އީރާާންއާ ދެކޮޅަށް އެމެރިކާ އިން އަޅަން އޮތް ދެ ފިޔަވަޅަކީ އިޤްތިސާދީ ގޮތުން އިނދަޖައްސާލުން، ނުވަތަ ވަރުގަދަ ހަމަލާތަކެއް ދިނުން: ޓްރަމްޕް
12 އޯގަސްޓު 2026 | ބުދަ 04:28އީރާންއާ މެދު މިހާރު ގެންގުޅުއްވާ އެއް އުސޫލަކީ އެ ގައުމުގެ އިޤްތިސާދު ހީނަރުވަމުންދާ މަންޒަރު ބަލަން ތިބުން ކަމަށް ޓްރަމްޕް ވިދާޅުވި. އީރާންގެ އިޤްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، އެ ގައުމަށް ފައިސާގެ ދަރަންޏަށް ނުލިބޭއިރު، އީރާންގެ ގިނަ އަދަދެއްގެ ފައިސާ ހުރީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް އޭނާ ފާހަގަ ކުރެއްވި. ހިފަހައްޓާފައިވާ އީރާންގެ މާލީ އެސެޓުތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ އީރާންގެ "ބޭންކަރު" ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާން އާއެކު އޮތް ހަމަނުޖެހުންތަކުގައި އެމެރިކާ އަށް އޮތް އިޚުތިޔާރުތަކަކީ އެ ގައުމުގެ އިޤްތިސާ އިނދަޖެހެންދެން މަޑުކުރުން ނުވަތަ ވަރުގަދަ ހަމަލާއެއް ދިނުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ރިއަލް އެމެރިކާސް ވޮއިސް" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، އީރާން އަކީ މަކަރުވެރި ގޮތް ގޮތަށް މަޝްވަރާކުރާ ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހު ކޮޅުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ބައެއް ފަހަރު ހަމަލާ ވަރުގަދަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައި، އަނެއްބައި ފަހަރު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވިދާޅުވެ އެވެ. ޓްރަމްޕް ވިދާޅުވީ މިހާރު ވެސް އޭނާ ގެންދަވަނީ އީރާން އާއެކު ކޮންމެ ވެސް މިންވަރަކަށް މަޝްވަރާ ކުރައްވަމުން ކަމަށެވެ.
އީރާންއާ މެދު މިހާރު ގެންގުޅުއްވާ އެއް އުސޫލަކީ އެ ގައުމުގެ އިޤްތިސާދު ހީނަރުވަމުންދާ މަންޒަރު ބަލަން ތިބުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އީރާންގެ އިޤްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި، އެ ގައުމަށް ފައިސާގެ ދަރަންޏަށް ނުލިބޭއިރު، އީރާންގެ ގިނަ އަދަދެއްގެ ފައިސާ ހުރީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ހިފަހައްޓާފައިވާ އީރާންގެ މާލީ މުދާތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ އީރާންގެ "ބޭންކަރު" ކަމަށެވެ.
މީގެ އިތުރުން، އީރާން އަށް އޮތް އަނެއް އިޚުތިޔާރަކީ ވަރަށް ވަރުގަދަ ހަމަލާއެއް ދިނުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގެ ހަތިޔާރުގެ މިންވަރު މަދުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ވަރަށް ގިނަ އަދަދަކަށް ހަތިޔާރު އުފައްދަމުންދާ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ހަތިޔާރުގެ ރިޒާވް ދަށްވެފައިވާ ނަމަ، އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކުރީގެ ރައީސް ޖޯ ބައިޑަން ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ބައިޑަން އަށް ފާޑު ވިދާޅުވެފައި އެވެ.
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ބައިޑަން ވަނީ ޔޫކްރެއިން އަށް 300 ބިލިއަން ޑޮލަރުގެ ހަތިޔާރު ދީފައި އެވެ. ރޮއިޓާސް އިން މިދިޔަ ހަފުތާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާ އިން ބޭނުންކުރާ ދުރު ރާސްތާގެ މިސައިލްތަކުގެ ބޮޑު ބައެއް ވަނީ ހުސްވެފައި އެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ހަނގުރާމައަކަށް އެމެރިކާގެ އަސްކަރިއްޔާ އިން ތައްޔާރުވެފައިވާ އޮތް މިންވަރާ މެދު ވަނީ ސުވާލު އުފެދިފައި އެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ޕާކިސްތާން އިން އަންގާރަ ދުވަހު ބުނެފައި ވަނީ އެމެރިކާ އާއި އީރާންއާ ދެމެދު ކޮންމެ ވެސް ކަހަލަ އެއްބަސްވުމަކަށް އާދެވުމާ ގާތްވެފައިވާ ކަމަށެވެ. އަދި ޤަތަރުން ބުނެފައިވާ ގޮތުގައި ހުރްމުޒް ކަނޑު އޮޅި ބެލެހެއްޓުމާ ގުޅޭ މަޝްވަރާތައް މިހާރު އޮތީ ވަރަށް ކުރިއަރާފައިވާ މަރުހަލާއެއްގައި އެވެ. ނަމަވެސް އެ ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި އުޅަނދު ފަހަރަށް އަމާޒުކޮށް އައު ހަމަލާތަކެއް ދެމުންދާ ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ.
މަސްދަރު: ރޮއިޓާސް










