ހަތިޔާރު މަދުވާކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމަށް ޓްރަމްޕް އަންގަވައިފި
9 އޯގަސްޓު 2026 | އާދީއްތަ 05:26ވޮޝިންގޓަން ޕޯސްޓަށް ލިބިފައިވާ މި މެމޯގައިވާ ގޮތުން، އީރާން އާއެކު ކުރިމަތިލުންތައް ހިނގަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ އަސްކަރިއްޔާ އަށް ބޭނުންވާ މުހިންމު ބައެއް ބާވަތްތަކުގެ ގޮވާ ތަކެއްޗާއި ހަތިޔާރު ވަނީ ވަރަށް ބޮޑަށް ހުސްވާން ކައިރިވެފައި. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ކުރިމަތި ވެދާނެ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން، ހަތިޔާރު އުފައްދާ މިންވަރު މަތިކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގައި އެ ޤައުމުގެ ހަތިޔާރުގެ ވަސީލަތްތައް ވަރަށް ބޮޑަށް މަދުވަމުންދާ ކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ހަތިޔާރު އުފައްދާ މިންވަރު އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.
ދިފާއި ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކަށް ޓްރަމްޕްގެ ސަރުކާާރުން މިކަން އަންގާފައިވާއިރު، އެކަން ހާމަވެފައި ވަނީ ޕެންޓަގަން އިން ފޮނުވާފައިވާ މެމޯ އަކުންނެވެ. އެމެރިކާގެ ވޮޝިންގޓަން ޕޯސްޓުން ވަނީ އެ މެމޯއާ ހަވާލާދީ އެ ވާހަކަ ރިޕޯޓު ކޮށްފައި އެވެ.
ވޮޝިންގޓަން ޕޯސްޓަށް ލިބިފައިވާ މި މެމޯގައިވާ ގޮތުން، އީރާން އާއެކު ކުރިމަތިލުންތައް ހިނގަމުންދާ މި ދަނޑިވަޅުގައި އެމެރިކާގެ އަސްކަރިއްޔާ އަށް ބޭނުންވާ މުހިންމު ބައެއް ބާވަތްތަކުގެ ގޮވާ ތަކެއްޗާއި، ހަތިޔާރު ވަނީ ވަރަށް ބޮޑަށް ހުސްވާން ކައިރިވެފައި އެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން، ހަތިޔާރު އުފައްދާ މިންވަރު މަތިކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައި އެވެ.
މި އެންގުމާއެކު، އެމެރިކާގެ ދިފާއީ ސިނާއަތުގެ ކުންފުނިތަކުން މިހާރު އުފައްދަމުންދާ ހަތިޔާރުގެ އިތުރުން، ހަނގުރާމައިގެ މައިދާނުގައި އެންމެ ބޮޑަށް ބޭނުންވާ ވަޒަނާއި މިސައިލް ފަދަ ތަކެތި ފޯރުކޮށްދިނުން އަވަސް ކުރުމަށް ވަނީ އަމުރު ކޮށްފައި އެވެ. ޚާއްސަކޮށް މިހާރު އެންމެ ބޮޑަށް ތަދުވެފައިވާ ބާވަތްތަކުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް، ރިޔާާސީ ގަނޑުވަރު ވައިޓް ހައުސް އިން ބާރު އަޅަމުންދާ ކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.
އީރާން އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމުގެ ތެރެއިން، ހަތިޔާރުގެ ރިޒާވް މަދުވުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. ޓްރަމްޕްގެ ސަރުކާރުގެ މި ނިންމުމަކީ ހަނގުރާމައިގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައި އެވެ.
މީގެ އިތުރުން، ދިފާއީ ވުޒާރާގެ މެމޯގައި ބަޔާން ކޮށްފައިވާ ގޮތުގައި، ހަތިޔާރު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތައް ނައްތާލައި، އުފެއްދުންތެރިކަން އިތުރު ކުރުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭނެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި އެމެރިކާގެ ދިފާއީ ސިނާއަތަށް މިފަދަ ބޮޑު އިރުޝާދެއް ސަރުކާރުން ދިން ފުރަތަމަ ފަހަރެވެ.
މި މައްސަލައާ ގުޅިގެން ޕެންޓަގަން އިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އީރާން އާއެކު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ ޤާބިލުކަން ވަރުގަދަ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވޮޝިންގޓަން ޕޯސްޓުން ހާމަކުރި މި މައުލޫމާތުތަކާ އެކު، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ ހަތިޔާރު އުފައްދާ ކާރުޚާނާތަކުގެ މަސައްކަތްތައް އިތުރަށް ހަލުވި ވެގެންދާނެ ކަމަށް ބެލެވެ އެވެ.
މަސްދަރު: ވޮޝިންޓަން ޕޯސްޓް










