ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ
13 އޯގަސްޓު 2026 | ބުރާސްފަތި 08:40މަސައްކަތުގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބާއްވާ މަހާސިންތާ އިފްތިތާހުކޮށްދެއްވައި، މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ ގޮވާލައްވާފައި. އެކަމަނާ ވަނީ އޮފީސްތަކަކީ އެކަކު އަނެކަކަށް އިހްތިރާމްކުރާ، އުފެއްދުންތެރި މާހައުލަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިލްމީ ދިރާސާތަކެއްގެ އެހީގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައި


މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބާއްވާ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ގޮވާލައްވައިފި އެވެ.
އެކަމަނާ މިހެން ގޮވާލެއްވީ، "މަސައްކަތު މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަން ހަރުދަނާކުރުމަށް ބޭއްވޭ މަހާސިންތާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް (އެންއެމްއެޗްޑީ) އާއި، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަދި ޑަބްލިއުއެޗްއޯ މޯލްޑިވްސް ގުޅިގެން، ސިވިލް ސަރވިސްގެ ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ޚާއްސަކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހި ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުންނެއް މަސައްކަތް ކުރަމުން އަންނައިރު އެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އޮފީހަށް އަންނައިރު ކޮންމެ މުވައްޒަފެއްގެ ހިތުގައިވެސް އާއިލީ، ސިއްހީ، އަދި ދަރިންގެ ކިޔެވުން ފަދަ ކަންކަމާއި ގުޅޭ ތަފާތު ފިކުރުތަކާއި އުދާސްތައް ހުންނާނެކަމަށާއި، ކޮންމެ ފަރުދެއްގެ ވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.
އެކަމަނާގެ ވާހަކަފުޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވައި، ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 12 ބިލިއަން މަސައްކަތު ދުވަސް ދުނިޔެއިން ގެއްލިގެންދާ ކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ބަލާއިރު 1 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެންދާކަމެއްކަމުގައި ފާހަގަކުރެއްވި އެވެ. އަދި 2021 ވަނަ އަހަރުގެ ސްޓެޕްސް ސާރވޭ ބުނާގޮތުން، ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއްކަން ހާމަވެފައިވާތީ، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް އެކަމަނާ ގޮވާލެއްވި އެވެ.
އަދި މި މަހާސިންތާގެ ތެރެއިން، ދިރާސާތަކުގެ މައްޗަށް ބިނާކޮށް އިލްމީ އަދި އަމަލީ ކަރުދާސްތަކެއް އެކުލަވާލައި، ދިވެހި އޮފީސްތަކަކީ މުވައްޒަފުންނަށް ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުވާ، އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ ތަންތަނަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާ، ހުރިހާ މުވައްޒަފުންނަށް އިހްތިރާމްކޮށް، އެކުވެރި މާހައުލެއް ގާއިމުކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވި އެވެ.











