިވާ، "އެއާ ފޯސް ވަން" ގެ ގޮތުގައި ބޭނުންކުރަން ހަމަޖެހިފައިވާ އާ ބޯޓުގަ އެވެ. ނަމަވެސް އެ ދަތުރުފުޅުގެ ތެރެއިން އޮފިޝަލުން އިއުލާންކުރީ، ސަލާމަތީ ސަބަބުތަކަށްޓަކައި ޓްރަމްޕް އެނބުރި ވަޑައިގަންނަވާނީ ރިޔާސީ ކުރީގެ ބޯޓެއްގައި ކަމަށެވެ. މިއީ ސީއެންއެން އާއި އެހެނިހެން މީޑިއާތަކުން މީގެ ކުރިންވެސް ރިޕޯޓްކޮށްފައިވާ ވާހަކައެ ކެވެ.
އެހެންނަމަވެސް، އެއީ އޮޅުވާލުމަށްޓަކައި ރޭވި ރޭވުމެއްކަން މިހާރު ވަނީ ހާމަވެފަ އެވެ. ކެމެރާތަކަށް ފެންނަ ގޮތަށް ޓްރަމްޕް އެ ބޯޓަށް އެރުއްވުމަށްފަހު، ސިއްރިއްޔާތުގައި ކާބޯތަކެތި އުފުލާ ލޮރީއެއްގެ އެހީގައި ބޯޓުން ފައިބައިވަޑައިގެން، އެއަށްވުރެ ކުޑަ "އެއާ ފޯސް ސީ-32އޭ" މަރުކާގެ ބޯޓަކަށް ބަދަލުވެވަޑައިގަތީ އެވެ. އޭގެ ފަހުން ގަތަރުން ހަދިޔާކުރި ބޯޓާއި، "އެއާ ފޯސް ވަން" ގެ ގޮތުގައި ބޭނުންކުރި ކުރީގެ ބޯޓާއި، ޓްރަމްޕް އިންނެވި ސީ-32އޭ ބޯޓު ވަކިވަކިން އިނގިރޭސިވިލާތަށް ދަތުރުކުރި އެވެ. އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް އަލުން ގަތަރުގެ ބޯޓަށް އަރުއްވައިގެން އެމެރިކާއަށް ވަޑައިގަތީ އެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހު، ބޯޓު ބަދަލުކުރި މައްސަލައިގައި އާންމުންގެ މެދުގައި ބޮޑަށް ބަހުސްކުރެވުނީ ގަތަރުން ހަދިޔާކުރި ބޯޓުގެ ސަލާމަތީ ވަސީލަތްތަކާ ބެހޭގޮތުންނެވެ. އެ ބޯޓަކީ "އެއާ ފޯސް ވަން" ގެ ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރި ބޯޓެއް ނޫން ކަމަށް އޮފިޝަލުން ދެކުނު ނަމަވެސް، ޓްރަމްޕް ގެންދެވީ އެ ބޯޓުގެ މޮޅު ވާހަކަ ދައްކަވަމުންނެވެ. އަދި އެ ބޯޓުގެ އުނިކަންކަމާ ބެހޭގޮތުން މީޑިއާތަކުން ރިޕޯޓްކުރުމުން ޓްރަމްޕް ނުރުހުން ފާޅުކުރެއްވި ކަމަށް ސީއެންއެންއިން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
މިހާރު މި މައްސަލައިގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ، ވާނުވާ ނޭނގި ނޫސްވެރިންނާއި މުވައްޒަފުން "ދަޅަ ދެއްކުމަށް" ބޭނުންކުރި ބޯޓުގައި ތިބި ތިބުމަށާއި، މިފަދަ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ޖެހުނީ ކިހާވަރެއްގެ ނުރައްކަލެއް އޮވެގެންތޯ ބެލުމަށެވެ.
ސިއްރިއްޔާތުގައި ބޯޓު ބަދަލުކުރި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން، ވައިޓް ހައުސްގެ ތަރުޖަމާނު ސްޓީވަން ޗަންގް ސީއެންއެންއަށް ވިދާޅުވީ، އާ "އެއާ ފޯސް ވަން" އަކީ ރައީސާއި އެމަނިކުފާނުގެ މުވައްޒަފުންގެ ސަލާމަތް ކަށަވަރުކުރުމަށް އެންމެ ޒަމާނީ ސަލާމަތީ ވަސީލަތްތައް ހުރި ބޯޓެއް ކަމަށެވެ. އަދި ރައީސް ވިދާޅުވެފައިވާ ފަދައިން، އެމެރިކާގެ ދުޝްމަނުންގެ އަމާޒު އެމަނިކުފާނަށް ހުރި ކަމަށާއި، އެފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯ ސަމިޓަށްފަހު ޓްރަމްޕް ތުރުކީން ފުރާވަޑައިގަތްއިރު ހިނގާދިޔަ އާދަޔާ ހިލާފު ކަންތައްތަކުގެ ތަފްސީލު، ރައީސާއެކު ދަތުރުކުރާ ނޫސްވެރިންގެ ގްރޫޕުން ދީފައިވާ މައުލޫމާތުތަކުން އެނގެ އެވެ.
