މޯ ޞަލާޙް، މޯ ޞަލާޙް....ދަ އިޖިޕްޝަން ކިންގް!
މިސްރުގެ ކުޑަ އަވަށަކުން ފުޓްބޯޅައިގެ ދުނިޔެއަށް ނުކުމެ މުޙައްމަދު ޞަލާޙް ހޯދި ކާމިޔާބީއަކީ ބުރަ މަސައްކަތާއި ކެތްތެރިކަމުގެ ނަމޫނާއެއް. ލިވަޕޫލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައި، ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް މިލިއަން ބައެއްގެ ލޯބި ހޯދާފައިވަނީ އަމިއްލަ ނަފްސު ކުރިއަރުވަން ކުރި ހަރުދަނާ މަސައްކަތުން. މި ސީޒަނަށްފަހު އޭނާ ކްލަބް ދޫކޮށްލާއިރު، ޞަލާޙަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއްގެ އިތުރުން މުޅި އިސްލާމީ އުންމަތަށާއި މިސްރުގެ ޒުވާނުންނަށް ހިތްވަރުދޭ ނަމޫނާ ޝަޚްޞިއްޔަތެއް.

މުޙައްމަދު ޞަލާޙް | ގެޓީ އިމޭޖަސް
މި ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލާނެކަން މުޙައްމަދު ޞަލާޙް އިޢުލާނު ކުރުމާ ގުޅިގެން، އެ ކްލަބުގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް ވަނީ އޭނާއަކީ "ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު" ކަމަށް ބުނެ ތަޢުރީފުކޮށްފައެވެ.
އެންފީލްޑްގައި ޞަލާޙް ހޭދަކުރި ފުރަތަމަ ފަސް ސީޒަނުގައި އޭނާގެ ކޯޗެއްގެ ގޮތުގައި ހުރީ ކްލޮޕްއެވެ. އެ މުއްދަތުގެ ތެރޭގައި ޞަލާޙް ވަނީ 156 ލަނޑު ޖަހައި، ޗެމްޕިއަންސް ލީގާއި، ޕްރިމިއާ ލީގާއި، އިނގިރޭސި ތިން ކަޕެއްގެ އިތުރުން ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ހަގީގަތުގައިވެސް އޭނާއަކީ އާދަޔާޚިލާފު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެކެވެ.
ނަމަވެސް، އޭނާއަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއް ނޫނެވެ. ލިވަޕޫލް ސިޓީގެ ބޭރުންވެސް، މުޅި ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އޭނާ ވެފައިވަނީ ނަމޫނާ ޝަޚްޞިއްޔަތަކަށެވެ. މިސްރުގެ އެކަހެރި އަވަށެއް ކަމަށްވާ ނަގްރިގްއަށް އުފަން ޞަލާޙްގެ ކެރިއަރު ފެށީ 'އަލް މުގާވްލޫން އަލް އަރަބް' އިންނެވެ. އޭރު އޭނާގެ އުމުރުން އެންމެ 14 އަހަރުގައި، ފަރިތަކުރުންތަކަށް ގާހިރާއަށް ދިއުމަށްޓަކައި ކޮންމެ ދުވަހަކު ބަހުގައި ނުވަ ގަޑިއިރު ދަތުރުކުރަން ޖެހުނެވެ.
ކާމިޔާބީއާ ހަމައަށް ޞަލާޙް ކުރި ދަތުރަކީ ގޮންޖެހުންތަކުން ފުރިގެންވީ ދަތުރެކެވެ. ނަމަވެސް، އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ވަގުތުކޮޅެއް ޞަލާޙް ހަނދާން އާކުރެއެވެ.
