Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔަމަން

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުތަކަކީ ކޮބާ؟ އީރާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް މީގެ ސަބަބުން ކުރާނެ އަސަރަކީ ކޮބާ؟

8 އޯގަސްޓު 2026 | ހޮނިހިރު 06:49

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށާއި އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، އެ ގައުމުގައި އަލުން ދާޚިލީ ހަނގުރާމައެއް ފެށި އިންސާނީ ކާރިސާ ބޮޑުވެދާނެކަމުގެ ބިރު ވަނީ އިތުރުވެފައި. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވެ، ރަތްކަނޑުގެ ތެޔޮ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާއިރު، ސައުދީން ދަނީ އެހެން ގައުމުތަކާ ގުޅިގެން ދިފާއީ ފިޔަވަޅުތައް ވަރުގަދަކުރަމުން

ރާއްޖެ އެމްވީ | 8 އޯގަސްޓު 2026 | ހޮނިހިރު 06:49
ޔަމަނުގެ ސަންޢާގައި 2026 ޖުލައި 31 ވަނަ ދުވަހު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ހިސާރު ދަމަހައްޓަމުންދާތީ އެކަމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، މުޒާހަރާގެ ބައިވެރިން ހަތިޔާރު ހިފައިގެން ތިބެ އަޑު އުފުލަނީ

ޔަމަނުގެ ސަންޢާގައި 2026 ޖުލައި 31 ވަނަ ދުވަހު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ހިސާރު ދަމަހައްޓަމުންދާތީ އެކަމާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން، މުޒާހަރާގެ ބައިވެރިން ހަތިޔާރު ހިފައިގެން ތިބެ އަޑު އުފުލަނީ | ގެޓީ އިމޭޖަސް

އީރާނުގެ މަދަދުލިބޭ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން، އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީ، ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަހައްދެއް ބަންދުކުރުމާ ގުޅިގެން މެދުއިރުމަތީގެ ހަނގުރާމަ މިވަނީ އިތުރަށް ފުޅާވެފަ އެވެ.

މި ސަރަހައްދުގައި އީރާނުގެ އެހީތެރިކަން އެންމެ ބޮޑަށް ލިބޭ އެއް ޖަމާއަތް ކަމަށްވާ ހޫޘީން މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ މިއަހަރުގެ މާރިޗު މަހުގަ އެވެ. އެއީ އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދިންތާ މަހެއްހާ ދުވަސް ފަހުން، އިސްރާއީލަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދިނުމަށްފަހު އެވެ. މިއަދު އެ ޖަމާއަތުން ދަނީ ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ސަރުކާރާ ދެކޮޅަށް ހަމަލާ ބަދަލުކުރަމުންނެވެ. އަދި ސައުދީ އަރަބިއްޔާއާއެކު ހަތަރު އަހަރު ވަންދެން ދެމިއޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، އަލުން އެ ގައުމަށް ވެސް ދަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.

މި ހަމަލާތައް ވަރުގަދަވެފައި މިވަނީ ހުރްމުޒް ކަނޑުއޮޅިއާއި ރަތްކަނޑުގެ ސަލާމަތީ ކަންކަން ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގަ އެވެ. އަދި ކަނޑުގެ މަގުތައް އަލުން ހުޅުވުމާ ގުޅޭގޮތުން ސީދާ މަޝްވަރާތައް ކުރިއަށްދާ ކަމަށް ބުނެ އީރާނާއި އެމެރިކާއިން ފުށުއަރާ މައުލޫމާތުތަކެއް ދެމުންދާ ވަގުތެއްގަ އެވެ.

އެންމެ ފަހުން ދިން މި ހަމަލާތަކާއެކު، ޔަމަނުގައި އަލުން ފުޅާ ދާއިރާއެއްގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. 2014 ވަނަ އަހަރު ފެށުނު ހަނގުރާމައިގެ ސަބަބުން ޔަމަނަށް ވަނީ ދުނިޔޭގައި މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އިންސާނީ ކާރިސާއާ ކުރިމަތިލާން ޖެހިފަ އެވެ.

