Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - lifeStyleAdvertisement
ލައިފް ސްޓައިލްފޯނަށް ދެވިހިފުން

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

28 ޖޫން 2026 | އާދީއްތަ 16:22

ސްމާޓްފޯނަށް ދެވިހިފުމުގެ މައްސަލަ ބޮޑުވަމުންދާތީ ތަޖުރިބާކާރުން ދަނީ އިންޒާރު ދެމުން. މިކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމާއި ވަޒީފާއަށް ބުރޫއަރާ ހިސާބަށް ކަންތައްތައް ދާތީ، ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ދަނީ ތެރަޕީގެ އެހީގައި މި ވަބާއިން މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން. ފޯނާ ދުރުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ހަގީގީ ދުނިޔޭގެ ކަންކަމަށް ސަމާލުކަން ދިނުމަކީ މި ދެވިހިފުމުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ފަރުވާކަމަށް މާހިރުން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 16:22
ފަހުގެ ދިރާސާއެއްގައި ބައިވެރިވި 1،000 ބޮޑެތި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ބުނެފައިވަނީ، ފޯނު ބޭނުންކުރުމުގައި އެ މީހުންނަށް މާ ގިނަ ވަގުތު ހޭދަކުރެވޭ ކަމަށް

ފަހުގެ ދިރާސާއެއްގައި ބައިވެރިވި 1،000 ބޮޑެތި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ބުނެފައިވަނީ، ފޯނު ބޭނުންކުރުމުގައި އެ މީހުންނަށް މާ ގިނަ ވަގުތު ހޭދަކުރެވޭ ކަމަށް | ގެޓީ އިމޭޖަސް

ފޯނަށް ދެވިހިފުމަކީ ރަސްމީކޮށް ބައްޔެއްގެ ގޮތުގައި އަދި ކަނޑައަޅާފައިވާ ކަމެއް ނޫނެވެ.

ނަމަވެސް، ޑެލޮއިޓްއިން 1،000 ބޮޑެތި މީހުން ބައިވެރިކޮށްގެން ދާދިފަހުން ކުރި ދިރާސާއެއްގައި، ސުވާލުކުރެވުނު މީހުންގެ 70 އިންސައްތަ މީހުން ބުނެފައިވަނީ ފޯނު ބޭނުންކުރުމުގައި މާ ގިނަ ވަގުތު ހޭދަކުރެވޭ ކަމަށެވެ. ސްމާޓްފޯނުގެ ސަބަބުން އިންސާނާގެ ސިކުނޑީގެ ކެމިސްޓްރީއަށް ބަދަލުތަކެއް އަންނަމުންދާކަމުގެ އިންޒާރު އެކަޑެމިކް ދާއިރާގެ ތަޖުރިބާކާރުން ދެމުންދާއިރު، ދެވިހިފުމާ ބެހޭ މާހިރުން ބުނަނީ ފޯނަށް މުޅިން ބަރޯސާވެފައިވާ މީހުން އެހީއަށް އެދި އަންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ.

އަހަރަކު 3،500 މީހުންނަށް ފަރުވާދޭ އިނގިރޭސިވިލާތުގެ އެޑިކްޝަން ޓްރީޓްމަންޓް ސެންޓަރުތަކުން (ޔޫ.ކޭ.އޭ.ޓީ) މިދިޔަ އަހަރު މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދި ކޮންމެ ތިން މީހަކުން އެކަކީ، އޭގެ އިތުރުން ފޯނަށް ދެވިހިފުމުގެ މައްސަލަ ވެސް ކުރިމަތިވެފައިވާ މީހެކެވެ. މިއީ 2019 ވަނަ އަހަރު ކޮންމެ 10 މީހަކުން އެކަކަށް ކުރިމަތިވި މައްސަލައަކަށް ވީއިރު، މި އަދަދު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ޔޫ.ކޭ.އޭ.ޓީ އިން ބުނާ ގޮތުގައި، ބައެއް މީހުން އެމީހުންގެ މައިގަނޑު ދެވިހިފުމަށް ފަރުވާ ހޯދުމަށް ކްލިނިކަށް ވަންނައިރު، ފޯނު ހަވާލުކުރަން އިންކާރުކޮށް ފަރުވާ ދޫކޮށްލާ ހިސާބަށް ވެސް ކަންތައްތައް ދެއެވެ.

