ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެގައި ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" ގެ ދެ ލޮޖިސްޓިކްސް ސެންޓަރެއް އަނދާ އަޅިޔަށްވެއްޖެ
ރަޝިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެއްގައި "ވައިލްޑްބެރީސް" ކުންފުނީގެ މުވައްޒަފަކާއި ތެޔޮ ގުދަނެއްގެ މުވައްޒަފަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ. މި ހަމަލާތަކާ ގުޅިގެން ބައެއް ސިޓީތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، އާންމުންނަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއް ކަމަށް އދ. އިން ވަނީ ބުނެފައި.
ޔޫކްރޭއިނުން ރަޝިޔާގެ ވައިލްޑްބެރީސް ގުދަނަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މަންޒަރުތައް. | ސޯޝަލް މީޑިއާ
ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކެއް ރަޝިޔާގެ އޮންލައިން ރީޓެއިލާ "ވައިލްޑްބެރީސް" އިން ހިންގާ ދެ ލޮޖިސްޓިކްސް ސެންޓަރަކަށް އަނެއްކާވެސް އަމާޒުވެއްޖެ އެވެ.
ރަޝިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ދިން މި ހަމަލާތަކުގައި އެ ކުންފުނީގެ މުވައްޒަފަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އަރްމަވީރުގައި ހުންނަ ތެޔޮ ގުދަނަކަށް ދިން ވަކި ހަމަލާއެއްގައިވެސް އެތަނުގައި މަސައްކަތް ކުރާ މީހަކު މަރުވެ، އެ ތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފަ އެވެ.
ރަޝިޔާގެ "އެމެޒޯން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ވައިލްޑްބެރީސް އަކީ އެ ގައުމުގައި އެންމެ ފުޅާދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ބާނީ ޓަޓިއާނާ ކިމް ބުދަ ދުވަހު ކަށަވަރުކޮށްދެއްވި ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި ޔޫކްރެއިނުން ހަމަލާދީފައިވަނީ ކްރަސްނޯޑާ އަދި ސްޓަވްރޮޕޯލް ރީޖަންގެ ނެވިންނޮމީސްކްގައި ހުންނަ އެ ކުންފުނީގެ މަރުކަޒުތަކަށެވެ. މި ހަމަލާތަކާ ގުޅިގެން އެ ދެ އިމާރާތުން މީހުން ހުސްކޮށް، ކުންފުނީގެ މަސައްކަތްތައް މެދުކަނޑާލާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ކްރަސްނޯޑާގެ ގަވަރުނަރު ވެނިއަމިން ކޮންޑްރަޓްޔޭވް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހުންނަ ވައިލްޑްބެރީސްގެ ގުދަނަށް ދިން ހަމަލާގައި 10 މުވައްޒަފަކު ޒަޚަމްވި އެވެ. އޭގެ ތެރެއިން ޒަޚަމްވި ޒުވާން އަންހެނަކު ފަހުން މަރުވެފައިވާ ކަމަށާއި، އިތުރު ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެ ގުދަނުގައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.
