އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި
11 އޯގަސްޓު 2026 | އަންގާރަ 13:39އޮމާން ކަނޑުން ދަތުރުކުރި ޕެނަމާގެ "ވޭލާ ނޯވާ" ކޮންޓެއިނަރު އުޅަނދަށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާއިރު، އުޅަނދުގައި ތިބި ފަޅުވެރިން މިހާރު ދަނީ އެހެން އުޅަނދަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން

ޔޫއެސްއެސް ބޮކްސާ (އެލްއެޗްޑީ 4) މަނަވަރުގެ ފްލައިޓް ޑެކުން ޔޫއެޗް-1ވައި ވެނަމް މަރުކާގެ ޔުޓިލިޓީ ހެލިކޮޕްޓަރެއް އުދުއްސާލަނީ | ސެންޓްކޮމް
އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް (ނޭވަލް ބްލޮކޭޑް) ހަރަކާތްތެރިވާ ފަރާތްތަކުން ދިން އިންޒާރުތަކަށް އެ އުޅަނދުގެ ފަޅުވެރިން އިޖާބަ ނުދިނުމާ ގުޅިގެން، އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ޕެނަމާގެ ދިދަ ނަގާފައިވާ އުޅަނދެއްގެ ހުންގާނަށް ހަމަލާދީފި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފި އެވެ. އަންގާރަ ދުވަހު އެ ނޫހުން މި ޚަބަރު ފެތުރީ އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ނޫހުން ބުނެ އެވެ. އަދި މި ހަމަލާއަށްފަހު، އެ އުޅަނދުގައި ތިބި ފަޅުވެރިން މަދަނީ އެހެން އުޅަނދަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ބްރިޓިޝް މެރިޓައިމް ރިސްކް މެނޭޖްމަންޓް ގްރޫޕް، "ވޭންގާޑް" އާއި ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭ މަސްދަރަކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ފުރަތަމަ ލިބުނު މައުލޫމާތުތަކަށް ބަލާއިރު ޕެނަމާގެ ދިދަ ނަގާފައިވާ "ވޭލާ ނޯވާ" ނަމަކަށް ކިޔާ ކޮންޓެއިނަރު އުޅަނދަށް އޮމާން ކަނޑުން ދަތުރުކުރަނިކޮށް މިސައިލް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބެލެވެ އެވެ.










