އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފު ކަމެއް ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ވަނީ ނިންމާފައި. މި ނިންމުމާ ގުޅޭ ކަންބޮޑުވުންތައް އެލްޖީއޭއާ ހިއްސާކުރުމަށް އެ ޕާޓީން ތައްޔާރުވަމުންދާއިރު، އަތޮޅު ކައުންސިލު އުވާލައި، ވަކިވަކި އޮފީސްތައް އަލުން އުފެއްދުމަކީ ޚަރަދު ބޮޑުވެ ޚިދުމަތްތަކަށް ބުރޫއަރާނެ ކަމެއް ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ފާހަގަކުރޭ


އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި، އެކަމުގައި އެމްޑީޕީން ކޯޓަށް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާ ބައްދަލުކުރަން ބުދަ ދުވަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ދިއުމުން، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ބައްދަލު ކުރަން އައުމަށް އެލްޖީއޭއިން އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީން އެލްޖީއޭއާ ހިއްސާކުރަން ބޭނުންވާ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލާމަރުކަޒީ ނިޒާމާއި، ކައުންސިލްތައް ހިންގާ ގޮތާއި، އެލްޖީއޭއިން އަދާކުރާ ރޯލާ ގުޅޭ ކަންބޮޑުވުންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ނިޔާޒު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ވެސް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން ނުހަނު ކަންބޮޑުވާ ނިންމުމެއް ކަމަށެވެ. އެކަންކަން ވެސް އެލްޖީއޭއާއެކު ބާއްވާ ބައްދަލުވުމުގައި ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށްވާތީ، އެކަމުގައި ކުރިން އޮތް ގޮތަށް އިޔާދަ ކުރުމަށް ކޯޓަށް ދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެމްޑީޕީގެ އިސްނެގުމާއެކު މިހާރު ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެލްޖީއޭގެ ބްރާންޗުތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށް ސަރުކާރުން މިކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެސް ވާނީ ޚަރަދު ބޮޑުވުން ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ. އެހެންކަމުން ޚަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލަން ނިންމި ނިންމުން ބަލައެއް ނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެލްޖީއޭގެ ބްރާންޗުތަކެއް އަތޮޅުތެރޭގައި އުފެއްދުމަށް ސަރުކާރުން މި ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެސް ވާނީ ޚަރަދު ބޮޑުވުން، އެހެންވީމާ ޚަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލުތައް އުވާލަން ނިންމި ނިންމުން ބަލައެއް ނުގަނެވޭ. ހަގީގަތުގައި ޚަރަދު ކުޑައެއް ނުވި ސަރުކާރުން މި ނިންމި ނިންމުމާއެކު، އެހެންވީމާ އެކަމުގައި އެލްޖީއޭއިން ދެކޭގޮތްވެސް އެމްޑީޕީން ބަލަން ބޭނުންވޭއަލީ ނިޔާޒު
ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން އަތޮޅު ކައުންސިލްތައް މިހާރު އުވިފައިވާތީ ހުރިހާ ސެކްރެޓަރީ ޖެނެރަލުން ވަޒީފާ އިން ވަކިކޮށް، އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރި އެހެން ސިވިލް ސަރވިސް މުވައްޒަފުން، ރައީސް މުއިއްޒު އަލަށް އުފެއްދެވި އަތޮޅު އޮފީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާރވިސް ކޮމިޝަނުން ވަނީ ފަށާފަ އެވެ.
ނަމަވެސް އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތްތަކެއް ހުއްޓިފައިވާތީ، މީގެ ކުރިން ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފަ އެވެ.