ޔަމަނުގައި ހަނގުރާމަ ކުރަނީ ކީއްވެ؟

ޔަމަނުގެ ހަނގުރާމައަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ މައިގަނޑު ގޮތެއްގައި ހޫޘީ ހަނގުރާމަވެރިންނާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް އެހީތެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނާ ދެމެދު ހިނގާ ކުރިމަތިލުމެކެވެ.

ހޫޘީންނަކީ ޔަމަނުގެ ޒައިދީ ޝިއައީ މުސްލިމުންގެ މަދު ބައެކެވެ. އެމީހުންނަށް ރަސްމީކޮށް ކިޔަނީ "އަންސާރުﷲ" އެވެ. 2011 ވަނަ އަހަރުގެ "އަރަބި ރަބީއު" އަށް ފަހު، އެމީހުން ވަނީ ޔަމަނުގެ އުތުރުގެ ޕްރޮވިންސަކާއި ވެރިރަށް ސަންޢާ ހިފާފަ އެވެ. މިހާރުވެސް ސަންޢާގެ އިތުރުން ރަތްކަނޑުގެ އައްސޭރިފަށުގެ ބޮޑު ބައެއް އޮތީ އެމީހުންގެ ބާރުގެ ދަށުގަ އެވެ. މި ދަތުރުގައި އެމީހުން ވަނީ އީރާނުގެ "އެކްސިސް އޮފް ރެސިސްޓެންސް" ނުވަތަ ދެކޮޅުވެރިކަމުގެ ބާރުތަކުގެ ތެރޭގައި ހިމެނި، އެ ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅި، އީރާނުގެ ހަތިޔާރާއި ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދާފަ އެވެ.

އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާއިން 2015 ވަނަ އަހަރު ހޫޘީންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަމަލާތައް ފަށައި، ހަތް އަހަރު ވަންދެން އެމީހުން ޔަމަނުގެ އުތުރުން ބޭރުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ އުފެދުނެވެ. 2022 ވަނަ އަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އެއީ ދާއިމީ ސުލްހައަކަށް ބަދަލެއް ނުވި އެވެ. ހަމަ އެ އަހަރު، ސައުދީގެ އެހީތެރިކަން ލިބޭ "ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލް" (ޕީ.އެލް.ސީ) ގެ ދަށުން ހިނގާ ޔަމަނުގެ ސަރުކާރު ސައުދީ އަރަބިއްޔާގައި ގާއިމުކުރެވުނެވެ. ރިޔާޟުން ދަނީ ވައިގެ މަގުންނާއި ކަނޑުގެ މަގުން، އަދި މަދު އަދަދެއްގެ ސިފައިން ފޮނުވައިގެން އެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ ފަހުން، ސައުދީ އަރަބިއްޔާއިން ވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އިގްތިސާދީ އަދި ވައިގެ ބްލޮކޭޑެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. ހޫޘީން ފާއިތުވި ހަފުތާތަކުގައި މަސައްކަތް ކުރަމުންދަނީ މި ފިޔަވަޅުތައް މުގުރާލުމަށެވެ.

މި ހަމަލާތައް އަލުން ފެށުނީ ކީއްވެ؟

މި ހަނގުރާމައިގެ ތެރެއަށް ނުވަދެވޭތޯ ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރި ނަމަވެސް، އެ ގައުމު ވަނީ މި ހަމަލާތަކުގެ ތެރެއަށް ދަމައިގަނެވިފަ އެވެ. ހަނގުރާމައިގެ ތެރޭގައި ރިޔާޟަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކާ ކުރިމަތިލާން ޖެހުނުއިރު، އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ޖަމާއަތްތަކާއި ޔަމަނުގެ ހޫޘީންގެ ހަމަލާތައް އަދިވެސް ދަނީ ކުރިމަތިވަމުންނެވެ.

