ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި
7 އޯގަސްޓު 2026 | ހުކުރު 11:00ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސި ސަރުކާރަށް ފޮނުވި ސިޓީގެ ޖަވާބު ހޯދުމަށް ރާއްޖެޓީވީން އެދުމުން، އާންމު މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފައި. ސަރުކާރުގެ ހާމަކަން ދަމަހައްޓާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، މި މައުލޫމާތު ވެސް އެންމެ ފަހުން މިވަނީ ސިއްރުކޮށްފައި

ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް ނިންމުމާއި، އައި.ޑީ.އައި ގްލޯބަލް ސަމިޓް ފެށުމަށް އުކުޅަހުގައި އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް
ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ އަށް އެފަރާތުން ދިން ޖަވާބު ހާމަކުރަން ދެކޮޅު ހަދައިފި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީން ރައީސް އޮފީހުގައި ސާފު ކުރަން އެދިފައިވަނީ ފޯޅަވަހީގެ މައްސަލަ އާ ގުޅިގެން ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރަށް ފޮނުވި ސިޓީ އަށް އެއްވެސް ޖަވާބެއް ލިބިފައިވޭތޯ އާއި އަދި ޖަވާބެއް ދީފި ނަމަ އެ ޖަވާބަކީ ކޮބާތޯ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުއްވައިދެއްވަމުން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާކަމަށް ދަންނަވާފައިވާކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ފަހުން އިނގިރޭސިވިލާތުން މިކަމުގައި ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނިކަމެއްވެސް އަދި ނުބުނާކަމެއްވެސް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދީފައެއް ނުވެ އެވެ.
ރައީސް އޮފީހުން ރާއްޖެޓީވީ އަށް ލިޔުމުން ފޮނުވި ޖަވާބުގައި ގާނޫނުގެ 20 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ބުނެފައިވަނީ އެ މައުލޫމާތު "ހާމަކުރެވެން ނެތްކަމުގަ" އެވެ.
ގާނޫނުގެ 20 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ އާންމު މަސްލަހަތަށް އިސްކަންދިނުމާއި އިސްތިސްނާ ހާލަތްތަކެވެ. ބެލެވޭ ގޮތުގައި ރައީސް އޮފީހުން މި މައުލޫމާތު ދޫނުކުރަން ނިންމާފައިވަނީ، ގާނޫނުގެ ދަށުން ވަކި މައުލޫމާތެއް ދޫކުރުމަކީ އާންމު މަސްލަހަތަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ސަބަބެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. އެހެން ނަމަވެސް މި މައުލޫމާތު ދޫކުރުމުން ގެއްލެނީ ކޮން މަސްލަހަތެއް ކަމެއް ރައީސް އޮފީހުން ދިން ޖަވާބުގައި ސާފުކޮށްދީފަ އެއް ނެތެވެ.
ރައީސް އޮފީހުން މި މައުލޫމާތު ހާމަ ކުރުމަށް ދެކޮޅު ހެދިއިރު، 25 ސެޕްޓެމްބަރު 2023 ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. ގަމަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ސިއްރުން ކަންކަން ކުރައްވަން ނޫން ކަމަށެވެ. ސަރުކާރު ހިންގާނީ ދެފުށް ފެންނަ ގޮތެއްގައި ކަމަށާއި ސަރުކާރުގެ އެއްވެސް މަގާމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރާ ނަމަ، ހަމަޖެހުމެއް ނާންނާނެ."ޑރ. މުހައްމަދު މުއިއްޒު
އެ ޖަލްސާގައި މުއިއްޒު ވަނީ އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ސަރުކާރުން ކަންކަން ސިއްރުކުރަމުންދާ ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ ސަރުކާރުން ނަގާ ލޯނެއްގެ މައުލޫމާތު ހޯދަން ވިޔަސް ދާން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށާއި ބްރިޖުގެ އެގްރިމެންޓުގެ މައުލޫމާތު ހޯދަން ބޭނުން ވިޔަސް ރާއްޖެ އެތެރެ ކުރާ ކާޑުގެ ބާވަތްތަކުގެ މައުލޫމާތު ވިޔަސް ނުލިބޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
މީގެ އިތުން އެންމެ ފަހުން އުކުޅަހުގައި އޮތް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ހަރުދަނާ ޑިމޮކްރަސީތައް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކުގެ މަތީގައި ދެމިތިބެ، އިޚުލާސްތެރިކަމާއެކު، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުގެ އެންމެ މަތީވެރިޔާގެ ގޮތުން ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާއި ކަންކުރައްވާ ގޮތާ ދިމާ ނުވާ އެތައް ކަމެއް މިހާތަނަށް ހިނގާފައިވާކަން ފާހަގަ ކުރެވޭއިރު، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ރާއްޖެ އާއި ޗާގޯސްގެ އިން ވަކިކުރި މައްސަލަ ހިނގަމުން ދިޔަ ދުވަސްވަރު ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއްގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ ރައީސް މުއިއްޒު އޭރު ހިމެނުނު ޕީޕީއެމް- ޕީއެންސީ ކޯލިޝަނުން ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ ސިޓީ އާންމުކުރުމަށް އެތައް ފަހަރަކު ގޮވާލާފަ އެވެ.











