އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ތެދުވެއްޖެ، ވިދާޅުވީ އޭނާ ބޭރުކޮށްލުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް!
11 އޯގަސްޓު 2026 | އަންގާރަ 07:05ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ އިންފަންޓީނޯ މަގާމުން ވަކިކުރުމަށް ފީފާ އިން ވިސްނާ ނަމަ، އެއީ ބޮޑު ގޯހެއް ކަމަށް. އިންފަންޓީނޯ އަކީ ވަރަށް ކާމިޔާބު ބޭފުޅެއްކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުން މިދިޔަ ހޫނު މޫސުމުގައި ބޭއްވި ވޯލްޑް ކަޕް އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު މުބާރާތް ކަމަށް. އަދި އިންފަންޓީނޯ މަގާމުން ވަކިވެއްޖެ ނަމަ، ފީފާ އަށް ލިބޭ ފައިދާ އާއި ކާމިޔާބީ އެ މިންވަރަށް ދެން ނުލިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ގެ ނަމުގައި އުފައްދަން އުޅުނު ކުންފުންޏެއްގެ މައްސަލައިގައި، އިންފަންޓީނޯގެ އިތުބާރު ގެއްލުވާލާފައިވާ ކަމަށް ބުނެ، ބޮޑެތި ފުޓުބޯޅަ ކޮންފެޑަރޭޝަންތަކަކުން އޭނާއާ ދެކޮޅަށް ތެދުވެފައިވާ ދަނޑިވަޅެއްގައި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްވެސް ސަބަބަކާ ހުރެ އިންފަންޓީނޯ މަގާމުން ވަކިކުރުމަށް ފީފާ އިން ވިސްނާ ނަމަ، އެއީ ބޮޑު ގޯހެއް ކަމަށެވެ. އިންފަންޓީނޯ އަކީ ވަރަށް ކާމިޔާބު ބޭފުޅެއްކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުން މިދިޔަ ހޫނު މޫސުމުގައި ބޭއްވި ވޯލްޑް ކަޕް އަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ. އަދި އިންފަންޓީނޯ މަގާމުން ވަކިވެއްޖެ ނަމަ، ފީފާ އަށް ލިބޭ ފައިދާ އާއި ކާމިޔާބީ އެ މިންވަރަށް ދެން ނުލިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިންފަންޓީނޯގެ ދިފާއުގައި ޓްރަމްޕް ކުރައްވާފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ
މި މައްސަލަ ހޫނުވެފައި ވަނީ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ ހުރިހާ މުބާރާތްތަކެއްގެ ވިޔަފާރި އަދި ޓިކެޓު ވިއްކުމުގެ ހައްގުތައް ބެލެހެއްޓުމަށް އައު ކުންފުންޏެއް އުފައްދައި، އެ ކުންފުނީގެ 21 އިންސައްތަ އަމިއްލަ އިންވެސްޓްމަންޓް ކުންފުންޏަކަށް ވިއްކާލަން އިންފަންޓީނޯ ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ. މި އިންވެސްޓްމަންޓް ގްރޫޕުގެ އިސްވެރިޔަކަށް ހުންނަވަނީ ޓްރަމްޕްގެ ދަނބިދަރިކަލުންް ޖެރާޑް ކުޝްނާގެ ކޮއްކޮ، ޖޯޝުއާ ކުޝްނާ އެވެ. އެއީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ތްރައިވް އެޓާނަލް އެވެ.
ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އާއި، އޭޝިއާގެ އޭއެފްސީ އަދި ކޮންކާކަފް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންފަންޓީނޯ ވަނީ އޮޅުވާލުންތަކެއްގެ ތެރެއިން މަގާމުގެ އިތުބާރު ގެއްލުވާލާފައި ކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އިސްކޮށް، ހަވާލު ކުރެވުނު ޒިންމާ އަށް އޭނާ ހިޔާނާތްތެރިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މި މައްސަލައިގައި ޔުއެފާ އިން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓްކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައި އެވެ.
މީގެ އިތުރުން، އިންފަންޓީނޯ މަގާމުގައި ދެމިހުރެއްޖެ ނަމަ، މި ތިން ކޮންފެޑަރޭޝަން ގުޅިގެން ވަކި މުބާރާތްތަކެއް ބޭއްވުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފީފާ އިން ބުނަމުން ދަނީ މިއީ އެ އިދާރާ އާއި އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
އިންފަންޓީނޯ އާއި ޓްރަމްޕާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންފަންޓީނޯ ވަނީ ޓްރަމްޕް އަށް ފީފާގެ ފުރަތަމަ ޕީސް ޕްރައިޒް އަރުވާފައި އެވެ.