ނަމަވެސް، މީހަކު ފޯނަށް މާ ބޮޑަށް ޝައުގުވެރިވުމާއި، ފަންނީ އެހީތެރިކަން ބޭނުންވާ މިންވަރަށް ދެވިހިފުމާ ދެމެދު އޮތް ރޮނގަކީ ކޮބައި ހެއްޔެވެ؟

އިނގިރޭސިވިލާތުގެ މާސީސައިޑްގެ ސެއިންޓް ހެލެންސްގައި ހުންނަ 'ސްޓެޕްސް ޓުގެދަރ' ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެއްޗާއި، ބަނގުރަލާއި، ޖުވާ ކުޅުމަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ ތަނެކެވެ. ނަމަވެސް، މިހާރު އެތަނުގެ ތެރަޕިސްޓުންނަށް ފާހަގަކުރެވެނީ ފޯނާއި ޓެކްނޮލޮޖީގެ ވަސީލަތްތަކާ ދުރުނުވެވިގެން އުޅޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމެވެ.

"މިއީ ކޮންމެ ފަދަ ފަންތިއެއްގެ މީހަކަށްވެސް ދިމާވެދާނެ ކަމެއް،" އިސް ތެރަޕިސްޓް ކެލީ ވޮޓްސަން ކިޔައިދިނެވެ. "އަހަރެމެން އެންމެންގެ އަތުގައިވެސް ފޯނު އެބައޮތް، އަދި އަހަރެމެން އެންމެންގެ ސިކުނޑީގެ ނިޒާމު މަސައްކަތް ކުރަނީ އެއްގޮތަކަށް. އެހެންކަމުން އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިކަމަށް ދެވިހިފުމުގެ ފުރުސަތު އެބައޮތް."

އޭނާ ބުނި ގޮތުގައި އަހަރެމެންގެ ސިކުނޑީގެ ބައެއް މަސައްކަތް ކުރަނީ 'ރިވޯޑް ސިސްޓަމް' އެއްގެ ގޮތަށެވެ. ފޯނަށް މެސެޖެއް އައުމުން، ނުވަތަ ސޯޝަލް މީޑިއާގައި 'ލައިކް' އެއް ލިބުމުން، ނުވަތަ ވެބްސައިޓަކުން އާ މައުލޫމާތެއް ފެނުމުން، ސިކުނޑިން 'ޑޯޕަމީން' (އުފާވެރިކަމާއި ހިތްހަމަޖެހުން އިހުސާސްކޮށްދޭ ކެމިކަލެއް) ބޭރުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން، ބައެއް މީހުންނަށް މި އިހުސާސް ތަކުރާރުކޮށް ހޯދުމަށް ބޭނުންވާ މިންވަރު އިންތިހާއަށް ބޮޑުވެ، މުޅި ދިރިއުޅުން އޮންލައިން ދުނިޔެއަށް ހުސްވެ، ގަޑިއިރުތަކެއް ނުވަތަ ދުވަސްތަކެއް ގެއްލިގެންދާ ކަމަށް އޭނާ ކިޔައިދިނެވެ.

ލެސްޓާގައި ހުންނަ 'ސްޓެޕްސް ޓުގެދަރ' ގެ އެހެން ސެންޓަރެއްގައި ފަރުވާ ހޯދަމުންދާ ޖޭމްސްއަށް މި އިހުސާސްތައް ވަރަށް ރަނގަޅަށް އެނގެ އެވެ.

އުމުރުން 48 އަހަރުގެ ޖޭމްސް ފުރަތަމަ އެހީއަށް އެދުނީ ބަނގުރަލަށް ދެވިހިފާފައި ހުރުމުންނެވެ. ނަމަވެސް، އޭނާ ވަނީ ފޯނަށް ދެވިހިފުންވެސް ކޮންޓްރޯލުން ނެއްޓިފައިވާކަން މާ ގިނަ ދުވަހެއް ނުވެ އެނގުނެވެ. ޖޭމްސްގެ ވަޒީފާ ގެއްލުމަށްފަހު، އޭނާގެ މުޅި ދުވަސް ހޭދަކުރަނީ ސޯޝަލް މީޑިއާ ބެލުމުގައާއި، ޚަބަރު ފަތުރާ ވެބްސައިޓްތައް ޗެކްކުރުމުގައާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރުމުގަ އެވެ.

