އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ކޮމާންޑަރުންގެ ބަދަލުގައި އައު ކޮމާންޑަރުން އީރާނުގެ ލީޑަރު އައްޔަނު ކުރައްވައިފި
10 އޯގަސްޓު 2026 | ހޯމަ 17:57އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ޝަހީދުވުމާ ގުޅިގެން، އައި.އާރު.ޖީ.ސީގެ ކޮމާންޑަރުގެ މަގާމަށް މޭޖަރ ޖެނެރަލް އަހުމަދު ވަހީދީ ހިމެނޭހެން އިސް ހަ މަގާމަކަށް އާ ބޭފުޅުން އައްޔަންކުރައްވައިފި. މި ބަދަލުތަކާއެކު ދުޝްމަނުންނަށް ރައްދު ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ލީޑަރު ޚާމަނާއީ ވަނީ އިރުޝާދު ދެއްވާފައި

އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ، އެ ގައުމުގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް އާ ބޭފުޅުން އައްޔަންކުރައްވައިފިއެވެ. މި ބަދަލުތަކުގެ ތެރެއިން އީރާނުގެ ވަރުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑަރުގެ މަގާމަށް އަހުމަދު ވަހީދީ ވަނީ އައްޔަންކުރައްވާފައި | ޕްރެސްޓީވީ
އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އަޔަތުﷲ ސައްޔިދު މުޖުތަބާ ޙުސައިނީ ޚާމަނާއީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރު ހިމެނޭހެން އަސްކަރިއްޔާގެ އިސް ހަ މަގާމަކަށް އާ ބޭފުޅުން އައްޔަންކުރައްވައިފި އެވެ.
ހޯމަ ދުވަހު ނެރުއްވި ވަކިވަކި ހަ ގަރާރެއްގެ ދަށުން، އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ހަމަޖައްސަވާފައިވެ އެވެ. އަދި މޭޖަރ ޖެނެރަލްގެ ރޭންކަށް ކުރިއެރުވުމަށްފަހު، އައި.އާރު.ޖީ.ސީގެ ކޮމާންޑަރުގެ މަގާމަށް މޭޖަރ ޖެނެރަލް އަހުމަދު ވަހީދީ ވަނީ ހަމަޖައްސަވާފަ އެވެ.
މީގެ އިތުރުން، އައި.އާރު.ޖީ.ސީގެ ނޭވީ ކޮމާންޑަރުގެ މަގާމަށް ރިއަރ އެޑްމިރަލް އަލީ އުޒްމާއީ އައްޔަންކުރައްވައި، ބަސީޖް އޯގަނައިޒޭޝަންގެ ވެރިއަކަށް ހުއްޖަތުލްއިސްލާމް ޙުސައިން ތާއިބު ވަނީ އައްޔަންކުރައްވާފަ އެވެ.
ޖެނެރަލް ވަހީދީ އައި.އާރު.ޖީ.ސީގެ ކޮމާންޑަރުގެ މަގާމަށް
އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަޔަތުﷲ ޚާމަނާއީ ނެރުއްވި ގަރާރެއްގައި، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ވަހީދީ އައި.އާރު.ޖީ.ސީގެ ކޮމާންޑަރުގެ މަގާމަށް އައްޔަންކުރައްވައި، އޭނާ މޭޖަރ ޖެނެރަލްގެ ރޭންކަށް ވަނީ ކުރިއަރުވާފަ އެވެ.

އަހްމަދު ވަހީދީ | ގެޓީ އިމޭޖަސް
ލީޑަރު ވިދާޅުވީ މި އައްޔަންކުރެއްވުމަކީ، އައި.އާރު.ޖީ.ސީގެ ކުރީގެ ކޮމާންޑަރު މޭޖަރ ޖެނެރަލް މުހައްމަދު ޕަކްޕޫރު، ޒަޔަނިސްޓް-އެމެރިކާގެ ދުޝްމަނުންގެ އަތުން "ޝަރަފުވެރިކަމާއެކު ޝަހީދުވުމާ" ގުޅިގެންނާއި، ވަހީދީގެ އަގުހުރި ތަޖުރިބާއާއި ފާހަގަކޮށްލެވޭ ޚިދުމަތްތަކަށް ބެއްލެވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.