ޔަމަނުގެ ހޫތީންގެ މީޑިއާ ސެންޓަރުން ޖުލައި 9 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2025 ޖުލައި 8 ވަނަ ދުވަހު ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ "އިޓާނިޓީ ސީ" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދަކަށް، ހޫތީން ދިން ހަމަލާއެއްގައި މިސައިލެއް އަމާޒުވާ މަންޒަރު

ޔަމަނުގެ ހޫތީންގެ މީޑިއާ ސެންޓަރުން ޖުލައި 9 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، 2025 ޖުލައި 8 ވަނަ ދުވަހު ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ "އިޓާނިޓީ ސީ" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދަކަށް، ހޫތީން ދިން ހަމަލާއެއްގައި މިސައިލެއް އަމާޒުވާ މަންޒަރު | ގެޓީ އިމޭޖަސް

ހޫޘީން މިހާރު ވެފައިވަނީ ސައުދީ އަރަބިއްޔާއަށް އޮތް ބޮޑު ނުރައްކަލަކަށެވެ. އެމީހުން ދަނީ ތެޔޮ ޓޭންކަރުތަކަށް ހަމަލާދީ، ރަތްކަނޑުގެ ތިރީގައި އޮންނަ ބާބުލް މަންދަބު ކަނޑުއޮޅީގައި ސައުދީގެ އުޅަނދުތަކަށް ހުރަސްއަޅަމުންނެވެ. މާހިރުން ބުނާ ގޮތުގައި، ޔަމަނުގެ މި ހަނގުރާމަވެރި ޖަމާއަތުން ދެކެނީ މިއީ އީރާނު ހަނގުރާމައިގެ ތެރެއިން އެމީހުންނަށް ގެއްލުނު ބާރުތައް އަލުން ހޯދުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އެމީހުންގެ ފިކުރު އީރާނާ ގުޅިފައި އޮތް ނަމަވެސް، ސައުދީއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެމީހުންގެ އަމިއްލަ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސްގެ އީރާނު ޑިޕާޓްމަންޓުގެ ކުރީގެ ވެރިޔާ ޑެނީ ސިޓްރިނޮވިޗް ވިދާޅުވި ގޮތުގައި، ސައުދީއާއި ހޫޘީންގެ ދެމެދުގައި އޮތް މައްސަލަ ނިމުމަކާ ގާތްވެސް ނުވެ އެވެ. އަދި ހޫޘީން މިހާރު ވަނީ ނުރައްކާތެރި ފިޔަވަޅެއް ކުރިއަށް އަޅާފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ރިޔާޟަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ހޫޘީން މިހާރު ސިޔާސީ އަދި އަސްކަރީ ގޮތުން އާ ހަރުފަތަކަށް ދިއުމެވެ. ސައުދީ އަރަބިއްޔާއިން އެމީހުންގެ ސަރަހައްދުތަކަށް އަޅާފައިވާ ކަނޑާއި އެއްގަމުގެ ބްލޮކޭޑަށް ރައްދު ހަމަލާ ނުދީ ތިބޭނެ ހާލަތަކަށް އެމީހުން ދެން އެނބުރި ނުދާނެ،" އޭނާ އެކްސްގައި ލިޔުއްވާފައިވެ އެވެ.

ސިޓްރިނޮވިޗް ވިދާޅުވި ގޮތުގައި، ހޫޘީން ތަބާވަނީ އީރާނުގެ ވިސްނުމަށެވެ. އެއީ ވަގުތާއި ހަނގުރާމައިގެ އުކުޅުތައް އޮތީ އެމީހުންގެ ކޮޅަށް ކަމަށް ގަބޫލުކުރުމެވެ.