ސޯޝަލް މީޑިއާގައި އެއްޗެއް ޕޯސްޓްކޮށްފިނަމަ، ލިބޭ ލައިކްތަކާއި ކޮމެންޓްތައް ބެލުމަށްޓަކައި މުޅި ރޭ ނުނިދާ އޭނާ ހުރެ އެވެ. އޭނާ ބުނި ގޮތުގައި އެއީ ޑިޖިޓަލް ދުނިޔޭގެ ރަހީނަކަށް ވެފައި ހުރި ކަމުގެ އިހުސާސެކެވެ.

ތެރަޕިސްޓް ވޮޓްސަން ބުނި ގޮތުގައި ކްލައިންޓުން ފުރަތަމަ ރެއިންފޯޑް ހޯލަށް އަންނައިރު ތިބެނީ ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެފައެވެ. އަދި އެމީހުންގެ ފޯނުތަކާ ވަކިވާކަށް ބޭނުމެއް ނުވެ އެވެ.

"އެމީހުން ބުނާނެ: 'އެކަމަކު ވަޒީފާގެ ކަންކަމަށް ފޯނު ބޭނުންވޭ، އާއިލާއާ ގުޅުން ބޭއްވުމަށް ފޯނު ބޭނުންވޭ،'" ވޮޓްސަން ބުންޏެވެ. "އެމީހުންގެ އަޑުން ނުތަނަވަސްކަން އިހުސާސްކުރެވޭ. އެއީ އެމީހުންގެ އަމާން މަންޒިލް ކަމަށް އެމީހުން ދެކެނީ."

ގިނަ މީހުން މި ސެންޓަރުގައި މަދުވެގެން 28 ދުވަސް ހޭދަކުރެ އެވެ. އެ މުއްދަތުގައި ގްރޫޕް ތެރަޕީއާއި ވަކިވަކި ތެރަޕީ ސެޝަންތައް މެދުވެރިކޮށް، ދެވިހިފުމަށް މެދުވެރިވާ އަސްލު ސަބަބުތަކަށް ފަރުވާ ހޯދައި، ފޯނަށް ބަރޯސާވާ މިންވަރު މަޑުމަޑުން ކުޑަކުރެ އެވެ.

ވޮޓްސަން އެމީހުންނާއެކު މަސައްކަތް ކުރަނީ ފޯނު ބޭނުންކުރާ ވަގުތު މަޑުމަޑުން މަދުކޮށް، ފޯނާ ދުރުގައި ހުންނަ ވަގުތުތަކުގައި ސިކުނޑިއަށް އަންނަ ޚިޔާލުތަކާއި އިހުސާސްތައް ދެނެގަތުމަށެވެ. "ގިނަ ފަހަރަށް މައްސަލައަކީ ދިރިއުޅުމުގެ ކަންކަން ބުރަވެ، އެކަންކަމުން ދުރުވުމަށް ފޯނަށް ގެއްލި، ހަގީގީ ދުނިޔެއާ ވަކިވުން،" އޭނާ ބުންޏެވެ.

ރެއިންފޯޑް ހޯލް ފަދަ އަގުބޮޑު ތަންތަނުގެ ބޭރުން ވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ ޑިޖިޓަލް ދެވިހިފުމުން ސަލާމަތްވުމަށް އެކަކު އަނެކަކަށް އެހީތެރިވަމުންނެވެ. 2017 ވަނަ އަހަރު، ޓެކްނޮލޮޖީއާއި އިންޓަނެޓް ބޭނުންކުރެވޭ މިންވަރާ މެދު ކަންބޮޑުވި ބަޔަކު ގުޅިގެން 'އިންޓަނެޓް އެންޑް ޓެކްނޮލޮޖީ އެޑިކްޓްސް އެނޮނިމަސް' (އައި.ޓީ.އޭ.އޭ) އުފެއްދި އެވެ. މިއީ 'އަލްކޮހޮލިކްސް އެނޮނިމަސް' (އޭ.އޭ) ގެ އުސޫލުން ހިންގާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.

