ލިވަޕޫލް ބަލިކޮށް، އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް
މޮޅާ އެކު އެސްޓަލް ވިލާ އިން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކުރީ، މިހާތަނަށް ކުޅެފައިވާ 37 މެޗުން 62 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮވެގެން. އެސްޓަން ވިލާ އަތުން ބަލިވި ލިވަޕޫލް އޮތީ، 37 މެޗުން 59 ޕޮއިންޓާ އެކު ފަސް ވަަނައިގަައި.


މެޗުގައި ލަނޑު ޖެހުމަށް ފަހު އެސްޓަން ވިލާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެސްޓަން ވިލާ އިން އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަޤީން ކޮށްފި އެވެ.
އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި އެސްޓަން ވިލާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެެސް، އިތުރު ތިން ލަނޑު ޖަހައިގެން އެސްޓަން ވިލާ ވަނީ މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ މޯގަން ރޮޖާސް އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ ލަނޑު ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިނެޓު ފަހުން، އޮލީ ވަޓްކިންސް ވަނީ އެސްޓަން ވިލާގެ ދެ ވަނަ ލަނޑު ޖަހައި އަލުން ލީޑު ނަގައިފަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ވަޓްކިންސް ވަނީ އެސްޓަން ވިލާގެ ތިން ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އެސްޓަން ވިލާގެ ހަތަރު ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ޖޯން މެކްގިން އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ޖެހީ ވެން ޑައިކް އެވެ.
މޮޅާ އެކު އެސްޓަލް ވިލާ އިން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކުރީ، މިހާތަނަށް ކުޅެފައިވާ 37 މެޗުން 62 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮވެގެންނެވެ. އެސްޓަން ވިލާ އަތުން ބަލިވި ލިވަޕޫލް އޮތީ، 37 މެޗުން 59 ޕޮއިންޓާ އެކު ފަސް ވަަނައިގަ އެވެ. އަނެއްކޮޅުން މި ބައްޔާ އެކު، ލިވަޕޫލް މި ވަނީ މި ސީޒަންގައި ޖުމުލަ 20 މެޗުން ބަލިވެފަ އެވެ.






