އެމެޒޯންގެ ބާނީ ބޭޒޯސް ހިމެނޭ ކޮންސޯޓިއަމްއަކުން ލިވަޕޫލްގެ ހިއްސާ ގަތުމާ ގާތަށް
11 އޯގަސްޓު 2026 | އަންގާރަ 05:43ސްކައި ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ކޮންސޯޓިއަމް އިސްވެ ހިންގަވަނީ ދަގަނޑުގެ ވިޔަފާރީގައި ނަން މަޝްހޫރު ލަކްޝްމީ މިއްޓަލްގެ ދަނބިދަރި އަމިތު ބާޓިއާ. އަމިތު ބާޓިއާ އަކީ މީގެ ކުރިން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކިއުޕީއާރުގެ ހިއްސާދާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް


އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް އަދި ލިވަޕޫލްގެ ދިދަ | ރޮއިޓާސް
އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ހިމެނޭ ކޮންސޯޓިއަމް އަކުން އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކުލަބު ލިވަޕޫލްގެ ތިންބައިކުޅަ އެއްބައި ހިއްސާ ގަތުމުގެ އެއްބަސްވުމަކާ ގާތަށް ގޮސްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އާންމުވި ރިޕޯޓުތައް ބުނާ ގޮތުން، މި އިންވެސްޓަރުންގެ ގުރޫޕުގައި ފޭސްބުކްގެ ކޯ-ފައުންޑަރު އެޑުއާޑޯ ސާވެރިން ވެސް ހިމެނެ އެވެ.
ސްކައި ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކޮންސޯޓިއަމް އިސްވެ ހިންގަވަނީ ދަގަނޑުގެ ވިޔަފާރީގައި ނަން މަޝްހޫރު ލަކްޝްމީ މިއްޓަލްގެ ދަނބިދަރި އަމިތު ބާޓިއާ އެވެ. އަމިތު ބާޓިއާ އަކީ މީގެ ކުރިން އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކިއުޕީއާރުގެ ހިއްސާދާރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ލިވަޕޫލްގެ މިހާރުގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން މި ހަފުތާގެ ކުރީކޮޅު މި އެއްބަސްވުން އިއުލާނު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި އިންވެސްޓްމަންޓާ އެކު ލިވަޕޫލްގެ އަގު ގާތްގަނޑަކަށް 4.4 ބިލިއަން ޕައުންޑު ނުވަތަ، 5.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއީ ފުޓުބޯޅަ ކުލަބެއްގެ ހިއްސާ ގަތުމަށް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު އަގުތަކުގެ ތެރޭގައި ހިމެނޭ އަދަދެކެވެ.
އެފްއެސްޖީ އިން 2010 ވަނަ އަހަރު ލިވަޕޫލް ގަތުމަށް ފަހު، ކުލަބުގެ ފުރިހަމަ ކޮންޓްރޯލް ދަމަހައްޓަމުން ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށް ފާއިތުވި އަހަރުތަކުގައި ވަނީ މަސައްކަތް ކޮށްފައި އެވެ. މި އެއްބަސްވުން ކާމިޔާބުވެއްޖެ ނަމަ، އެފްއެސްޖީގެ 16 އަހަރުގެ މިލްކުވެރިކަމުގައި ލިވަޕޫލްގެ އަގު އިންތިހާ އަށް އުފުލިފައިވާކަން ހާމަވެގެންދާނެ އެވެ.
މި ރިޕޯޓުތަކާ ގުޅިގެން ލިވަޕޫލް އިން ނުވަތަ އެފްއެސްޖީ އިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ އުމުރުން 62 އަހަރުގެ ޖެފް ބޭޒޯސްގެ މިލްކިއްޔާތުގައި 280 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުރި ކަމަށް ފޯބްސް މެގަޒިން އިން ލަފާކުރާއިރު، ސާވެރިންގެ މިލްކިއްޔާތުގައި 33 ބިލިއަން ޑޮލަރު ހުރި ކަމަށް ބެލެވެ އެވެ.
ބޭޒޯސް މީގެ ކުރިން އެމެރިކާގެ އެންއެފްއެލްގެ ސިއެޓްލް ސީހޯކްސް އަދި ވޮޝިންޓަން ކޮމާންޑާސް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ފަހުން ވަނީ އެކަން ކުރިއަށް ނުގެންދަން ނިންމާފައި އެވެ.










