މަޝްވަރާކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާންޖެހި: އަރާގްޗީ
11 އޯގަސްޓު 2026 | އަންގާރަ 10:23އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅުވީ އީރާން އިން އެއްވެސް ޝަރުތަކާ ނުލައި އަމާން ދިނުމަށް. މިކަމަށް އިޝާރާތް ކުރައްވައި އަރާގްޗީ ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ޓްރަމްޕް ސޯޝަލް މީޑިއާގައި "ޝަރުތެއް ނެތް އަމާން ދިނުން" މި ދެ ލަފުޒު ލިޔުއްވާފައިވާ ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ރޮއިޓާސް
އީރާން އާއެކު މަޝްވަރާ ކުރުމަށް އެދި އެމެރިކާ އިން އާދޭސްކޮށް، ސަލާން ޖަހާފައިވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ.
އީރާންގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އަރާގްޗީ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާންއާ މެދު ގެންގުޅުއްވި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ.
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ކުރީކޮޅު އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅުވީ އީރާން އިން އެއްވެސް ޝަރުތަކާ ނުލައި އަމާން ދިނުމަށް ކަމަށެވެ. މިކަމަށް އިޝާރާތް ކުރައްވައި އަރާގްޗީ ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ޓްރަމްޕް ސޯޝަލް މީޑިއާގައި "ޝަރުތެއް ނެތް އަމާން ދިނުން" މި ދެ ލަފުޒު ލިޔުއްވާފައިވާ ކަމަށެވެ.
އަރާގްޗީ އިތުރަށް ވިދާޅުވީ، އީރާން އިން އެއްވެސް ޝަރުތަކާ ނުލައި އަމާން ދިނުމަށް އެމެރިކާ އިން ބޭނުންވި ނަމަވެސް، އޭގެ 20 ދުވަސް ފަހުން ކަންތައްތައް ބަދަލުވެގެން ދިޔަ ގޮތް ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން ކުރިން އަމާން ދިނުމަށް ގޮވާލި ހަތުރުވެރި ދުޝްމަނުން، އޭގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީރާން އާއެކު މަޝްވަރާގެ މޭޒަށް އައުމަށް އެދި އާދޭސް ކުރަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި މި ބަޔާނުގައި އީރާންގެ އެންމެ އިސް ޑިޕްލޮމެޓް ވަނީ އެމެރިކާގެ ސިޔާސަތުތަކަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި އެވެ. އަދި އީރާންގެ ދިފާއީ ބާރާއި ސާބިތުކަމުގެ ކުރިމަތީގައި އެމެރިކާގެ ރޭވުންތައް ނާކާމިޔާބު ވެފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ.
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ މިފަދަ ވާހަކަތަކެއް ދައްކަވާފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާ ވަގުތެއްގައި އެވެ. ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އިންތިހާ އަށް ގޯސްވެފައިވާއިރު، ދެ ޤައުމުން ވެސް ވަނީ ފާއިތުވި ދުވަސްތަކުގައި ގިނަ ހަމަލާތަކެއް ބަދަލުކޮށްފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