ޖެނީއަކީ މި ޖަމިއްޔާގެ މެންބަރެކެވެ. ފޯނަށް ދެވިހިފުން އެންމެ ގޯސްވި ދުވަސްވަރު، އޭނާ ދުވަސްތަކެއް ވަންދެން ނުނިދާ ހުރެ އެވެ. ކެއިންބުއިމަށް ވެސް ސަމާލުކަމެއް ނުދެ އެވެ. "އަހަރެންގެ ދިރިއުޅުމުގެ ބޮޑެތި ބައިތަކެއް ގެއްލިގެންދިޔަ،" ބީބީސީއަށް އަސްލު ނަން ހާމަކުރަން ބޭނުންނުވާ 30 އަހަރުގެ ޖެނީ ކިޔައިދިނެވެ.

ސްކްރީނުން ފެންނަނީ ފިލްމެއްތޯ، ސީރީޒްއެއްތޯ ނުވަތަ ކުރު ވީޑިއޯއެއްތޯ އޭނާއަށް މުހިންމެއް ނޫނެވެ. މުހިންމީ ކޮންމެވެސް އެއްޗެއް ބަލަން ހުރުމެވެ. "އަހަރެން މިކަމަށް ދެވިހިފާފައި ހުރި މިންވަރު އެނގުނީ ފޯނާ ދުރުވާން މަސައްކަތްކޮށް، އެކަމުގެ އުނދަގޫތައް ވާން ފެށުމުން. އެންމެ ފަހުން އަހަރެންގެ ފޯނާއި ވަސީލަތްތައް ލޮކްކޮށްފައި ބެހެއްޓުމަށް ރައްޓެހިންނާއި އާއިލާގެ ކިބައިން އެދުނިން،" ޖެނީ ބުންޏެވެ. "އެކަން އޮތީ އެހާވެސް ގޯސްކޮށް. އަހަރެން ހީކުރީ އެއްޗެއް ނުބަލާ ހުރެއްޖެނަމަ މަރުވެދާނެ ކަމަށް."

އަލުން އެކަމުގެ ތެރެއަށް ވަދެވިއްޖެނަމަ، އޭނާ އާއިލާގެ މީހުންގެ ލެޕްޓޮޕް ނުވަތަ ފޯނު ސިއްރުން ނަގައިގެން ވެސް ބޭނުންކުރެ އެވެ. ނަމަވެސް އެއަށްފަހު އަމިއްލަ ނަފްސާ މެދު ލަދުވެތިކަމާއި ކުށްވެރިކަމުގެ އިހުސާސް ކުރެވުމުން، އެ އިހުސާސްތަކުން ދުރުވުމަށްޓަކައި އަނެއްކާވެސް އިތުރަށް ވީޑިއޯތައް ބަލަން ފަށަނީ އެވެ.

އެތައް އަހަރަކު އެހީއަށް އެދި މަސައްކަތް ކުރުމަށްފަހު، އޭނާއަށް އައި.ޓީ.އޭ.އޭ ފެނި، އެ ޖަމިއްޔާގެ 12 މަރުހަލާގެ ޕްރޮގްރާމް ފުރިހަމަކުރި އެވެ. މިހާރު އޭނާ ހުރީ އެ ވަބާއިން ސަލާމަތްވެފަ އެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހު އޭނާ އެއްވެސް އެއްޗެއް ސްޓްރީމްކޮށް ނުވަތަ ބަލާފައެއް ނުވެ އެވެ. ޖެނީ ބުނާ ގޮތުގައި މިހާރު އޭނާ ގެންގުޅެނީ އާދައިގެ ފޯނެކެވެ. އަދި އިންޓަނެޓް ބޭނުންކުރަނީ ހަމައެކަނި ވަޒީފާގެ ކަންކަމުގަ އެވެ. "މިހާރު ކަންކަން އޮތީ އަހަރެންގެ ކޮންޓްރޯލްގެ ދަށުގައި،" އޭނާ ބުންޏެވެ.

އައި.ޓީ.އޭ.އޭ ގެ އެހެން މެންބަރެއް ކަމަށްވާ ޓޮމް ބުނި ގޮތުގައި، މި ދެވިހިފުމުގެ ސަބަބުން އޭނާގެ ދިރިއުޅުން ވަރަށް އަނދިރި ހިސާބަކަށް ދިޔަ އެވެ. ފޯނާއި އެހެނިހެން ސްކްރީންތަކުގެ ސަބަބުން އޭނާގެ ދިރިއުޅުމުގެ މުޅި މަސްތައް ގެއްލިގެންދިޔަ ފަހަރުތައް އައެވެ.

