އީރާނާއި އެމެރިކާއާ ދެމެދު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަކަށް ނުދޭ: އީރާން
12 އޯގަސްޓު 2026 | ބުދަ 12:56އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ރޫޅިފައިވާއިރު، އޭގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އީރާނުން ބުނެފި. އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކުރާއިރު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް މެދުވެރިން މެދުވެރިކޮށް ކުރާ މަސައްކަތުން އަދި ކުރިއެރުމެއް ލިބިފައެއް ނުވޭ

އެމެރިކާގެ މެސެޗޫސެޓްސް ސްޓޭޓްގެ ނޯތުހެމްޕްޓަންގައި "އީރާނާއެކު ހަނގުރާމަ ނުކުރުމަށް" ގޮވާލައި ބޭއްވި މުޒާހަރާގެ ބައިވެރިއަކު، 2011 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓުވީޓެއް ހިމެނޭ ބޯޑެއް ހިފައިގެން ހުރި މީހެއް. އެ ޓުވީޓުގައި ޓްރަމްޕް އޭރު ތުހުމަތުކުރައްވާފައި ވަނީ، އޭރުގެ ރައީސް ބަރަކް އޮބާމާ އީރާނާއެކު ހަނގުރާމައެއް ފަށްޓަވާނެ ކަމަށް | އެލަމީ
އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އީރާނު ސަރުކާރުގެ އިސް މަސްދަރަކުން ބުދަ ދުވަހު ރޮއިޓާސްއަށް ކަށަވަރުކޮށްދީފި އެވެ. އެ މަސްދަރުން ހާމަކުރި ގޮތުގައި، ތެހެރާނުން ދެކޭގޮތުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ތާރީޚެއް ކަނޑައެޅިފައި ނުވާތީ، މުއްދަތު އިތުރުކުރަންޖެހޭ ފަދަ އެއްވެސް އަސާސެއް އެ އެއްބަސްވުމުގައި ނެތެވެ.
އީރާނުގެ އިސް އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ، މިދިޔަ ޖޫން މަހު ދެގައުމުގެ ދެމެދުގައި ސޮއިކުރި ވަގުތީ އެއްބަސްވުމުގެ ދަށުން ގާއިމުކުރި 60 ދުވަހުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ތެހެރާނާއި ވޮޝިންޓަނުން އެއްބަސްވެފައިވާ ކަމަށް، ޕާކިސްތާނު ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީން ބުދަ ދުވަހު ރިޕޯޓުކޮށްފައި ވަނިކޮށެވެ.
ހުރިހާ ދިމާއަކުން އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެއްބަސްވުން ވަނީ ވަރަށް އަވަހަށް ރޫޅިފަ އެވެ. އެގޮތުން ޖުލައި މަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުން "ނިމުމަކަށް އަތުވެއްޖެ" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ހަފުތާއެއް ފަހުން އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ އެއްބަސްވުން "މެދުކަނޑާލާފައިވާ" ކަމަށް އިއުލާންކޮށްފަ އެވެ.
"އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ އެއްވެސް ވާހަކައެއް ނެތް. ސަބަބަކީ އީރާނުން ދެކޭގޮތުގައި އެއްބަސްވުމަށް އަމަލުކުރަން ފެށުނު މުއްދަތެއް ނެތް، އެހެންކަމުން އިތުރުކުރާނެ މުއްދަތެއްވެސް ނެތް. އެމެރިކާއިން ވަނީ ވަގުތީ އެއްބަސްވުމަށް އާދެވުނުތާ 48 ގަޑިއިރު ނުވަނީސް އެއާ ޚިލާފުވެ، އޭގެ މަދު ދުވަސްކޮޅެއް ފަހުން އެއްބަސްވުމުން ވަކިވެފައި،" އީރާނުގެ މަސްދަރުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުންޏެވެ.
އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ މުއްދަތަކީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމަށާއި އެމެރިކާއިން އީރާނަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ފަހުގެ އެއްބަސްވުމަކަށް އައުމަށް ކަނޑައެޅި، މުއްދަތު އިތުރުކުރެވޭ ގޮތަށް އޮތް ތާވަލެކެވެ.
އިތުރު މަޝްވަރާތަކުގެ މަރުހަލާއަށް ދިއުމުގެ ކުރިން ފުރިހަމަވާންޖެހޭ މުހިންމު ކަންތައްތަކެއްގެ ގޮތުގައި ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމާއި، ގަލްފް ސަރަހައްދުގައި ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރުމުގެ އިތުރުން، އީރާނަށް ތެޔޮ ވިއްކުމަށް ހުރި ހުރަސްތައް ނައްތާލުން ހިމެނެ އެވެ.
"މެދުވެރިން މެދުވެރިކޮށް މިހާރު މަޝްވަރާ ކުރެވެމުންދާ އެއް ކަމަކީ، އެމެރިކާއިން އަލުން ވަގުތީ އެއްބަސްވުމަށް ރުޖޫއަވުމާއި، އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމަށް ތާރީޚުތަކެއް ކަނޑައެޅުން. ނަމަވެސް މިކަމުގައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވޭ،" އީރާނުގެ އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.