"އަހަރެން ދެ މަސް ދުވަސް ވަންދެން އިނީ ބެންޗުގައި،" ސްޕޯޓްސް އިލަސްޓްރޭޓެޑްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "އަހަރެން ބައްޕަ ގާތު ބުނިން، ކޮންމެ ދުވަހަކު ގޮސް ބެންޗުގައި އިންނާކަށް އަހަންނަކަށް ކެތެއް ނުވާނެއޭ. އަހަރެން ހުރީ ރޮވިފަ. ބައްޕަ ބުނީ، އަޑުއަހާށޭ، ބޮޑެތި ނަންނަން ހޯދި ކޮންމެ މީހަކީވެސް ފުރަތަމަ އެތައް ތަކުލީފެއް އުފުލި މީހެކޭ. އެއީ ފަސޭހަ ކަމަކަށް ނުވާނެއޭ. ހަމައެކަނި ސަމާލުކަން ދީގެން ބުރަކޮށް މަސައްކަތް ކުރާށޭ، އޭރުން އަލުން ކުޅެން ފުރުސަތު ލިބި މޮޅު ކުޅުންތެރިއަކަށް ވާނެކަން ޔަގީނޭ. އެއީ އަދިވެސް އަހަރެން ހަނދާން ހުންނަ ވަގުތުކޮޅެއް. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އަހަންނަށް ކުޅެން ފުރުސަތު ލިބި، ހުރިހާ ކަމެއް ރަނގަޅުވި."
މިސްރުގެ ކްލަބުތަކުގައި ދެއްކި މޮޅު ކުޅުމާއެކު، ޞަލާޙަށް ޔޫރަޕުން ފުރުސަތު ލިބި، ސްވިޒަލޭންޑްގެ ބާސެލްއަށް ސޮއިކުރިއެވެ. "ބާސެލްގެ ޓްރަޔަލްއަށް މިސްރުން ފުރި ފުރަތަމަ ދުވަހުވެސް އަހަރެން އަމިއްލަ ނަފްސަށް ބުނިން ތަފާތު ކުޅުންތެރިއަކަށް ވާންޖެހޭނެއޭ،" މިސްރުގެ ޓީވީ ޕްރޮގްރާމެއް ކަމަށްވާ 'ކުލް ޔައުމް' ގައި ޞަލާޙް ބުންޏެވެ. "އަހަރެން ބޭނުންވީ ބޮޑު ކާމިޔާބީއެއް ހޯދައި، މީހުންގެ ސަމާލުކަން ހޯދައި، އެންމެން ލޯބިވާ އަދި ނަމޫނާއަކަށް ބަލާ ކުޅުންތެރިއަކަށް ވާން."
ނަމަވެސް ޔޫރަޕްގައި އޭނާއަށް ކާމިޔާބީ ލިބުނީ އެއް ރޭ ދުވަހަކުންނެއް ނޫނެވެ. ޗެލްސީގައި ކުޅެން ފުރުސަތު ނުލިބި އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އޭނާގެ ކެރިއަރު އަލުން ބިނާކުރަން ޖެހުނީ އިޓަލީގެ ސެރީ އާގައެވެ. އެގޮތުން ފިއޮރެންޓީނާ އަދި 2015 އިން 2017 އަށް ރޯމާގައި އޭނާ މޮޅު ކުޅުމެއް ދެއްކިއެވެ. އަލުން އެނބުރި އިނގިރޭސިވިލާތަށް އައިސް ލިވަޕޫލާ ގުޅުމަށްފަހު އޭނާ ބުނީ: "އަހަރެން ޕްރިމިއާ ލީގުގައި ކުޅެން ބޭނުން. އެނބުރި އާދެވުމުން ވަރަށް އުފާވޭ އަދި ހުރީ ވަރަށް ފޯރީގައި.
"އަހަރެން މި ކްލަބަށްޓަކައި ހުރިހާ އެއްޗެއް ގުރުބާން ކުރާނަން. މިތަނުގައި ހުރީތީ އުފާވޭ، އަދި މި ކްލަބަށް ކާމިޔާބީއެއް ހޯދައިދޭން ވަރަށް ބޭނުން."
ލިވަޕޫލްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޞަލާޙް ބުންޏެވެ: "މީގެ ފަސް އަހަރު ކުރިއާ އަޅާބަލާއިރު، މިހާރު އަހަރެންގެ ވިސްނުމަށާއި ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި.
"އަހަރެން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރަނީ އަމިއްލަ ނަފްސު އިތުރަށް ކުރިއަރުވަން. އަބަދުވެސް އަމިއްލަ ނަފްސު ޕްރެޝަރަށް ލައިގެން އިތުރަށް ރަނގަޅުވާން މަސައްކަތް ކުރަން.
