މިޑްޓަރމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ވައިޓް ހައުސްގެ ކައުންސެލް އަކަށް ޓްރަމްޕްގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް އައްޔަންކުރައްވައިފި
11 އޯގަސްޓު 2026 | އަންގާރަ 05:23ޓްރަމްޕްގެ ގާނޫނީ ޓީމާ ޝާފް ގުޅިވަޑައިގަތީ 2023 ވަނަ އަހަރު އެވެ. އޭނާ ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖެކް ސްމިތު ހުށަހެޅި މައްސަލައިގައި ޓްރަމްޕްގެ ދިފާއުގައި މަސައްކަތް ކުރައްވާފައި. މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔައިރު، ރައީސުން ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމުގައި ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް 2024 ވަނަ އަހަރު ކޯޓުން ނިންމި ނިންމުމުގައި ޝާފްގެ ދައުރު ބޮޑު. މީގެ އިތުރުން ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ބްރެޓް ކަވަނޯ އަދި އެމީ ކޯނީ ބެރެޓް އައްޔަން ކުރުމުގެ މަރުހަލާގައި ވެސް އޭނާ މަސައްކަތް ކުރެއްވި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަމިއްލަފުޅު ޤާނޫނީ ވަކީލު ވިލް ޝާފް | ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ވިލް ޝާފް، ވައިޓް ހައުސްގެ ކައުންސެލްގެ މަޤާމަށް އައްޔަން ކުރައްވައިފި އެވެ.
ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ މިޑްޓަރމް އިންތިޚާބަށް މަދު މަސްތަކަކަށް ވެފައި ވަނިކޮށް، ސަރުކާރުގެ އެންމެ މުހިންމު އެއް ޤާނޫނީ މަޤާމަށް ޝާފް އައްޔަން ކުރެއްވީ މިހާރު އެ މަޤާމުގައި ހުންނެވި ޑޭވިޑް ވޮރިންޓަންގެ ބަދަލުގައި އެވެ. ވޮރިންޓަން ސަރުކާރުން އިސްތިއުފާ ދެއްވާފައި ވަނީ، އަމިއްލަ ދާއިރާއެއްގައި މަސައްކަތް ކުރެއްވުމަށެވެ.
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވައިޓް ހައުސްގެ އިސް ވަކީލުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ޝާފް އަށް، ރައީސްގެ އެސިސްޓެންޓުގެ މަޤާމު ވެސް ވަނީ ދެއްވައިފަ އެވެ. ޝާފް މިހާތަނަށް ހުންނެވީ، ވައިޓް ހައުސްގެ ސްޓާފް ސެކްރެޓަރީގެ މަޤާމުގައި އެވެ.
ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، ޝާފް އަކީ ވަރުގަދަ، ހިތްވަރުގަދަ އަދި ބުއްދިވެރި ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި އޭނާ ފެޑަރަލް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކާއި ޓްރަމްޕްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ދެއްވި އެހީތެރިކަން ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ޓްރަމްޕްގެ ގާނޫނީ ޓީމާ ޝާފް ގުޅިވަޑައިގަތީ 2023 ވަނަ އަހަރު އެވެ. އޭނާ ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޖެކް ސްމިތް ހުށަހެޅި މައްސަލައިގައި ޓްރަމްޕްގެ ދިފާއުގައި މަސައްކަތް ކުރައްވާފައި އެވެ. މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔައިރު، ރައީސުން ރަސްމީ ހައިސިއްޔަތުން ކުރައްވާ ކަންކަމުގައި ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް 2024 ވަނަ އަހަރު ކޯޓުން ނިންމި ނިންމުމުގައި ޝާފްގެ ދައުރު ބޮޑެވެ. މީގެ އިތުރުން ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ބްރެޓް ކަވަނޯ އަދި އެމީ ކޯނީ ބެރެޓް އައްޔަން ކުރުމުގެ މަރުހަލާގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.
2025 ވަނަ އަހަރުގެ ޖަނަވަރީގައި ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ޝާފް އައްޔަން ކުރެއްވީ ވައިޓް ހައުސްގެ ސްޓާފް ސެކްރެޓަރީ އަށެވެ. މި މަޤާމުގައި ހުންނަވައިގެން އޭނާ ވަނީ ރައީސްގެ އަރިހުގައި ސިޔާސަތުތައް ތަންފީޒުކުރުމާއި ރިޔާސީ ޤަރާރުތަކުގައި ސޮއި ކުރެއްވުމުގެ ކަންކަމުގައި ގާތުން މަސައްކަތް ކުރައްވާފައި އެވެ. މީގެ އިތުރުން ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލައި، އެތަނުގައި 400 މިލިއަން ޑޮލަރުގެ ބޯލްރޫމެއް އެޅުމަށް ކުރިއަށްގެންދާ މައްސަލަ ބަލާ ނޭޝަނަލް ކެޕިޓަލް ޕްލޭނިންގ ކޮމިޝަންގެ ޗެއާމަންކަން ވެސް ޝާފް ކުރައްވައި އެވެ.
ވައިޓް ހައުސްގެ ބޯލްރޫމް މަޝްރޫއަކީ ޤާނޫނީ ގޮތުން ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ކަމެކެވެ. ފެޑަރަލް އެޕީލްސް ކޯޓުން ދާދި ފަހުން ވަނީ އެ މަޝްރޫއު ހުއްޓުވުމަށް އަމުރު ކޮށްފައި އެވެ. ކޯޓުން ބުނެފައި ވަނީ ވައިޓް ހައުސް ފަދަ ތަނަކަށް އެވަރުގެ ބޮޑު ބަދަލެއް ގެނެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޝާފް ވައިޓް ހައުސްގެ ކައުންސެލްގެ މަގާމާ ހަވާލުވެ ވަޑައިގަންނަވަނީ ސިޔާސީ ގޮތުން ނާޒުކު ދަނޑިވަޅެއްގައި އެވެ. އަންނަ ނޮވެމްބަރު މަހުގެ އިންތިޚާބަށް ފަހު ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބިއްޖެ ނަމަ، ޓްރަމްޕްގެ ސަރުކާރުގެ މައްސަލަތައް ތަހުގީގު ކުރާނެ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައި އެވެ.
ޝާފް އައްޔަންކުރުމާއެކު، ޓްރަމްޕްގެ އަމިއްލަފުޅު ގާނޫނީ ޓީމުގައި މަސައްކަތް ކުރެއްވި ބޭފުޅުން ސަރުކާރުގެ އިސް މަޤާމުތަކަށް ގެނައުމުގެ ސިޔާސަތު އިތުރަށް ވަނީ ހާމަވެފައި އެވެ. މީގެ ކުރިން ޓްރަމްޕްގެ ވަކީލުންގެ ގޮތުގައި ތިއްބެވި ޓޮޑް ބްލާންޗް އެޓާނީ ޖެނެރަލް ކަމަށް، އަދި ޑީ ޖޯން ސޯޔާ ސޮލިސިޓާ ޖެނެރަލްގެ މަޤާމަށް ވަނީ އައްޔަން ކުރައްވާފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