ސައުދީގެ ބައިވެރިވުން އޮތީ ކިހިނެއް؟

ފުޅާ ދާއިރާއެއްގެ ހަނގުރާމައެއްގެ ތެރެއަށް ވަނުމަކީ ރިޔާޟަށް ނުރައްކާތެރި އަދި ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ. ފާއިތުވި ދިހަ އަހަރު ސައުދީން އެންމެ ބޮޑު އިސްކަމެއް ދިނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ގައުމު ހުޅުވާލައި، ސަރަހައްދީ އިގްތިސާދީ ބާރަކަށް ވުމަށެވެ. ހަނގުރާމައިގެ މާ ކުރިން އީރާނާއެކު ގުޅުން ރަނގަޅުކުރުމުގެ ސިޔާސަތެއް ގެންގުޅެ، 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން އެއްބަސްވުމަކަށް އައީވެސް އެ ސަބަބަށްޓަކައެވެ. ނަމަވެސް، ސައުދީ އަރަބިއްޔާ މިހާރު މިވަނީ ނުރައްކާތެރި ތޫފާނެއްގެ މެދުގަ އެވެ. ތިން ދިމާލަކުން، އަންދާޒާކުރަން ދަތި އުކުޅުތަކެއް ބޭނުންކުރާ ދުޝްމަނުންނާ ކުރިމަތިލާން ޖެހުމަކީ އަސްކަރީ ރޭވުންތެރިންނަށް ކުރިމަތިވާނެ އެންމެ ބޮޑު ބިރުވެރި ހުވަފެނެވެ.

ޔަމަނުގެ ދެކުނުގެ އައްސޭރިފަށުގެ ޕްރޮވިންސެއް ކަމަށްވާ ހަޟްރަމައުތުގެ މުކައްލާ ސިޓީގައި އޮންނަ އަލް-ރިޔާން އެއާޕޯޓުގައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޔަމަނުގެ ކައުންޓަރ ޓެރަރިޒަމް ފޯސްތަކުން ހަރަކާތްތެރިވަނީ

ޔަމަނުގެ ދެކުނުގެ އައްސޭރިފަށުގެ ޕްރޮވިންސެއް ކަމަށްވާ ހަޟްރަމައުތުގެ މުކައްލާ ސިޓީގައި އޮންނަ އަލް-ރިޔާން އެއާޕޯޓުގައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޔަމަނުގެ ކައުންޓަރ ޓެރަރިޒަމް ފޯސްތަކުން ހަރަކާތްތެރިވަނީ | ގެޓީ އިމޭޖަސް

މިދިޔަ ބުރާސްފަތި ދުވަހު ސައުދީގެ އޮފިޝަލަކު ސީ.އެން.އެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އީރާނުގެ މަދަދުލިބޭ ހޫޘީން ގުޅިގެން ދީފާނެ ވަރުގަދަ ހަމަލާތަކަކަށް އެ ގައުމުން ތައްޔާރުވަމުންދާ ކަމަށެވެ. އެ އޮފިޝަލް ހަވާލާދެއްވީ ސައުދީ، އެމެރިކާ އަދި ސަރަހައްދީ ގައުމުތަކުގެ އިންޓެލިޖެންސް ރިޕޯޓްތަކަށެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި، އިރާގުގެ ބައެއް ހަނގުރާމަވެރިން ހޫޘީންނާ ގުޅިގެން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އިރުޝާދުގެ ދަށުން ވަރަށް އަވަހަށް ސައުދީއަށް ހަމަލާދޭން ދަނީ ރާވަމުންނެވެ.

އެ އޮފިޝަލް ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، މި ރިޕޯޓްތައް ލިބިފައިވަނީ ސައުދީން މަސްލަހަތު ފިނިކުރަން މަސައްކަތް ކުރަމުންދަނިކޮށް އަދި އީރާނާއެކު ކުރެވޭ މަޝްވަރާތައް ރަނގަޅު މިސްރާބަކަށް ދާކަމަށް ފެންނަނިކޮށް ކަމަށެވެ.

ސިޓްރިނޮވިޗް ލިޔުއްވާފައިވާ ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ރިޔާޟަށް ޖެހިފައިވަނީ "އުނދަގޫ ނިންމުމެއް" ނިންމާށެވެ.