"އަހަރެންގެ މުޅި ދިރިއުޅުން މިވަނީ ފުޓްބޯޅައަށް ހުސްކޮށްފައި. އަހަރެން އަބަދުވެސް ވިސްނަނީ ފުޓްބޯޅައާ މެދު."
ނުވަ އަހަރު ފަހުން، ޞަލާޙް ލިވަޕޫލް ދޫކޮށްލާއިރު އޭނާ ވަނީ ވީ ވައުދާ އެއްގޮތަށް އެތައް ތައްޓަކާއި ކާމިޔާބީއެއް ހޯދައިދީފައެވެ. އަދި އެފްރިކާ ބައްރު ދޫކޮށް ދިޔައިރު އޭނާ ބޭނުންވި ފަދައިން "މީހުން ލޯބިވާ ކުޅުންތެރިއަކަށް" ވުމުގެ އުންމީދުވެސް ވަނީ ހާސިލުކޮށްފައެވެ.
ޞަލާޙްގެ ކާމިޔާބު 2017-18 ސީޒަނާއެކު، އެންފީލްޑްގެ ކޮޕް ސްޓޭންޑުން އާ ލަވަޔެއް އިވެން ފެށިއެވެ: "މޯ ޞަލާޙް، މޯ ޞަލާޙް، މޯ ޞަލާޙް، ރަނިންގ ޑައުން ދަ ވިންގް، ޞަލާޙް، ލާ-ލާ، ލާ-ލާ، ދަ އިޖިޕްޝަން ކިންގް!" މިއީ ޖޭމްސްގެ 'ސިޓް ޑައުން' ލަވައިގެ ރާގަށް ހަދާފައިވާ ލަވަޔެކެވެ.
އެ ދުވަސްވަރު، އެ ލަވައިގެ އަސްލު ލަވަކިޔުންތެރިޔާ އަދި ލީޑްސް ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށްވާ ޓިމް ބޫތު ބުނީ، އެމީހުންގެ ލަވަ ބޭނުންކުރުމުގައި ވަރަށް ބޮޑަށް ބަލާ ކަމަށާއި، ނަމަވެސް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެ ލަވަ ބޭނުންކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.
އެ ސީޒަނުގައި ޞަލާޙަށް ހާއްސަކޮށްގެން ހެދި އަނެއް ލަވަޔަކީ ލަންޑަންގެ ބޭންޑެއް ކަމަށްވާ 'ޑޮޖީ' ގެ 'ގުޑް އިނަފް' ރާގަށް ހަދާފައިވާ ލަވަޔެކެވެ. ޞަލާޙްގެ މުސްލިމް ވަންތަކަމަށް ނިސްބަތްކޮށް ސަޕޯޓަރުން ކިޔާ މި ލަވައިގައި ބުނަނީ: "އޭނާ ތިޔަބައިމީހުންނަށް ކަމުދާނަމަ، އަހަންނަށްވެސް ކަމުދެއެވެ. އޭނާ އިތުރު ލަނޑުތަކެއް ޖަހާނަމަ، އަހަރެންވެސް މުސްލިމަކަށް ވާނަމެވެ. އޭނާ މިސްކިތުގައި އިންނަ ނަމަ، އަހަރެންވެސް އިންނަން ބޭނުންވަނީ އެތަނުގައެވެ."
އޮޕްޓާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޞަލާޙަކީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް އެންމެ ބާރަށް ދުވާ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. 2021 ވަނަ އަހަރު އޭނާ ވަނީ ގަޑިއަކު 36.64 ކިލޯމީޓަރުގެ ބާރުމިނުގައި ދުވެފައެވެ.
"އިންވާޓެޑް ވިންގަރ" އެއްގެ ގޮތުގައި ކުޅޭ ޞަލާޙް، ކަނާތްފަރާތު އަރިމަތިން އަރައި، ދިފާއީ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެތެރެއަށް ވަދެ، އޭނާގެ ވަރުގަދަ ވައަތު ފައިން ގޯލަށް ހަމަލާދެއެވެ. މި އުކުޅުގެ އިތުރުން، އޭނާ ވަނީ ކަނާތު ފައި ވަރުގަދަކުރުމަށްޓަކައި ވެސް ބުރަ ތަމްރީނުތަކެއް ހަދާފައެވެ.
