އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ
10 އޯގަސްޓު 2026 | ހޯމަ 07:26ތައިލެންޑުން ފުރައިގެން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް ކުއްލިއަކަށް ތިރިވި ހާދިސާއާ ގުޅިގެން، ބޯޓުގެ ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވުމުން ދެ ކްރޫން ވަނީ ސަސްޕެންޑްކޮށްފައި. މި ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ކެޕްޓަންގެ ނަތީޖާ އިތުރަށް ކަށަވަރުކުރުމަށްޓަކައި ސާމްޕަލްތައް މިހާރު ވަނީ ހާއްސަ ލެބޯޓްރީއަކަށް ފޮނުވާފައި

އެއަރ އިންޑިއާގެ ބޯޓަކުން ކުރޫއިން ފައިބާއިރު ސެކިއުރިޓީ އޮފިޝަލަކު ބޯޓު ކައިރީގައި | ގެޓީ އިމޭޖަސް
ފާއިތުވި ހަފުތާގައި ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއްގެ އުސްމިން ކުއްލިއަކަށް ދަށްވި ހާދިސާއާ ގުޅިގެން، އެ ބޯޓުގެ ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ފުރަތަމަ ސްކްރީނިންގް އިން ދައްކާފައިވާތީ، އިތުރު ތަހުލީލުތައް ކުރަމުންދާކަން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ކަށަވަރުކޮށްދީފި އެވެ.
މިދިޔަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ބޯޓު އުދުހެމުން ދަނިކޮށް ކުއްލިއަކަށް 300 ފޫޓަށް ތިރިވި ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޯޓު ކޮންޓްރޯލްކޮށް، ރައްކާތެރިކަމާއެކު ދިއްލީއަށް ވަނީ ޖައްސާފަ އެވެ.
މި ހާދިސާއާ ގުޅިގެން ފްލައިޓް ކްރޫން އަމަލުކުރަންޖެހޭ އާންމު އުސޫލުގެ ދަށުން، މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުގެ ސްކްރީނިންގްއެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ސްކްރީނިންގްގެ ނަތީޖާ ދެއްކި ގޮތުން، ބޯޓުގެ ކެޕްޓަންގެ ހަށިގަނޑުން މަސްތުވާތަކެތީގެ އަސަރު ފެނިފައިވާތީ، އެކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ސާމްޕަލްތައް ވަނީ ހާއްސަ ލެބޯޓްރީއަކަށް ފޮނުވާފަ އެވެ. މި ތަހުލީލުގެ ފައިނަލް ރިޕޯޓު އަދި ލިބިފައި ނުވާއިރު، އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ވަނީ ތަހުގީގު ނިމެންދެން އެ ފްލައިޓުގެ ދެ ކްރޫން ސަސްޕެންޑްކޮށްފަ އެވެ.
އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން މި ހާދިސާ ރަސްމީކޮށް ކްލެސިފައިކޮށްފައިވަނީ "ސީރިއަސް" ހާދިސާއެއްގެ ގޮތުގަ އެވެ.
ފުރަތަމަ ސްކްރީނިންގް އިން ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއްކަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އެއާ އިންޑިއާއިން ބުނީ އުސޫލުތަކުގެ ދަށުން ޕައިލެޓުން ޓެސްޓުކުރިކަން އެނގޭ ނަމަވެސް، އެ ޓެސްޓުތަކުގެ ނަތީޖާ އަދި އެ އެއާލައިނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެއާލައިންގެ ތަރުޖަމާނު ވިދާޅުވީ، ދަތުރަށްފަހު ޕައިލެޓުން ސްކްރީން ކުރިކަން އެނގޭ ކަމަށާއި، ނަމަވެސް ނަތީޖާ ލިބިފައި ނުވާތީ އެކަމާ ގުޅޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށެވެ.
އެއާލައިނުން އިތުރަށް ބުނި ގޮތުގައި، ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާ އެއްގޮތަށް ކްރޫން މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުގެ ކަންކަން ގަވާއިދުން ކުރިއަށްދާނެ ކަމަށާއި، ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މި ހާދިސާ ހިނގާފައި މިވަނީ، އިންޑިއާގެ އޭވިއޭޝަން ދާއިރާގެ ސަލާމަތީ ކަންކަމާ ގުޅޭ ގިނަ ތަހުގީގުތަކެއް ހިނގަމުންދާ އަދި ރެގިއުލޭޓަރީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މަސްދަރު: އިންޑިޕެންޑެންޓް










