އެމެރިކާގެ ޔޫޓާގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓި، ޕައިލެޓާއި ކްރޫއެއް މަރުވެއްޖެ
9 އޯގަސްޓު 2026 | އާދީއްތަ 06:19ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ދެ މީހުން މަރުވިކަން ކަށަވަރު ކުރީ ނޭޝަނަލް އިންޓަރޭޖެންސީ ފަޔަރ ސެންޓަރުން ހޮނިހިރު ދުވަހު. މި ހާދިސާގައި ހެލިކޮޕްޓަރުގައި ތިބި ދެ މީހުން މަރުވެފައިވާ ކަމަށާއި އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފައި


އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާާތްތެރި ވަމުން ދިޔަ ހެލިކޮޕްޓަރެއް | ސޯޝަލް މީޑިއާ
އެމެރިކާގެ ޔޫޓާގެ މެދުތެރޭގައި ފެތުރެމުން އަންނަ ބޮޑު އަލިފާންގަނޑު ހުއްޓުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓާއި ކްރޫ މެންބަރަކު މަރުވެއްޖެ އެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ހުކުރު ދުވަހުގެ ހެނދުނު 10 ޖެހިއިރު، ރިޗްފީލްޑް ކައިރީގައި ހުންނަ ތްރީ ކްރީކްސް ރިޒެވިއޯ ސަރަހައްދުގައި އެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ދެ މީހުން މަރުވިކަން ކަށަވަރު ކުރީ ނޭޝަނަލް އިންޓަރޭޖެންސީ ފަޔަރ ސެންޓަރުން ހޮނިހިރު ދުވަހު އެވެ. މި ހާދިސާގައި ހެލިކޮޕްޓަރުގައި ތިބި ދެ މީހުން މަރުވެފައިވާ ކަމަށާއި އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފައި އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި އަލިފާންގަނޑު ވަރަށް ބޮޑުވެފައި އޮތުމާއި، ބިންގަނޑު އުސް ސަރަހައްދަކަށް ވުމުގެ ސަބަބުން ރެސްކިއު ޓީމުތަކަށް ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ދިޔުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް ނޭޝަނަލް އިންޓަރޭޖެންސީ ފަޔަރ ސެންޓަރުން ބުންޏެވެ. މަރުވި މީހުންގެ ހަށިތައް ހޯދީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް މަރުވި މީހުންގެ ނަންތައް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ މީހުން ސަލާމަތް ކުރުމުގެ އިންތިޒާމްތައް ނޭޝަނަލް އިންޓަރޭޖެންސީ ފަޔަރ ސެންޓަރުން ހަމަޖައްސައިފައިވާއިރު، ބައެއް މަގުތައް ވެސް ބަންދު ކޮށްފައިވެ އެވެ.
ޑެޕިއުޓީ އިންސިޑެންޓް ކޮމާންޑަރު ޓައިލާ ހެކްޓް ހުކުރު ދުވަހު ބުނީ، ހެލިކޮޕްޓަރު ވެއްޓުމާ އެކު، އަލިފާންގަނޑު ހުއްޓުވުމުގެ މަސައްކަތް ކުރާ ޓީމުތަކުން ކުޑަ ވަގުތުކޮޅަކަށް މަސައްކަތް ހުއްޓާލި ކަމަށެވެ. އެކަމަކު އޭނާ ބުނީ، މި ހާދިސާ އިން އެމީހުންގެ މަސައްކަތުގެ ވައްޓަފާޅިއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ގެންދިޔުމަށް ވަނީ ޚާއްސަ މޮޓޮކޭޑެއް ވެސް ހަމަޖައްސައިފަ އެވެ.
ޔޫޓާގެ ގަވަރުނަރު ސްޕެންސާ ކޮކްސް ވިދާޅުވީ، އަލިފާންގަނޑު ހުއްޓުވުމުގެ މަސައްކަތަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށާއި، މަރުވި މީހުންނަށް ދުއާ ކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މިއީ މި ހޫނު މޫސުމުގައި ޔޫޓާގައި އަލިފާން ހުއްޓުވުމުގެ މަސައްކަތުގައި މީހުން މަރުވި ދެވަނަ ހާދިސާ އެވެ. ޖޫން މަހު ކޮލަރާޑޯ ސަރަހައްދާ ކައިރީގައި ހިނގި އަލިފާން ހުއްޓުވުމުގައި ތިން ފަޔަރ ފައިޓަރުން މަރުވެފައިވާއިރު، ހަތަރު ވަނަ މީހަކު ވެސް އެ ހާދިސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިވެ އެވެ.