"އަހަރެންގެ ހުރި ބަލިކަށިކަންތައްތައް ރަނގަޅުކުރަން އަބަދުވެސް މަސައްކަތް ކުރަން. ފަރިތަކުރުންތަކުގެ ކުރިންނާއި ފަހުންވެސް ޖިމްގައި އެކަނި މަސައްކަތް ކުރަން،" ޞަލާޙް ބުންޏެވެ.
ނަމަވެސް ޞަލާޙްގެ އަސްލު ބުރަ މަސައްކަތް ފެށެނީ ފަރިތަކުރުންތައް ނިންމާލާފައި ގެއަށް ދާ ހިސާބުންނެވެ. އޭނާ ގެންގުޅެނީ ކެއުމާއި، ކަސްރަތާއި، ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ ހަރުދަނާ އުސޫލެކެވެ. ވަރުބަލިކަން ފިލުވައި، އަވަހަށް ރިކަވަރ ވުމަށްޓަކައި އޭނާގެ އަމިއްލަ ގޭގައި 'ހައިޕަރބަރިކް އޮކްސިޖަން ޗޭމްބަރ' އެއްވެސް ބޭނުންކުރެއެވެ.
ދުވާލަކު މަދުވެގެން ދެ ފަހަރު ޖިމްގައި ވަގުތު ހޭދަކުރުމަށްފަހު، މަސްތަކުގެ ރިހުން ކުޑަކުރުމަށް އައިސް ބާތު ބޭނުންކުރެއެވެ. މީގެ އިތުރުން، ހަށިގަނޑު ލެބޭގޮތް ހެދުމަށާއި އަނިޔާއިން ސަލާމަތްވުމަށް ޔޯގާ އާއި ޕައިލޭޓްސް ހަދައެވެ.
އޭނާގެ މި ހަރުދަނާ އުސޫލުތައް ބަދިގެއާ ހަމައަށްވެސް ދެއެވެ. ޞަލާޙް ބޭނުންކުރަނީ ޕްރޮޓީން އާއި ފެހި ތަރުކާރީ ގިނަ ކެއުމެކެވެ. އާންމުކޮށް ދުވާލަކު ފަސް ވަރަކަށް ފަހަރު ކާއިރު، އޭގެ ތެރޭގައި ބިސް، އެވަކާޑޯ، ބްރޮކޮލީ، އަލަ، އޯޓްސް، އަލްމަންޑް މިލްކް އަދި މޭވާ ހިމެނެއެވެ. އޭނާ ހަކުރާ ދުރުހެލިވާއިރު، ބޭނުންކުރަނީ ހަމައެކަނި ގްލޫޓަން-ފްރީ ބްރައުން ބްރެޑެވެ. ނަމަވެސް މިސްރަށް ދާ ފަހަރުތަކުގައި އެ ގައުމުގެ ސަގާފީ ކެއުމެއް ކަމަށްވާ 'ކޮޝާރީ' ކައި އުޅެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީވެސް އޭނާ އިސްކަންދޭ ކަމެކެވެ. ކޮންމެ ދުވަހަކު 15-20 މިނެޓު ވަންދެން މެޑިޓޭޓް ކުރާއިރު، ސަމާލުކަން އިތުރުކުރުމަށްޓަކައި ގަވާއިދުން ޗެސް ނުވަތަ ރަންގު ކުޅެއެވެ.
މިސްރުގައި ޞަލާޙަކީ ގައުމީ ފަޚުރެކެވެ. ގިނަ ސަޕޯޓަރުން އޭނާ ސިފަކުރަނީ "މިސްރުގެ ކޮންމެ ކުއްޖެއްގެ އުންމީދު" ގެ ގޮތުގައެވެ.
"އަހަރެން ބޭނުންވަނީ މިސްރުގެ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފްސު ކުރިއަރުވަން އަހަރެންގެ މަގު އިޚްތިޔާރު ކުރަން،" ބީބީސީއަށް ޞަލާޙް ބުންޏެވެ. "އަހަރެމެންނަކީ ބޮޑު ގައުމެއް. އެތައް ކުދިންނެއް އެބަތިބި. އަހަރެން ބޭނުންވަނީ ކޮންމެ ކުއްޖަކުވެސް ހުވަފެން ދެކެން އަދި ކޮންމެ ކަމެއްވެސް ކުރެވިދާނެކަމުގެ އިހުސާސް ކުރަން."