"އަހަރެން މެދުނުކެނޑި 10 ގަޑިއިރު ވަންދެން ފޯނަށް ގެއްލިފައި ހުންނަން. އެއްފަހަރާ ލަވަ އަޑުއަހަމުން، ޔޫޓިއުބް ބަލަމުން، ސޯޝަލް މީޑިއާ ބަލަމުން އަދި ގޭމް ކުޅެމުން ދިޔައިން. އެއަށްފަހު ދެ ގަޑިއިރު ހިނގާލަން ގޮސްފައި އައިސް އަނެއްކާވެސް ފޯނަށް ގެއްލެނީ. މިގޮތަށް މަސްތަކެއް ވަންދެން ދިޔަ،" ޓޮމް ކިޔައިދިނެވެ.

ޓޮމްގެ ދެވިހިފުން ބޮޑުވެ، އޭނާގެ ވިޔަފާރި ގެއްލި، ދިރިއުޅުމުގެ މަގްސަދު ގެއްލުނެވެ. "އަހަރެން އަމިއްލައަށް މަރުވާން ވެސް ހިތަށްއެރި،" އޭނާ ބުންޏެވެ. "ނަމަވެސް މިހާރު އަލުން ދިރިއުޅުމުގެ އުފާ ލިބެން ފަށައިފި. އަހަރެން މިހާރު ކުޅިވަރު ކުޅެ، ބޭރަށް ގޮސް، ޖިމަށް ގޮސް ހަދަން."

ބްރިޓިޝް އެސޯސިއޭޝަން ފޯ ކައުންސެލިން އެންޑް ތެރަޕީ (ބީ.އޭ.ސީ.ޕީ) ގެ ސައިކޯތެރަޕިސްޓް ހިލްޑާ ބާކް، ދާދިފަހުން ވަނީ 'ފޯން އެޑިކްޝަން ވޯކްބުކް' ގެ ނަމުގައި ފޮތެއް ލިޔެފަ އެވެ. އޭނާ މި ފޮތް ލިޔުނީ ޑިޖިޓަލް ދެވިހިފުމުގެ މައްސަލައިގައި އެހީއަށް އެދި އަންނަ މީހުން އިތުރުވުމާ ގުޅިގެންނެވެ.

ސްކްރީންގައި މާ ގިނަ ވަގުތު ހޭދަކުރެވޭތީ ކަންބޮޑުވާނަމަ، އަމިއްލަ އުޅުމަށް ބަލައި، އެކަމުގެ ފަހަތުގައިވާ ސަބަބާ މެދު ވިސްނާލުމަށް އޭނާ ލަފާދެ އެވެ. 

ބާކް ކިޔައިދިން ގޮތުގައި، ގިނަ ފަހަރަށް މެސެޖަކަށް ޖަވާބު ނުލިބި ލަސްވުމަކީ ނުތަނަވަސްކަން އުފެދޭ ކަމެކެވެ. އަދި އެ ނުތަނަވަސްކަމުން ދުރުވުމަށްޓަކައި ފޯނުގެ އެހެން ކަންކަމަށް ސަމާލުކަން ދެވެނީ އެވެ. "އޮންލައިންވުމުގެ ބަދަލުގައި، އެހެން ކަމަކަށް ސަމާލުކަން އަނބުރާލާ. ރަހުމަތްތެރިއަކަށް ގުޅާލާ، ދުވެލަން ގޮސް، ނުވަތަ ފޮތެއް ކިޔާ. އަދި އެކަމާ މެދު ކުށްވެރިއެއް ކަމުގެ އިހުސާސް ނުކޮށް، ދެން އަންނަ ފަހަރަކު އެކަން ރަނގަޅު ކުރާނެ ގޮތަކާ މެދު ވިސްނާ."

ފޯނު އުފައްދާ ކުންފުނިތަކުން ވެސް މިހާރު ވަނީ ސްކްރީންގައި ހޭދަކުރާ ވަގުތު ބެލޭނެ ގޮތްތަކާއި، ބައެއް އެޕްތައް ބޭނުންކުރެވޭ ވަގުތު ހަނިކުރެވޭނެ ފީޗާތައް ތައާރަފްކޮށްފަ އެވެ. މިއީ ގިނަ ބަޔަކު ތާށިވެފައިވާ މި ދެވިހިފުމުގެ ނުރައްކަލުން ސަލާމަތްވުމަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެކެވެ.