މީގެ އިތުރުން، ވައިގެ މަގުން ދިން ހަމަލާތަކުގައި ވައްޓާލި ޑްރޯންތަކުގެ ބައިތައް ކްރަސްނޯޑާގެ ދެ އެޕާޓްމަންޓް އިމާރާތަކަށާއި، ކައިރީގައި އޮންނަ ޑިންސްކަޔާ ޑިސްޓްރިކްޓްގެ ދެ ގެއަކަށް ވެއްޓިފައިވެއެވެ. ނަމަވެސް އެ ތަންތަނުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
ނެވިންނޮމީސްކް ސިޓީގެ ބޭރުގައި ހުންނަ ގުދަނަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ސިއްހީ އެހީތެރިކަމަށް އެދިފަ އެވެ. އެ ސަރަހައްދަށް ލިބުނު ގެއްލުންތައް ކުޑަކުރުމަށް ފަޔަރ ފައިޓަރުންނާއި އެހެނިހެން ޚިދުމަތްތަކުން މަސައްކަތް ކުރަމުންދާތީ، ސަރަހައްދީ އިދާރާތަކުން ވަނީ އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
ގަވަރުނަރު ކޮންޑްރަޓްޔޭވް ވިދާޅުވި ގޮތުގައި، އަރްމަވީރަށް އަމާޒުކޮށް 16 އަށްވުރެ ގިނަ ޑްރޯން ފޮނުވާލާފައިވެއެވެ. އެ ސިޓީގެ ތެޔޮ ގުދަނަކަށް ޑްރޯންގެ ބައިތައް ވެއްޓުމުގެ ސަބަބުން 800 އަކަމީޓަރުގެ ސަރަހައްދެއްގައި އަލިފާން ރޯވެ، އެ ތަނުގެ މުވައްޒަފަކު ވަނީ މަރުވެފައެވެ. މިހާރު އެ ތަނުގެ އަލިފާންގަނޑު ވަނީ ނިއްވާލާފަ އެވެ.
މި ހަމަލާތައް ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭ މޮސްކޯ ރީޖަންގެ ޑޮމޮޑެޑޯވޯގައި ހުންނަ "ޔޫޒްންޔޭ ވޮރޮޓާ" އިންޑަސްޓްރިއަލް ޕާކުގައި ޔޫކްރެއިނުން ރޯކޮށްލި ހަމަލާއަށް ފަހުގައެވެ. އޭގެ ހަތަރު ދުވަސް ކުރިން، މޮސްކޯގެ ބޭރުގައި އޮންނަ އިލެކްޓްރޯސްޓަލް އަދި ޓަމްބޯވް ރީޖަންގެ ކޮޓޮވްސްކްގައި ހުންނަ ވައިލްޑްބެރީސްގެ މަރުކަޒުތަކަށްވެސް ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ. ކޮޓޮވްސްކްގައި ދިން ހަމަލާގައި ރޭގަނޑު ޑިއުޓީގައި ތިބި ހަތް މުވައްޒަފަކު މަރުވިއިރު، އިލެކްޓްރޯސްޓަލްއަށް ދިން ހަމަލާގައި އެކަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.
މޮސްކޯ އަދި ޓަމްބޯވް ރީޖަންގައި ހުންނަ ވައިލްޑްބެރީސްގެ މަރުކަޒުތަކަށް މިދިޔަ ހަފުތާގައި ދިން ހަމަލާތަކާ ގުޅޭގޮތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ތަމީމް އަލް-ޚީތާން އަންގާރަ ދުވަހު ޖެނީވާގައި ވިދާޅުވީ، އާންމުންނާއި އާންމު ތަންތަނަށް ގަސްދުގައި ދޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށެއް ކަމަށެވެ. އަދި މި ހާދިސާތައް ތަހުގީގު ކުރަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފަހަކަށް އައިސް ޔޫކްރެއިނުން ވަނީ ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް އަމާޒުކޮށް ދޭ ޑްރޯން ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މި ހަމަލާތައް އަމާޒުކުރަނީ ތެޔޮ ރައްކާކުރާ ތަންތަނަށާއި، ގުދަންތަކަށާއި، އާންމުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން އެހެނިހެން އިންފްރާސްޓްރަކްޗާތަކަށެވެ. މޮސްކޯއިން މި ހަމަލާތައް ސިފަކުރަނީ އާންމުންނަށް އަމާޒުކޮށްދޭ ޓެރަރިސްޓް ހަމަލާތަކެއްގެ ގޮތުގައެވެ. އަދި ރަޝިޔާއިން ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތައް އަމާޒުކުރަނީ ޔޫކްރެއިނުގެ އަސްކަރީ އަދި ދިފާއީ މަރުކަޒުތަކަށް ކަމަށް ރަޝިޔާއިން ބުނެ އެވެ.










