ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
27 ޖުލައި 2026 | ހޯމަ 04:58ބާންހަމް ވިދާޅުވީ، ރައީސް ޓްރަމްޕް އާއެކު ބޭއްވެވި ފުރަތަމަ މުއާމަލާތްތައް ވަރަށް ރަނގަޅު ކަމަށާއި، ޓްރަމްޕް އަކީ ވަރަށް ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެއްވުނު ކަމަށް. ނަމަވެސް، އެމެރިކާގެ ރައީސް އަށް އިތުބާރު ކުރައްވަން ތޯ ނޫސްވެރިޔާ ދެންނެވި ސުވާލަށް ބާންހަމް ސީދާ ޖަވާބެއް ދެއްވާފައި ނުވޭ. އޭގެ ބަދަލުގައި ބާންހަމް ވިދާޅުވީ ދުނިޔެ ބަދަލުވަމުންދާ ކަމަށާއި، ކަންކަން ކުރިއަށްދާ ގޮތަށް ބަލައި ގޮތް ނިންމަވަން ޖެހޭނެ ކަމަށް. އަދި އިނގިރޭސިވިލާތަށް ރަނގަޅު ގޮތަކީ ޓްރަމްޕްއާ ތަފާތު ޚިޔާލެއް ފާޅުކުރުން ކަމަށްވާ ނަމަ، އެކަން ކުރައްވަން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް ވެސް ބޮޑު ވަޒީރު ބާންހަމް ވިދާޅުވި


އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް، ބީބީސީ އަށް ދެއްވި އިންޓަވިޔުގެ ތެރެއިން | ބީބީސީ
އިނގިރޭސިވިލާތުގެ ގައުމީ މަސްލަހަތު ދިފާއު ކުރުމަށްޓަކައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ވާހަކަ ދައްކަވަން ޖެހިވަޑައިގެންފި ހާލަތެއްގައި، އެކަން ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބީބީސީ އަށް ދެއްވި ފުރަތަމަ ހާއްސަ އިންޓަވިއުގައި ބާންހަމް ވިދާޅުވީ، އެންމެ ބޮޑަށް އޭނާ އިސްކަން ދެއްވާނީ އިނގިރޭސިވިލާތުގެ މަސްލަހަތަށް ކަމަށެވެ.
މި އިންޓަވިއުގައި ބާންހަމް ވިދާޅުވީ، ރައީސް ޓްރަމްޕް އާއެކު ބޭއްވި ފުރަތަމަ މުއާމަލާތްތައް ވަރަށް ރަނގަޅު ކަމަށާއި، ޓްރަމްޕް އަކީ ވަރަށް ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެއްވުނު ކަމަށެވެ. ނަމަވެސް، އެމެރިކާގެ ރައީސް އަށް އިތުބާރު ކުރައްވަން ތޯ ނޫސްވެރިޔާ ދެންނެވި ސުވާލަށް ބާންހަމް ސީދާ ޖަވާބެއް ދެއްވާފައި ނުވެ އެވެ.
އޭގެ ބަދަލުގައި ބާންހަމް ވިދާޅުވީ ދުނިޔެ ބަދަލުވަމުންދާ ކަމަށާއި، ކަންކަން ކުރިއަށްދާ ގޮތަށް ބަލައި ގޮތް ނިންމަވަން ޖެހޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތަށް ރަނގަޅު ގޮތަކީ ޓްރަމްޕްއާ ތަފާތު ޚިޔާލެއް ފާޅުކުރުން ކަމަށްވާ ނަމަ، އެކަން ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ބީބީސީ އަށް ދެއްވި އިންޓަވިޔުގައި ބޮޑު ވަޒީރު ބާންހަމް ދެއްކެވި ވާހަކައިގެ ތެރެއިން
އީރާން އާއެކު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބާންހަމް ވިދާޅުވީ، އެ މައްސަލައިގައި ޓްރަމްޕް އަމަލު ކުރެއްވި ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި ރަނގަޅު ކަމަށް ފެންނަ ގޮތް ހާމަކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ތަކުރާރު ކުރެއްވި އެވެ.
ބާންހަމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އިދިކޮޅު ޝެޑޯ ހޯމް ސެކްރެޓަރީ ކްރިސް ފިލްޕް ވިދާޅުވީ، އެމެރިކާ އަކީ ޒަމާންވީ އެކުވެރިއަކަށްވާއިރު ގުޅުން ބަދަހި ކުރަން ޖެހޭ ކަމަށާއި، ނަމަވެސް އެމެރިކާ އިން ކުރާ ކަމަކާމެދު ޚިޔާލު ތަފާތުވާނަމަ އެކަން ތެދުވެރިކަމާއެކު ބުނަން ވާނެ ކަމަށެވެ.
މި އިންޓަވިއުގައި ދިފާއީ ޅަރަދުތަކާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ގައުމީ އުފެއްދުންތެރި ކަމުގެ ނުވަތަ، ޖީޑީޕީގެ ތިން އިންސައްތަ ދިފާއީ ކަންކަމަށް ހޭދަ ކުރަން ފަށާނެ ވަކި ތާރީޚެއް ބޮޑު ވަޒީރު ހާމަކުރައްވާފައި ނުވެ އެވެ. މިހާރުގެ ޗާންސެލަރު ޖޯން ހީލީ މީގެ ކުރިން ކިއަރ ސްޓާމަރގެ ސަރުކާރުން އިސްތިއުފާ ދެއްވީ، 2030 ވަނަ އަހަރާ ހަމައަށް ދިފާއީ ހަރަދު ތިން އިންސައްތަ އަށް އިތުރުނުކޮށްފި ނަމަ ގައުމުގެ ސަލާމަތަށް ނުރައްކާ ވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ.
ބާންހަމް ވިދާޅުވީ ޗާންސެލަރުގެ މަޤާމަށް ހީލީ އައްޔަން ކުރެއްވީ އޭނާގެ އެ ޚިޔާލުތައް އެނގިވަޑައިގެން ހުންނަވާ ކަމަށާއި، މި އަހަރުގެ ބަޖެޓަށް ދާއިރު ދިފާއީ އިންވެސްޓްމަންޓް ޕްލޭން އަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަސްދަރު: ބީބީސީ