އުތުރު ލަންޑަނުގައި ހުރި މާރިއޯސް އުންމީދު ކުރަނީ އޭނާ ހަދަމުންދާ ތެރަޕީ ކޯހުގެ ސަބަބުން ފޯނަށް ދެވިހިފާފައި ހުރި ހުރުން ނިމުމަކަށް އަންނާނެ ކަމަށެވެ. އޭނާ މިހާރު ދަނީ ފޯނުގައި ހުރި އެޕްތަކުގެ އެހީގައި ސްޕެނިޝް ބަސް ވެސް ދަސްކުރަމުންނެވެ. "މިއީ މުޅިން ގޯސް އެއްޗެއް ނޫން،" އޭނާ ބުންޏެވެ.

ނަމަވެސް، އިރުކޮޅެއް ފަހުން އޭނާއަށް ނޭނގި ނަމަވެސް ފޯނާ ދިމާލަށް އަތް ދިއްކޮށްލެވުނެވެ. ފޯނުގައި އަތްލެވުމާއެކު، އޭނާ ވަގުތުން ފޯނު ދުރަށް ޖައްސާލި އެވެ. "ކޮންމެ ދުވަހަކުވެސް އަހަރެން އަޒުމް ކަނޑައަޅަނީ ފޯނުގައި ގިނަ ވަގުތު ހޭދަނުކުރުމަށް. އޭގެ ތަފާތު މިހާރު ފެންނަން ފަށައިފި،" މާރިއޯސް ބުންޏެވެ. "މިއީ ކުރެވިދާނެ ކަމެއްކަން އަހަރެންނަށް ޔަގީން."

މަސްދަރު: ބީބީސީ

ފޯނަށް ދެވިހިފުންނަފްސާނީ ދުޅަހެޔޮކަންސިއްހަތުޑިޖިޓަލް އެޑިކްޝަން

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި

20 އޯގަސްޓު 2026
އަލަށް އުފަންވާ ކުއްޖެއްގެ ބަރުދަން ހުރި ހިލައެއް މީހެއްގެ ބްލެޑަރ އިން ސްރީ ލަންކާގެ ޑޮކްޓަރުން ނަގައިފި
13 އޯގަސްޓު 2026

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ

13 އޯގަސްޓު 2026
ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ
11 އޯގަސްޓު 2026

ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި

11 އޯގަސްޓު 2026
ކުޑަކުދިންނަށް ދޭ ވެކްސިންގެ އަދަދު މަދުކުރުމުގެ ގަރާރެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައިފި
10 އޯގަސްޓު 2026

ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!

10 އޯގަސްޓު 2026
ބޭހާބެހޭ ގަވާއިދުގެ ދަށުން ނަގާ ފީތަކުގެ އަދަދު އެތައް ސަތޭކަ ގުނައެއް ބޮޑުކޮށް، ސަރުކާރުން ބުނާ އެއްޗަކާއި އަމަލާ ދިމާނުވާކަން އަނެއްކާވެސް ހާމަވަނީ!
10 އޯގަސްޓު 2026

ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން

10 އޯގަސްޓު 2026
ތައިލެންޑުގައި ކާފަ އާއި މާމަ މަރާލުމަށްފަހު ސްކޫލުގައި ބަޑިޖެހި 14 އަހަރުގެ ކުއްޖާ ބަޑިޖަހަން ދަސްކޮށްފައިވަނީ ސޯޝަލް މީޑިއާ އިން: ފުލުހުން
08 އޯގަސްޓު 2026

އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟

08 އޯގަސްޓު 2026
އިނގިލިތަކުން ކަށި ގޮއްވަން ވާނެތަ؟
03 އޯގަސްޓު 2026

ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބޯބަން ވައިރަސް ބަލި ނިއުޔޯކުން ފެނިއްޖެ

03 އޯގަސްޓު 2026
ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ބޯބަން ވައިރަސް ބަލި ނިއުޔޯކުން ފެނިއްޖެ
03 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ

03 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ
02 އޯގަސްޓު 2026

ކަށިތައް ވަރުގަދަކުރުމަށް ހިއްކި މޭވާ އާއި ސޯޔާ ވަރަށް މުހިންމު

02 އޯގަސްޓު 2026
ކަށިތައް ވަރުގަދަކުރުމަށް ހިއްކި މޭވާ އާއި ސޯޔާ ވަރަށް މުހިންމު
29 ޖުލައި 2026

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

29 ޖުލައި 2026
ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް