ހޫޘީން ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި އަރަމްކޯ އަށް ހަމަލާދީފި
9 އޯގަސްޓު 2026 | އާދީއްތަ 12:20ސައުދީގެ ޖީޒާންގައި ހުންނަ އަރަމްކޯގެ ތެޔޮ މަރުކަޒަކަށް ހޫޘީން ޑްރޯން ހަމަލާތަކެއް ދީފައިވާކަން ހާމަކޮށްފައިވާއިރު، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. މި ހާދިސާ ހިނގާފައިވަނީ ސައުދީން ތުރުކީ އާއި ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް ކަމަށްވާއިރު، މަސްރަހު އިތުރަށް ގޯސްވެގެން ހިގައިދާނެ ކަމަށް ވަނީ ބެލެވިފައި
ޔަމަނުގެ ހޫޘީން ސައުދީ އަރަމްކޯގެ ޖީޒާން ރިފައިނަރީއަށް އަމާޒުކޮށް ހަމަލާދީފިކަން ވަނީ އިއުލާނުކޮށްފައި | ސޯޝަލް މީޑިއާ
މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ފުޅާވަމުންދާ ދަނޑިވަޅެއްގައި، ޔަމަނުގައި ތިބި ސައުދީ އަރަބިއްޔާގެ ސިފައިންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށާއި، އަދި ރަތްކަނޑުގެ އައްސޭރިފަށުގައި ހުންނަ ސައުދީގެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވަކިން ހަމަލާއެއް ދީފައިވާނެ ކަމަށް އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރި ޖަމާއަތުން ބުނެފި އެވެ.
ޖީޒާންގައި ހުންނަ ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރަމްކޯގެ މަރުކަޒެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ސައުދީ އެނާޖީ މިނިސްޓްރީން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޖީޒާންގައި ހުންނަ އެ މަރުކަޒުގައި އަލިފާން ރޯވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރި ޖަމާއަތުން މިއަދު ބުނެފައިވަނީ، ޔަމަނުގެ މޮކާގައި ތިބި ސައުދީ ސިފައިންނަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށާއި، އަދި ރަތްކަނޑުގެ އައްސޭރިފަށުގައި ހުންނަ ސައުދީގެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ވެސް ހަމަލާދީފައިވާނެ ކަމަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅަމުންދާ ކަމަށެވެ.
ނަމަވެސް، އެ އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ވަނީ ރަތްކަނޑުގެ އައްސޭރިފަށުގައި، ބޯޑަރު ކައިރީގައި ހުންނަ އެ މަރުކަޒަށް ހަމަލާދިނީ އެމީހުން ކަމަށް ބުނެފަ އެވެ. މިއީ ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް އެ ޖަމާއަތުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާ އެވެ.
ޔަމަނުގެ ވެރިރަށް ސަންޢާގައި ގާއިމުވެފައިވާ ހޫޘީންގެ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު އެކްސްގައި ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން ޖީޒާންގައި ހުންނަ އަރަމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށް ކާމިޔާބުކަމާއެކު ހަމަލާދީފައިވާ ކަމަށާއި، އެ ހަމަލާ އަމާޒަށް ވާސިލުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ ސައުދީ އަރަބިއްޔާއިން ޑްރޯން ބޭނުންކޮށްގެން ސައުދާ އާއި ހައްޖާ ޕްރޮވިންސްގެ ވައިގެ ސަރަހައްދަށް ވަދެ، އެ ސަރަހައްދުގެ އިސްތިގުލާލުއާ ޚިލާފުވުމާ ގުޅިގެންނެވެ.
ވޭތުވެދިޔަ މަހު ވެސް ހޫޘީން ވަނީ ޖީޒާންގައި ހުންނަ އަރަމްކޯގެ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން، ސައުދީގެ ހުޅަނގު އައްސޭރީގައި ތެޔޮ އެކްސްޕޯޓްކުރާ މައި ދޮރާށި ކަމަށްވާ ޔަންބޫގައި ހުންނަ ތެޔޮ މަރުކަޒުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފައިވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ހަމަލާތައް ދީފައިވާ ކަމުގެ ރިޕޯޓުތައް މި ފެންމަތިވީ، މައްކާގައި ޕާކިސްތާނާއި ތުރުކީވިލާތުން ސައުދީ އަރަބިއްޔާއާއެކު ނޭޓޯގެ އުސޫލުން ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
މި އެއްބަސްވުމުގައިވާ ގޮތުން، އެ ތިން ގައުމުން ކުރެ ކޮންމެ ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ.
ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ "ކޮންމެ އުދުވާނީ ހަމަލާއަކާ ދެކޮޅަށް ގުޅިގެން ދިފާއުވުމުގެ ބާރު ވަރުގަދަކުރުން" ކަމަށާއި، އަދި "ތިން ގައުމުގެ މެދުގައި ދިފާއީ އެއްބާރުލުން ހުރިހާ ދާއިރާއަކުން އިތުރުކުރުން" ކަމަށެވެ.
ތުރުކީވިލާތަކީ އެމެރިކާ ފިޔަވައި ނޭޓޯގައި އޮތް ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮތް ގައުމެވެ. އަދި ޕާކިސްތާނަކީ ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި މުސްލިމް ގައުމެވެ.
އީރާނުގެ އޮފިޝަލުން ހުކުރު ދުވަހުން ފެށިގެން އިންޒާރު ދެމުންދަނީ، މި ދިފާއީ އެއްބަސްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ސަލާމަތްތެރިކަން ކަށަވަރު ނުވާނެ ކަމަށް ބުނެ، އެ އެއްބަސްވުމުގެ މުހިންމުކަން ކުޑަކޮށްލުމަށެވެ.
"ދިހަވަރަކަށް އަހަރު ވަންދެން އެމެރިކާއަށް އެއްކޮޅުން ބަރޯސާވެގެން ތިބުމުން ސަލާމަތްތެރިކަން ނުލިބުނު ފަދައިން، ތުރުކީ އާއި ޕާކިސްތާނާއެކު ކަރުދާހުގައި ސޮއިކުރާ އެއްބަސްވުމަކުން ވެސް ސަލާމަތްތެރިކަން ނުލިބޭނެކަން ސައުދީން ދަންނަންޖެހޭނެ،" އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ މެންބަރު އިބްރާހީމް ރެޒާއީ ހުކުރު ދުވަހު ވިދާޅުވި އެވެ.
އަރަމްކޯގެ ވެރިޔާ އަމީން ނާސިރު މިދިޔަ ހަފުތާގައި ވިދާޅުވީ، އެ ކުންފުނީގެ މަރުކަޒުތަކަށް ދާދިފަހުން ދިން ހަމަލާތަކުގެ ސަބަބުން ތެޔޮ އުފެއްދުމަށް ކޮންމެވެސް ވަރެއްގެ ބުރޫއެއް އެރި ނަމަވެސް، ވަރަށް އަވަހަށް މަސައްކަތްތައް އާންމު ހާލަތަށް ގެނެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހަމަލާތަކުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ނުވަތަ މާލީ ހާލަތަށް މާބޮޑު އަސަރެއް ކޮށްފައެއް ނުވެ އެވެ.
މި ހަމަލާތަކުގެ ސަބަބުން، ހޫޘީންނާއި ސައުދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރާ ދެމެދު 2022 ވަނަ އަހަރު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވަނީ އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ.
2014 ވަނަ އަހަރު ސަންޢާގެ ކޮންޓްރޯލް ހޯދި ހޫޘީން ވަނީ، ވޭތުވެދިޔަ މަހު ރަތްކަނޑުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރަށް ހުރަސްއެޅާނެކަން އިއުލާންކޮށް، ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އިންޒާރު ދީފަ އެވެ.
އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހޫޘީން ބުނެފައިވަނީ، ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ އަލް-މަކާގައި ތިބި "ސައުދީ ދުޝްމަނުންގެ" ސިފައިންނާއި ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށެވެ.
ހޫޘީންގެ ތަރުޖަމާނު ސަރީޢު ވިދާޅުވީ މި ހަމަލާގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ސައުދީގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ، އެ ގައުމުގެ ތެޔޮ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ޒިންމާ އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ބޮލުގައި ވެސް އަޅުވާފަ އެވެ.
މަސްދަރު: އަލް ޖަޒީރާ, ސީއެންއެން