"ހަމަލާތައް ވަރުގަދަކުރުމަކީ ނިމުމެއް ނެތް، އަދި ޚަރަދާއި ނަތީޖާ އަންދާޒާކުރަން ދަތި ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެކެވެ. ނަމަވެސް ހޫޘީންނަށް ދޫދިނުމަކީ ސިޔާސީ އަދި އަސްކަރީ ގޮތުން އެމީހުން ވަރުގަދަވެ، މުސްތަގުބަލުގައި މިއަށްވުރެ ބޮޑު ނުރައްކަލަކަށް އެމީހުން ވެގެންދާނެ ކަމެކެވެ."
ސައުދީ އޮފިޝަލް

އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާ މިވަނީ ހަމަލާދިނުމާއި ދޫދިނުމާ ދެމެދު ތާށިވެފައި ކަމަށެވެ. އަދި މީގެން އެއްވެސް މަގަކުން ސާފު އަސްކަރީ ކާމިޔާބީއެއް ލިބެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ބުރާސްފަތި ދުވަހު ހޫޘީން ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސައުދީ ސިފައިންނަށް އަމާޒުކޮށް "ފުޅާ ދާއިރާއެއްގެ" އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެފަ އެވެ.

ހޫޘީން މިކަމުގެ އެއްވެސް ހެއްކެއް ދައްކާފައި ނުވި ނަމަވެސް، އެ ދުވަހުގެ ކުރީކޮޅު ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މާރިބް އަދި ހަޟްރަމައުތު ޕްރޮވިންސްގައި ހުރި އަސްކަރީ ކޭމްޕްތަކަށް ހޫޘީން ދިން ހަމަލާތަކުގައި ޔަމަނު ސަރުކާރުގެ މަދުވެގެން 30 ސިފައިން ވަނީ މަރުވެފަ އެވެ.

ހުކުރު ދުވަހު، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނީ ސައުދީގެ ދެކުނު ބޯޑަރު ސަރަހައްދެއް ކަމަށްވާ ނަޖްރާނަށް ހޫޘީން ދިން ހަމަލާއެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށެވެ.

އަނެއްކޮޅުން، ރިޔާޟުން ދަނީ އެ ގައުމުގެ ދިފާއީ ސިޔާސަތު ވަރުގަދަކުރަމުންނެވެ. ހުކުރު ދުވަހު ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ވަނީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މީގެން ކޮންމެ ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ.

މިއީ އެމެރިކާއާއި އީރާނާ ދެމެދު އޮތް ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ތިން ގައުމުގެ ދެމެދުގައި ވެވުނު ތާރީޚީ އެއްބަސްވުމެކެވެ.

ހުރި ނުރައްކާތަކަކީ ކޮބައިތޯ؟

މި ހަމަލާތައް ވަރުގަދަވުމަކީ ސައުދީ އަރަބިއްޔާއަށާއި ޔަމަނަށް ވެސް އޮތް ނުރައްކާތެރި އަދި ބޮޑު ގެއްލުމެއް ލިބިދާނެ ކަމެކެވެ.

ރިޔާޟަށް ބަލާއިރު، ހޫޘީންގެ ނުރައްކާ އަލުން ބޮޑުވުމަކީ، ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުން، ފާރިސް ކަނޑުއޮޅިން ރަތްކަނޑަށް ތެޔޮ ބޭރުކުރުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެކެވެ. ރައިސްޓެޑް އެނާޖީގެ ވައިސް ޕްރެޒިޑެންޓް ރާހުލް ޗައުދަރީ ވިދާޅުވި ގޮތުގައި، ހޫޘީން ސައުދީ އުޅަނދުތަކަށް ހުރަސްއަޅަން ފެށި ފަހުން، ބާބުލް މަންދަބު ކަނޑުއޮޅި މެދުވެރިކޮށް ސައުދީން ބޭރުކުރާ ތެލުގެ މިންވަރު ވަނީ މަދުވެގެން ދެބައިކުޅަ އެއްބަޔަށް ދަށްވެފަ އެވެ.