ނޫސްވެރިންގެ ރިޕޯޓްތައް ބުނާގޮތުން، އެ ގައުމުގެ ގަޑިން ރޭގަނޑު 8:26 ހާއިރު ޓްރަމްޕް އިންނެވީ އަންކާރާގައި އޮތް ކުރީގެ "އެއާ ފޯސް ވަން" ބޯޓުގަ އެވެ.
އޭގެ 17 މިނެޓް ފަހުން، ރޭގަނޑު 8:43 ގައި އެ ބޯޓު އުދުއްސާލި ކަމަށް ނޫސްވެރިންގެ ރިޕޯޓްތަކުގައިވެ އެވެ.
ޕޮލިޓިކޯގެ ނޫސްވެރިޔާ މޭގަން މެސަރލީ ބުނިގޮތުގައި، ބޯޓުގައި ތިބި ނޫސްވެރިންނަށް ވަނީ "ކެބިންގެ ކުޑަދޮރުތަކުގެ ޝޭޑްސް ތިރިކޮށްފައި ބެހެއްޓުމަށް" އަންގާފަ އެވެ. މިއީ ވަރަށް މަދުން ނޫނީ ނުކުރާ ކަމަކަށް ވާއިރު، މިއީ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ ނިޝާނެކެވެ. ފަހުން ޓްރަމްޕް ވިދާޅުވީ އެއީ "އަހަރެމެން ކުރިމަތިލާން ޖެހިފައިވާ ނުލަފާ މީހުންގެ ސަބަބުން، ނުރައްކާތެރި ދަތުރެއްގައި ތިބީމާ" ކުރި ކަމެއް ކަމަށެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި، އަންކާރާގެ އެސެންބޯގާ އެއާޕޯޓުގައި ބޯޓު ދުއްވާލުމުގެ ހަތް މިނެޓް ކުރިން، "އެއާ ފޯސް ވަން" ކައިރީގައި ކާބޯތަކެތި އުފުލާ ލޮރީއެއް ޕާކުކޮށްފައި އޮތެވެ.

ތުރުކީވިލާތުގެ އަންކާރާ އެސެންބޯގާ އެއާޕޯޓުގައި، ޖުލައި މަހުގެ 8 ވަނަ ދުވަހު އެމެރިކާގެ ރައީސް ދަތުރުކުރައްވާ ކުރީގެ "އެއާ ފޯސް ވަން" ބޯޓުގެ ކައިރީގައި އެއާޕޯޓުގެ ކޭޓަރިން ލޮރީއެއް މަޑުކޮށްލައިގެން އޮތް މަންޒަރު | ގެޓީ އިމޭޖަސް
އެ ބޯޓު އިނގިރޭސިވިލާތުގެ އާރް.އޭ.އެފް މިލްޑަންހޯލްއަށް ޖެއްސީ އެ ގައުމުގެ ގަޑިން ރޭގަނޑު 10:29 ގަ އެވެ. ނަމަވެސް، ރައީސް ބޯޓުން ފައިބާވަޑައިގަންނަވާ މަންޒަރު ވީޑީއޯ ކުރުމަށްޓަކައި ތައްޔާރުވެފައިވާކަން ނޫސްވެރިން މީޑިއާ ނެޓްވޯކްތަކަށް އެންގީ އޭގެ 20 މިނެޓް ފަހުންނެވެ.
މިއީ އާދަޔާ ހިލާފަށް ގިނަ ވަގުތެކެވެ. މި ވަގުތުގެ ތެރޭގައި ޓްރަމްޕަށް ކުޑަ ބޯޓުން ފައިބައިވަޑައިގެން، ކެމެރާތަކަށް ފެނުމުގެ ކުރިން އަލުން "އެއާ ފޯސް ވަން" އަށް އަރާވަޑައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާންމު ގޮތެއްގައި ބޯޓު ޖެއްސުމާއި ކެމެރާ ހަމަޖެއްސުމާ ދެމެދު ހޭދަވަނީ އެންމެ އަށް މިނެޓެވެ.
ކެމެރާ ކުރަން އެންމެ ރަނގަޅުކަން ނޫސްވެރިން އެންގިތާ އެއް މިނެޓް ފަހުން ޓްރަމްޕް "އެއާ ފޯސް ވަން" އިން ފައިބާވަޑައިގަންނަވާ މަންޒަރު ފެނުނެވެ.
މި ވަގުތަކީ ސީއެންއެން ބުނާ ގޮތުގައި އެ ސްޓޭޝަންގެ ޓީމުތަކަށް އާންމުކޮށް ތަޖުރިބާކުރެވޭ ވަގުތަށްވުރެ މާ އަވަސް ވަގުތެކެވެ. އާންމުކޮށް ނޫސްވެރިން ބޯޓު ދަށުގައި ތަރުތީބުވުމަށްފަހު، ރައީސް ފައިބާވަޑައިގަތުމަށް ގިނަ މިނެޓްތަކެއް ނަގަ އެވެ. އަދި ބޯޓުގެ ދޮރު ހުޅުވައި ސިޑި ބޭލުމުގެ ކުރިން ނޫސްވެރިން ތިބެނީ ތައްޔާރަށެވެ.
