މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
2 އޯގަސްޓު 2026 | އާދީއްތަ 08:58މޮސްކޯގެ ރެސްޓޯރެންޓެއްގެ ބޭރުގައި އަންހެނަކު އަމިއްލައަށް ތައްޔާރުކޮށްފައިވާ އެއްޗެއް ގޮއްވާލުމާ ގުޅިގެން، ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި. މި ހަމަލާއަކީ ޔޫކްރެއިން ހަނގުރާމައާ ގުޅުންހުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ސަލާމަތީ ބާރުތަކުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް މި ހާދިސާ ތަހުގީގު ކުރަމުން
ރަޝިޔާގެ ވެރިރަށް މޮސްކޯގެ މަތީ ފަންތީގެ ރެސްޓޯރަންޓެއްގައި ބާރުގަދަ ގޮވުމެއް ގޮވި ސަރަހައްދުގެ މަންޒަރެއް | ސްކްރީން އިމޭޖް
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުންނަ އިޓަލީ ރެސްޓޯރެންޓެއްގައި އަމިއްލައަށް ތައްޔާރުކޮށްފައިވާ ގޮވާ އެއްޗެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން ތިން މީހުން މަރުވެ، 21 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
މި ގޮވުން ގޮވާފައިވަނީ އެ ގައުމުގެ ގަޑިން ރޭގަނޑު 20:00 (ޖީއެމްޓީން 17:00) ހާއިރު، މޮސްކޯގެ ސިޓީ ސެންޓަރު ކައިރީގައި އޮންނަ ކުޑްރިންސްކަޔާ މައިދާނުގަ އެވެ.
ރަޝިޔާގެ ނޭޝަނަލް އެންޓި-ޓެރަރިސްޓް ކޮމިޓީން ބުނި ގޮތުގައި، ގޮވާތަކެތި ހިފައިގެން އައި އަންހެނަކު އެ ރެސްޓޯރެންޓަށް ވަންނަން އުޅުމުން، އެ ތަނުގެ ސެކިއުރިޓީ ގާޑު ވަނީ އޭނާ ހުއްޓުވާފަ އެވެ.
އެ ވަގުތު ގޮވާތަކެތި ގޮވުމުގެ ސަބަބުން، އެ އަންހެން މީހާގެ އިތުރުން ސެކިއުރިޓީ ގާޑާއި، އަމިއްލަ ހަފުލާއެއް ކުރިއަށްދިޔަ "ބަލްޒީ ރޮސީ" ރެސްޓޯރެންޓަށް ޒިޔާރަތްކުރި މީހަކު ވަނީ މަރުވެފަ އެވެ.
މި ހަމަލާގެ އަމާޒަކީ ކޮބައިކަން ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މޮސްކޯގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ހަމަލާއަކީ ޔޫކްރެއިން ހަނގުރާމައާ ގުޅުންހުރި ހަމަލާއެކެވެ.
ފާއިތުވި އަހަރުތަކުގައި ރަޝިޔާގެ ވެރިރަށާއި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި އެ ގައުމުގެ އަސްކަރިއްޔާގެ އިސް ބައެއް ފަރާތްތައް ވަނީ މަރާލާފަ އެވެ. ރަޝިޔާ ސަރުކާރުން އެ ހަމަލާތަކުގެ ތުހުމަތު އަޅުވަނީ ޔޫކްރެއިންގެ ސަރުކާރުގެ ބޮލުގަ އެވެ.
މި ހާދިސާގެ ކުރީގެ ރިޕޯޓްތައް ބުނާގޮތުން ގޮވުން ގޮވާފައިވަނީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގަ އެވެ. ނަމަވެސް، ފަހުން އެ ރެސްޓޯރެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މައްސަލަ ދިމާވީ އިމާރާތުން ބޭރުގައި" ކަމަށެވެ.
މި ރެސްޓޯރެންޓް ހުންނަނީ މޮސްކޯގެ މަޝްހޫރު "ސްޓާލިން ޒަމާނުގެ" އުސް އިމާރާތެއްގަ އެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ މަގުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
މި ހާދިސާ ހިނގި ވަގުތަކީ ސިޓީގެ ތެރޭގައި ބާއްވަން އުޅުނު ބައިސްކަލް ދުއްވުމުގެ ހަރަކާތަކަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވަމުންދިޔަ ވަގުތެއް ކަމުން، އެ ހަރަކާތް ވަނީ ކެންސަލްކޮށްފަ އެވެ.
ހަތިޔާރު އެޅި ސަލާމަތީ ބާރުތަކުން ދަނީ އާންމުންނަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ބަންދުކޮށް ހަރަކާތްތެރިވަމުންނެވެ.
މަސްދަރު: ބީބީސީ