މިހާރު ދުވާލަކު އެ ކަނޑުއޮޅިން ބޭރުކުރެވެނީ 1.5 މިލިއަން ފީފާ ތެލެވެ. މިއީ ހަނގުރާމައިގެ ކުރީކޮޅު ބޭރުކުރި 3.2 މިލިއަން ފީފާއަށްވުރެ މާ މަދު އަދަދެކެވެ. ހަނގުރާމައިގެ ކުރިން ސައުދީން ދުވާލަކު ގާތްގަނޑަކަށް 10 މިލިއަން ފީފާ ތެޔޮ އުފައްދަ އެވެ.

އެހެންނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ފައިދާ ސައުދީ އަރަމްކޯއަށް ވަނީ ލިބިފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 33 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 33 އިންސައްތަ އިތުރު އަދަދެކެވެ.

ނަމަވެސް ޗައުދަރީ ފާހަގަކުރެއްވި ގޮތުގައި މިފަދަ ނަތީޖާއެއް ދާއިމަށް ނުދެމެހެއްޓޭނެ އެވެ. އަރަމްކޯގެ ފައިދާ އިތުރުވީ ރައްކާކޮށްފައި ހުރި ތެޔޮ ވިއްކައިގެން ކަމަށާއި، ތެލުގެ އަގު މިހާރު ހުރީ ހަނގުރާމައިގެ ކުރީކޮޅަށްވުރެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޔަމަނަށް ބަލާއިރު، މި ހަމަލާތަކުގެ ސަބަބުން ގައުމު އަލުން ފުރިހަމަ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އެބައޮތެވެ.

މީގެ ކުރިން ހިނގި ދާޚިލީ ހަނގުރާމައިގައި، އދ. އިން ވަނީ ޔަމަނަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އިންސާނީ ކާރިސާ އޮތް ގައުމުގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެ ގައުމުގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި، ނުވަތަ 22 މިލިއަނަށްވުރެ ގިނަ މީހުން ތިބީ އެހީއަށް އިންތިހާއަށް ބޭނުންވެފަ އެވެ. އދ. އިން ބުނާ ގޮތުގައި ނުވަ އަހަރުގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، އިގްތިސާދު ސުންނާފަތިވެ، އެތައް ހާސް ބަޔަކު ވަނީ ބަނޑުހައިހޫނުކަމުގެ ތެރޭގަ އެވެ.

ހަނގުރާމަ އަލުން ފެށިއްޖެނަމަ، މިއަށްވުރެ މާ ނުރައްކާތެރި އިންސާނީ އަދި އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ޔަމަނު ވެއްޓިގެންދާނެ އެވެ.

ޔަމަންހޫޡީއީރާންޔަމަން-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

07 އޯގަސްޓު 2026
އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ
07 އޯގަސްޓު 2026

އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި

07 އޯގަސްޓު 2026
އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި
07 އޯގަސްޓު 2026

ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ

07 އޯގަސްޓު 2026
ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ
07 އޯގަސްޓު 2026

ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް

07 އޯގަސްޓު 2026
ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
07 އޯގަސްޓު 2026

ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ

07 އޯގަސްޓު 2026
ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ
06 އޯގަސްޓު 2026

ހަނގުރާމައަށް ފުރިހަމަ އަށް ތައްޔާރު، ހުއްޓުމެއްނެތި އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: އީރާން

06 އޯގަސްޓު 2026
ހަނގުރާމައަށް ފުރިހަމަ އަށް ތައްޔާރު، ހުއްޓުމެއްނެތި އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: އީރާން
06 އޯގަސްޓު 2026

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

06 އޯގަސްޓު 2026
އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި
06 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކަށް އަންނަ އިރު، މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް ނޫން!

06 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކަށް އަންނަ އިރު، މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް ނޫން!
06 އޯގަސްޓު 2026

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

06 އޯގަސްޓު 2026
ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން
05 އޯގަސްޓު 2026

ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި

05 އޯގަސްޓު 2026
ޔަމަނުން ސައުދީގެ ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް