ރަޝިޔާ އިން ޔޫކްރެއިންގެ ވެރިރަށަށް މިހާތަނަށް ދިން އެންމެ ނުރައްކާތެރި ހަމަލާތަކުގައި 14 މީހުން މަރުވެއްޖެ
5 އޯގަސްޓު 2026 | ބުދަ 06:51ރަޝިޔާގެ ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކުގައި ކީވްގެ އާންމު އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މީގެ ރައްދުގައި ޔޫކްރެއިންއިން ވެސް ދަނީ ރަޝިޔާގެ އަމާޒުތަކަށް ހަމަލާދެމުން. މި ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިންއިން އިތުރު ހަތިޔާރަށް އެދެމުންދާއިރު، ދެ ގައުމުން ވެސް ދަނީ އާންމުންނަށް ގަސްތުގައި ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރަމުން
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވްއަށާއި ކީވްގެ ވަށައިގެންވާ ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 17 މީހަކު ވަނީ މަރުވެފައި | ސްކްރީން އިމޭޖް
ރަޝިޔާއިން ޔޫކްރެއިންނަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 14 މީހުން މަރުވެ، 22 މީހުން ޒަޚަމްވެއްޖެ އެވެ. މިއީ މި އަހަރުގެ ތެރޭގައި ކީވްއަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ.
ބުދަ ދުވަހުގެ މެންދަމުން އަލިވިފަހުން ފެށި މި ހަމަލާތަކާ ގުޅިގެން ކީވްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާ ޓިމޫރް ޓްކަޗެންކޯ ވިދާޅުވީ، ދުޝްމަނުން އަނެއްކާވެސް ކީވް ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށެވެ.
ކީވް ސިޓީއަށާއި އެ ސިޓީގެ ބޭރު ސަރަހައްދުތަކަށް ބެލިސްޓިކް މިސައިލްތައް އަމާޒުވަމުން ދިޔައިރު، އެއް ގަޑިއިރަށްވުރެ ގިނަ އިރުވަންދެން އެ ސަރަހައްދުގައި ވަނީ ވައިގެ ހަމަލާތަކުގެ އިންޒާރު ނެރެފަ އެވެ. ކީވްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި މި ހަމަލާތަކުގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތްތަކަށާއި މުދާ ރައްކާކުރާ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ޓްކަޗެންކޯ ހާމަކުރެއްވި ގޮތުގައި މި ހަމަލާތަކުގައި ބޮރިސްޕިލް ޑިސްޓްރިކްޓުން ނުވަ މީހަކު، ބޫޗާ ޑިސްޓްރިކްޓުން ހަތަރު މީހަކު، އަދި ފާސްޓިވް ޑިސްޓްރިކްޓުން އެކަކު ވަނީ މަރުވެފަ އެވެ.
ރަޝިޔާގެ ބެލިސްޓިކް މިސައިލް ހަމަލާތަކުން ދިފާއުވުމަށްޓަކައި، އެމެރިކާގައި އުފައްދާ "ޕެޓްރިއަޓް" މިސައިލް ޑިފެންސް ސިސްޓަމްތައް އިތުރަށް ފޯރުކޮށްދިނުމަށް ޔޫކްރެއިންއިން ވަނީ އެގައުމުގެ ބައިވެރިންގެ ކިބައިން އެދިފަ އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނީ، ކީވްއާއި އެ ސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހުރި ލޮޖިސްޓިކްސް މަރުކަޒުތަކަށާއި ތަކެތި ސަޕްލައިކުރާ ސެންޓަރުތަކަށް ހަމަލާދީފައިވާނެ ކަމަށެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި އެ މަރުކަޒުތަކަކީ ހަތިޔާރާއި އަސްކަރީ ސާމާނު ރައްކާކޮށް ފޯރުކޮށްދިނުމުގެ އިތުރުން، ޑްރޯން ނުވަތަ އަންމޭންޑް އޭރިއަލް ވެހިކަލްތައް އުފައްދައި ބަހާ ތަންތަނެވެ.
މީގެ އިތުރުން، ކަޅު ކަނޑުގެ އޮޑެއްސާ ބަނދަރު ކައިރިން ހަތިޔާރާއި އަސްކަރީ ސާމާނު އުފުލަމުންދިޔަ ތިން މުދާ އުފުލާ ބޯޓަކަށްވެސް ހަމަލާދީފައިވާނެ ކަމަށް ރަޝިޔާއިން ބުނެފައިވެ އެވެ.
ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވީ، ސިޓީގެ މެދުތެރެއަށް ދިން ހަމަލާތަކާ ގުޅިގެން އިމާރާތްތަކުގެ ކުނިބުނީގެ ދަށުގައި ބަޔަކު ތާށިވެފައި ތިބެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ޓެލެގްރާމް މެދުވެރިކޮށް އޭނާ ވިދާޅުވީ، ޒަޚަމްވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ކީވްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި، ދުޝްމަނުން އަނެއްކާވެސް ގަސްތުގައި އަމާޒުކުރަމުންދަނީ އާންމު ރައްޔިތުންނަށާއި އާންމުންގެ އުމްރާނީ ވަސީލަތްތަކަށެވެ.
ފަހަކަށް އައިސް ރަޝިޔާއިން ކީވްއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ޔޫކްރެއިންއިންވެސް ވަނީ ރަޝިޔާގެ އާންމު ވަސީލަތްތަކަށާއި ކަރަންޓު އުފައްދާ ތަންތަނަށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ.
ޔޫކްރެއިންއިން ވަނީ ރަޝިޔާގެ އީ-ކޮމާސް ކުންފުންޏެއް ކަމަށްވާ "ވައިލްޑްބެރީސް" ގެ ގުދަންތަކަށްވެސް ތަކުރާރުކޮށް ހަމަލާދީފަ އެވެ. އެންމެ ފަހުން މޮސްކޯ ސަރަހައްދުގެ ގުދަންތަކަށް އަންގާރަ ދުވަހުގެ ހެނދުނު ދިން ހަމަލާތަކުގައި ފަސް މީހުން މަރުވެ، 10 މީހުން ވަނީ ޒަޚަމްވެފަ އެވެ.
އޭގެ ކުރީ ދުވަހު، ރަޝިޔާގެ ދެކުނުގެ ކްރަސްނޯޑާ ސަރަހައްދުގެ މީހުން ގިނަ ބީޗަކަށް ޑްރޯން ހަމަލާއެއް އެރުމުގެ ސަބަބުން ހަތް މީހުން މަރުވެ، 58 މީހުން ޒަޚަމްވެފައިވާ ކަމަށް ރަޝިޔާގެ އޮފިޝަލުން ބުނެފައިވެ އެވެ.
އަނެއްކޮޅުން، ޔޫކްރެއިންގެ ޚޭސަންގައި ޑްރޯންއަކުން މީހަކު ފަހާ ދުވާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ޔޫކްރެއިންއިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ޔޫކްރެއިންއިން ބުނީ އެއީ އާންމުންނަށް އަމާޒުކޮށް ގަސްތުގައި ހިންގާ "ޝިކާރަކުރުމުގެ" އަމަލެއް ކަމަށެވެ.
ނަމަވެސް، ދެ ގައުމުންވެސް ވަނީ ގަސްތުގައި އާންމު ރައްޔިތުންނަށް ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.