ސީއެންއެންއިން މިލްޑަންހޯލްގެ ވީޑިއޯތައް ދިރާސާކުރިއިރު، ކެމެރާ ޖެއްސިއިރު ސިޑި ހުރީ ބޯޓުގައި ޖައްސާފަ އެވެ އަދި ބޯޓުގެ ދޮރުވެސް ހުރީ ހުޅުވާފަ އެވެ. މީގެ އިތުރުން، އާންމުކޮށް ފެންނަ ވަރަށްވުރެ ގިނަ ސަލާމަތީ ފައުޖުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަކަން ފާހަގަކުރެވުނެވެ.
ނޫސްވެރިންގެ ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕް ގަތަރުން ހަދިޔާކުރި އާ ބޯޓަށް އަރުއްވާފައިވަނީ ރޭގަނޑު 11:01 ގަ އެވެ. އެއް ބޯޓުން އަނެއް ބޯޓަށް ޓްރަމްޕް ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު ނޫސްވެރިން ވަނީ ރެކޯޑްކޮށްފަ އެވެ.
ހާދިސާ ހިނގާފައިވާ ގޮތް ބަޔާންކޮށްދޭ ވީޑިއޯ
ސީއެންއެންގެ ކައިޓްލަން ކޮލިންސް އާއި ފޮޓޯޖާނަލިސްޓް ޚަލީލް އަބްދުﷲ ފާހަގަކުރި ގޮތުގައި، މީގެ ކުރިން ޑާވޯސް ދަތުރުފުޅުގައި ބޯޓުގެ ކަރަންޓު މައްސަލައެއް ދިމާވެގެން ބޯޓު ބަދަލުކުރަން ޖެހުނުއިރު، ޓްރަމްޕް އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުވާ މަންޒަރު ވީޑިއޯކުރުމުގެ ފުރުސަތު ވައިޓް ހައުސްއިން ނުދެ އެވެ. އޭގެ ބަދަލުގައި ނޫސްވެރިންނަށް އެންގީ ޓްރަމްޕް އާ ބޯޓަށް އަރުއްވަންދެން މަޑުކުރުމަށެވެ.
ގަތަރުން ހަދިޔާކުރި ބޯޓުގައި ދަތުރުކުރައްވަމުން ގެންދަވަނިކޮށް، ބޯޓު ބަދަލުކުރަން ޖެހުނު ސަބަބާ ބެހޭގޮތުން ޓްރަމްޕްއާ ނޫސްވެރިން ވަނީ ސީދާ ސުވާލުކޮށްފަ އެވެ.
ޓްރަމްޕް ވިދާޅުވީ ބޯޓު ބަދަލުކުރީ އެ ބޭސްގައި ތިބި އެމެރިކާގެ ސިފައިންނަށް ބޯޓު ބަލާލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެހެން އެއްވެސް މައްސަލައެއް އުޅޭތޯ ސުވާލުކުރުމުން، ވަރަށް އަވަހަށް "އެއްވެސް މައްސަލައެއް ނެތް" ކަމަށް ވިދާޅުވި އެވެ.
ބޯޓުގެ ކުޑަދޮރުތައް ލެއްޕުމަށް އެންގި ސަބަބާ ބެހޭގޮތުންވެސް ޓްރަމްޕާ ސުވާލުކުރެވުނެވެ.
އޭނާ ވިދާޅުވީ އެއީ "ނުރައްކާތެރި ދަތުރެއްގައި ތިބީމާ" ކަމަށެވެ.
"އަހަރެންގެ ގާތު ކުޑަދޮރުތަކުގެ ޝޭޑްސް ތިރިކުރާކަށް ނުބުނޭ، އެކަމަކު ބުނިނަމަ އަހަރެން އެކަން ކުރީމުސް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.
"އެކަމަކު އަހަރެން މަރުވެއްޖެއްޔާ، ކަލޭމެންވެސް މަރުވާނެ، ދޯ؟" ޓްރަމްޕް ވިދާޅުވި ކަމަށް ސީއެންއެން އިން ބުނެފައިވެ އެވެ.
ޓްރަމްޕްގެ ބޯޓު އެންމެ ފަހުން އެމެރިކާގެ ޖޮއިންޓް ބޭސް އެންޑްރޫސްއަށް ޖައްސާ ބޯޓުން އޭނާ ފައިބާވަޑައިގަތެވެ.
ނޫސްވެރިންގެ ރިޕޯޓުގައިވާ ގޮތުން، ބޯޓުން ފައިބައިވަޑައިގެން ސަލާމްކުރެއްވުމަށްފަހު، ޓްރަމްޕް ވަނީ ވަރަށް އަވަހަށް "ދަ ބީސްޓް" (ރިޔާސީ ކާރުކޮޅަށް) އަރުއްވާފަ އެވެ.
މަސްދަރު: ސީއެންއެން