އަޔަތުﷲ ޚާމަނާއީ ވަނީ، އިސްލާމީ ނިޒާމާއި ދުނިޔޭގެ ބާރުގަދަ ގައުމުތަކާ ދެމެދު އިސްތިރާތީޖީ އަދި ނިންމުންތަކެއް ނިންމަންޖެހޭ ފަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި، އައި.އާރު.ޖީ.ސީގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ވަހީދީއަށް ހަވާލުކުރައްވާފަ އެވެ.
މި ގަރާރުގައި ވަނީ، ދުޝްމަނުންނަށް ރައްދު ހަމަލާދިނުމުގެ އެންމެ މަތީ ގާބިލުކަން ހޯދުމަށާއި، ވަރުގަދަ ހަމަލާތަކެއް ދިނުމަށް އަބަދުވެސް ތައްޔާރަށް ތިބުމަށްޓަކައި އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަހީދީއަށް އިރުޝާދު ދެއްވާފަ އެވެ.
މީގެ އިތުރުން، އައި.އާރު.ޖީ.ސީގެ ކޮމާންޑަރުންނާއި މުވައްޒަފުންގެ މެދުގައި ތަގުވާވެރިކަމާއި، ދުރުވިސްނުމާއި، އިންގިލާބީ ރޫހު އާލާކޮށް، ސަގާފީ ތަރައްގީ ވަރުގަދަކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައިވެ އެވެ. އަދި ރޫހާނީ، އިލްމީ އަދި ޒަމާނީ ހުނަރުތަކުގެ މައްޗަށް ބިނާވެފައިވާ މެނޭޖްމަންޓާއި ކޮމާންޑް އޮނިގަނޑު ފުޅާކުރުމަށް ވެސް ވަނީ ބާރުއަޅުއްވާފަ އެވެ.
އާ ކޮމާންޑަރުގެ ދަށުން އީރާނުގެ އަސްކަރިއްޔާއަށް އިތުރު ކާމިޔާބީތަކާއި ނަސްރު ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ލީޑަރު ވިދާޅުވި އެވެ.
ވަހީދީއަކީ އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައި، ސްޓްރެޓީޖިކް ސްޓަޑީޒްއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 1985 އާއި 1988 އާ ދެމެދު އައި.އާރު.ޖީ.ސީގެ އިންޓެލިޖެންސްގެ ނައިބުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި އީރާނުގެ އިންޓީރިއާ މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.
ޖެނެރަލް އަބްދުﷲ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް
އެހެން ގަރާރެއްގެ ދަށުން، އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މޭޖަރ ޖެނެރަލް އަލީ އަބްދުﷲ ވަނީ އައްޔަންކުރައްވާފަ އެވެ. މި މަގާމަށް އާ ބޭފުޅަކު އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސަވީ، އެމެރިކާއާއި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެންނެވެ.
އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، މި އައްޔަންކުރެއްވުމަކީ ޒަޔަނިސްޓް-އެމެރިކާގެ ދުޝްމަނުންގެ އަތުން މޫސަވީ "ޝަރަފުވެރިކަމާއެކު ޝަހީދުވުމާ" ގުޅިގެންނާއި، އަބްދުﷲގެ ގާބިލު ޚިދުމަތްތަކާއި އަގުހުރި ތަޖުރިބާއަށް ބެއްލެވުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރިއަރ އެޑްމިރަލް އަލީ އުޒްމާއީ އައި.އާރު.ޖީ.ސީގެ ނޭވީ ކޮމާންޑަރުގެ މަގާމަށް
އެމެރިކާއާއި އިސްރާއީލުން ފެށި އުދުވާނީ ހަނގުރާމައިގައި ރިއަރ އެޑްމިރަލް އަލީރިޒާ ތަންގްސީރީ ޝަހީދުވުމާ ގުޅިގެން، އައި.އާރު.ޖީ.ސީގެ ނޭވީ ކޮމާންޑަރުގެ މަގާމަށް ރިއަރ އެޑްމިރަލް އަލީ އުޒްމާއީ ލީޑަރު ވަނީ އައްޔަންކުރައްވާފަ އެވެ.
މަސްދަރު: މެހްރު ނިއުސް










