އިންފަންޓީނޯގެ ދިފާއުގައި ފީފާ އިން ވަރުގަދަ ބަޔާނެއް ނެރެ، ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް އިންޒާރު ދީފި
9 އޯގަސްޓު 2026 | އާދީއްތަ 05:59ފީފާ އިން ބުނީ، ބައެއް ފަރާތްތަކުން ފީފާ އާއި އެ އިދާރާގެ ރައީސްއާ ދެކޮޅަށް ދޮގު މައުލޫމާތާއި ހަޤީގަތާ ޚިލާފު ތުހުމަތުތައް ފަތުރަމުންދާ ކަމަށް. އެގޮތުން މެންބަރު ޤައުމުތަކުގެ ތާއީދު ނެތް ފަރާތްތަކުން، ޑިމޮކްރެޓިކް އުސޫލުން ކާމިޔާބު ނުވުމުން، ދޮގު ޚަބަރު ފަތުރައިގެން މަޤާމުގެ ނުފޫޒު ހޯދަން މަސައްކަތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވޭ


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ އަބުރާއިި އިތުބާާރު ކުޑަކޮށް، އޭނާގެ މަޤާމަށް ނުފޫޒު ފޯރުވުމަށް ބަޔަކު ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ފީފާ އިން ވަރުގަދަ ބަޔާނެއް ނެރެފި އެވެ.
ފީފާގެ ތަރުޖަމާނަކާ ހަވާލާދީ ނެރުނު މި ބަޔާނުގައި ބުނެފައި ވަނީ، ފީފާގެ އަސާސީ ގަވާއިދާއި ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފަށް ރައީސް ހޮވުމުގެ މަރުހަލާ އަށް ނުފޫޒު ފޯރުވުމަށް ކުރާ އެއްވެސް މަސައްކަތަކަށް އެ އިދާރާ އިން އެއްބާރުލުން ނުދޭނެ ކަމަށާއި، އެފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށެވެ.
ފީފާއިން މިފަދަ ބަޔާނެއް ނެރެފައި ވަނީ ދެކުނު އެމެރިކާގެ ފުޓުބޯޅަ ފެޑެރޭޝަން (ކޮންމެބޯލް) އާއި އެފްރިކާގެ ފުޓުބޯޅަ ފެޑެރޭޝަން (ކާފް) އިން ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި އެވެ. ފީފާގެ ރައީސް އިންތިޚާބު ކުރެވިފައި ވަނީ، އެ އިދާރާގެ މެންބަރު ޤައުމުތަކުގެ ފުރިހަމަ ތާއީދާއެކު ޑިމޮކްރެޓިކް އުސޫލުން ކަމަށާއި، އިންފަންޓީނޯ މަޤާމުގައި ދެމި ހުންނެވީ އެ މެންބަރުން ދީފައިވާ ޤާނޫނީ މެންޑޭޓެއްގެ ދަށުން ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން ފީފާ އިން ބުނީ، ބައެއް ފަރާތްތަކުން ފީފާ އާއި އެ އިދާރާގެ ރައީސްއާ ދެކޮޅަށް ދޮގު މައުލޫމާތާއި ހަޤީގަތާ ޚިލާފު ތުހުމަތުތައް ފަތުރަމުންދާ ކަމަށެވެ. މެންބަރު ޤައުމުތަކުގެ ތާއީދު ނެތް ފަރާތްތަކުން، ޑިމޮކްރެޓިކް އުސޫލުން ކާމިޔާބު ނުވުމުން، ދޮގު ޚަބަރު ފަތުރައިގެން މަޤާމުގެ ނުފޫޒު ހޯދަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ފަހަކަށް އައިސް މީޑިއާތަކުގައި ފެތުރެމުންދާ ބައެއް ރިޕޯޓުތަކަކީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ވެސް ފީފާ އިން ބުނެ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ އަކީ ވޭތުވެދިޔަ 30 އަހަރަށް ވުރެ ގިނަ ދުވަހު ޔޫރަޕާއި ދުނިޔޭގެ ފުޓުބޯޅައިގެ ކުރިއެރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަ ކުރަމުން އެ އިދާރާ އިން ބުނީ، ފުޓުބޯޅައިގެ ވަސީލަތްތަކާއި ފުރުސަތުތައް ދުނިޔޭގެ ހުރިހާ ކަންކޮޅަކަށް ފުޅާ ކުރުމަށް އޭނާ ކުރައްވާ މަސައްކަތްތަކުގެ ސަބަބުން، ބައެއް ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. ނަމަވެސް، އެފަދަ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ފީފާގެ ރައީސްގެ ޤާނޫނީ ހައިސިއްޔަތު ކުޑަކޮށްލަން މަސައްކަތް ކުރުމަކީ އިންސާފެއް ނޫން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައި އެވެ.
ފީފާ އިން އިތުރަށް ބުނެފައި ވަނީ، އެ އިދާރާގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ބެލުމަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް، އެއީ ހަގީގަތް އޮޅުވާލުމަށާއި ސާބިތު ނުހިފޭ ތުހުމަތުތައް ފެތުރުމަށް ލިބޭ ހުއްދައެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ޙަގީގަތާ ޚިލާފު މައުލޫމާތު ފަތުރާ ފަރާތްތަކާ ދެކޮޅަށް ފީފާ އިން ސީދާ ގޮތެއްގައި ކުރިމަތިލާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާ އިން ވަނީ ދީފައި އެވެ.
ފީފާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ، އެ އިދާރާގެ 211 މެންބަރު ޤައުމަށާއި، މުޅި ދުނިޔޭގެ ފުޓުބޯޅަ އަށް ޚިދުމަތް ކުރުން ކަމަށްވާއިރު، މިފަދަ ދޮގު ތުހުމަތުތަކުގެ ސަބަބުން އެ މަސައްކަތަށް ހުރަސް އެޅުނަ ނުދޭނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ. ފީފާގެ ރައީސް އާއި މުޅި އިދާރާގެ އަމާޒަކީ ފުޓުބޯޅަ އަކީ މުޅި ދުނިޔެ އަށް އާންމު ކުޅިވަރަކަށް ހެދުން ކަމަށާއި އެ އަޒުމުގައި ސާބިތުކަމާ އެކު ކުރިއަށްދާނެ ކަމަށް ބުނެ އެ ބަޔާން ނިންމާލާފައިވެ އެވެ.