އޭނާގެ މި ބަސްތަކާ އެއްގޮތަށް، ނަގްރިގްގައި ހުންނަ 'މުޙައްމަދު ޞަލާޙް ޗެރިޓީ ފައުންޑޭޝަން' މެދުވެރިކޮށް ޔަތީމުންނާއި، އެކަނިވެރި އަންހެނުންނާއި، ހުވަފަތް އަންހެނުންގެ އިތުރުން ފަގީރުންނާއި ބަލިމީހުންނަށް އޭނާ ދަނީ އެހީތެރިވަމުންނެވެ.
ލިވަޕޫލްގައި ޞަލާޙްގެ ހުނަރާއި، ސާބިތުކަމާއި، ކެތްތެރިކަމުގެ ސަބަބުން އޭނާ ވެފައިވަނީ ކްލަބާއި ސިޓީގެ ފަޚުރަކަށެވެ. މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށާއި، ނަފްރަތުގެ ކުށްތައް މަދުކުރުމަށް އޭނާގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.
"އަހަރެން އުންމީދު ކުރަނީ އޭނާގެ އެންމެ ފަހު މެޗުގައި ތިޔަ އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނާނެ ކަމަށް. އަދި މިފަދަ މޮޅު ކެރިއަރެއްގެ ބަޔަކަށް ވެވުނީތީ އުފާކޮށް ޝުކުރުވެރިވާނެ ކަމަށް،" ކްލޮޕް ބުންޏެވެ.
ޞަލާޙްގެ ކުރިމަގާ މެދު މިހާރު ދަނީ އެކި ވާހަކަތައް ދެކެވެމުންނެވެ.
2023 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުން ހުށަހެޅި 200 މިލިއަން ޑޮލަރުގެ ބިޑު ލިވަޕޫލުން ވަނީ ބޭރުކޮށްލާފައެވެ. ނަމަވެސް ސައުދީ ލީގުގެ ބޮޑު ހަތަރު ކްލަބުން އަދިވެސް އޭނާ ހޯދަން ބޭނުންވެއެވެ. މީގެ އިތުރުން އެމެރިކާގެ އެމް.އެލް.އެސް، ތުރުކީ ލީގު ނުވަތަ އަލުން އިޓަލީއަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި، އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބު ކުރުމަކީ އޭނާގެ އެންމެ ބޮޑު އެއް އުންމީދެވެ. އަދި 2026 ގެ ވޯލްޑް ކަޕްގައި މިސްރު ގޮވައިގެން ކުރިއަށް ދިއުމަކީވެސް އޭނާއަށް އޮތް ބޮޑު ޒިންމާއެކެވެ.
އެ މުބާރާތް އަންނައިރު އޭނާގެ އުމުރުން 34 އަހަރު ވާނެއެވެ. ޞަލާޙްގެ ކުޅުމަކީ ބާރުމިނާއި ހަށިގަނޑުގެ ވަރުގަދަކަމަށް ބިނާވެފައިވާ ކުޅުމަކަށް ވާތީ، އެ އުމުރުގައި މިހާރުގެ ފެންވަރު ހިފެހެއްޓުމަކީ ގޮންޖެހުމަކަށް ވެދާނެއެވެ.
ނަމަވެސް، ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އޭނާގެ އެތައް މިލިއަން ސަޕޯޓަރުންނަށް ޞަލާޙަކީ އަބަދުވެސް "މިސްރުގެ ރަސްގެފާނު" އެވެ.
ނަގްރިގްގެ ސަޕޯޓަރަކު ބުނި ފަދައިން: "އަހަރެމެން އަބަދުވެސް މުޙައްމަދު ޞަލާޙްދެކެ ލޯބިވާނަން، އަދި އޭނާ ކޮންމެ ކްލަބަކަށް ކުޅުނަސް އޭނާއަށް ސަޕޯޓް ކުރާނަން."
މަސްދަރު: ބީބީސީ





