އީރާން: ޔޫކްރެއިނުން އީރާނުގެ ބޯޓަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް
27 ޖުލައި 2026 | ހޯމަ 05:07ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ ވިޔަފާރި އުޅަނދަކަށް ޔޫކްރެއިނުން ދިން ހަމަލާގައި ފަޅުވެރިއަކު މަރުވުމާ ގުޅިގެން، އެ އަމަލަށް ރައްދުދޭނެ ކަމުގެ އިންޒާރު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ދެއްވައިފި. މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ޖަރީމާއެއް ކަމަށް ސިފަކުރައްވައި، މިކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އީރާނުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައި

އަޒަރުބައިޖާންގެ ބާކޫގައި، ކެސްޕިއަން ކަނޑުގެ ސަރަހައްދުގައި އެ ގައުމާއި އީރާނުގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ދެ ގައުމުގެ މަނަވަރުތައް 2024 ނޮވެމްބަރު 04 ގައި ބައިވެރިވަނީ | ގެޓީ އިމޭޖަސް
ޔޫކްރެއިނުން އީރާނުގެ ވިޔަފާރި އުޅަނދަކަށް ދިން ހަމަލާއަކީ ވިލާތުގެ ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް ދިން ހަމަލާއެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ އެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ކެސްޕިއަން ކަނޑުގައި އޮތް އީރާނުގެ ވިޔަފާރި އުޅަނދަކަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ދިން ހަމަލާއަކީ އިސްރާއީލުގެ އެދުމުގެ މަތިން، ހުޅަނގު އޭޝިއާ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ވިލާތުގެ ގައުމުތައް ދަމައިގަތުމަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.
އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ވަރުގަދަ ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، އީރާނުގެ ވިޔަފާރި އުޅަނދަށް ދިން ހަމަލާ ރާވާފައިވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކަމަށާއި، މި ހަމަލާގައި އެ އުޅަނދުން ދަތުރުކުރި ފަޅުވެރިއަކު މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ހަމަލާއަކީ އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އީރާނުގެ އެންމެ އިސް ޑިޕްލޮމޭޓް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅޭގޮތުން އޭނާ ވަނީ ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކާލަސް އަދި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާ ފޯނުން ގުޅުއްވައި ވަކިވަކިން މަޝްވަރާ ކުރައްވާފަ އެވެ.
އެ މަޝްވަރާތަކުގައި، ޔޫކްރެއިނުން ދިން މި ހަމަލާއަށް ރައްދު ނުދީ ދޫކޮށްނުލާނެކަން ސާފުކޮށްދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކީވްގައި ހުރި މީހާ (ޒެލެންސްކީ) ކުރި މި އަމަލަށް ރައްދު ނުދީ ދޫކޮށްނުލެވޭނެކަން އަޅުގަނޑު ސާފުކޮށްދިނިން،" އަރަގްޗީ ލިޔުއްވާފައިވެ އެވެ.
އަރަގްޗީ މިހެން ވިދާޅުވީ، އީރާނާ ގުޅުންހުރި އަސްކަރީ މުދާ އުފުލާ އުޅަނދުތަކަކަށާއި ހަނގުރާމަމަތީ އުޅަނދަކަށް ކީވްއިން ހަމަލާދީފައިވާ ކަމަށް ޔޫކްރެއިނުގެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.
މި ހާދިސާއަށްފަހު، އީރާނާއި ރަޝިއާގެ ޚާރިޖީ ވަޒީރުން އާދިއްތަ ދުވަހު ފޯނުން ގުޅުއްވައި، ސަރަހައްދީ އަދި ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ އެންމެ ފަހުގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ހޮނިހިރު ދުވަހު ކާލާސްއާއެކު ބޭއްވި ފޯނު ކޯލުގައި އަރަގްޗީ ވަނީ، ޔޫކްރެއިނުގެ މި ހަމަލާއާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހާއި، ވިލާތުގެ އިއްތިހާދާއި، ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފަ އެވެ.
އަދި މި ޖަރީމާ ހިންގި ފަރާތްތަކާއި އެކަމަށް ވާގިވެރިވި ފަރާތްތައް ޒިންމާދާރު ކުރުވުމަށް ބައިނަލްއަގުވާމީ އިދާރާތަކަށް އޭނާ ބާރުއެޅުއްވި އެވެ.
ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާނުގެ ވިޔަފާރި އުޅަނދަކަށް ހަމަލާދިނުމުން، ޔޫކްރެއިނުގެ ސަރުކާރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ހިންގުމުގެ އިތުރުން، ނުރައްކާތެރި ދަރަޖައަކަށް ބިރުވެރިކަން ފެތުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.










