އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
25 ޖުލައި 2026 | ހޮނިހިރު 09:20އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައި، އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިހާރު ވަނީ ފޮނުއްވާފައި. އޭނާ މި މަގާމުން ވަކިވެވަޑައިގަތީ އެ ގައުމުގެ އިމްތިހާނު ކަރުދާސްތަކެއް ލީކުވި މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކަކާއި މުޒާހަރާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި.

2026 ޖޫން މަހުގެ 2 ވަނަ ދުވަހު މުމްބާއީގައި ކުރިއަށްދިޔަ މުޒާހަރާއެއްގެ ތެރެއިން، ބައިވެރިން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ ފޮޓޯ ޖަހާފައިވާ ބޯޑުތަކެއް ހިފައިގެން. | އޭއެފްޕީ
އިންޑިއާގެ އެކި ކަންކޮޅުތަކުގައި ބޭއްވި އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވި މައްސަލައިގެ ޒިންމާ ނަންގަވައި، މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި، އެ ގައުމުގެ ޒުވާނުން ކުރަމުންދިޔަ މުޒާހަރާތަކަށް ބޮޑު ކާމިޔާބީއެއް ލިބި، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕްރަދާން އިސްތިއުފާ ދެއްވިކަން ހޮނިހިރު ދުވަހު އެކްސް މެދުވެރިކޮށް އިއުލާނު ކުރެއްވީ، މުޒާހަރާގެ އިސްވެރިންނާއި ފެޑަރަލް މިނިސްޓަރުންނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ދެވަނަ ބުރު ފެށުމަށް މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް، ނިއުދިއްލީގައި މުޒާހަރާ ކުރަމުންދިޔަ މީހުން ރޫޅާލުމަށް ފުލުހުން ކަރުނަގޭސް ޖަހަމުން ދަނިކޮށެވެ.
"ޖަންތަރު މަންތަރާއި މުޅި ގައުމުގައި އުފެދިފައިވާ ހާލަތަށް ބަލައި، ގައުމާ ދެކޮޅު ބާރުތަކުން މި ހާލަތުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށްޓަކައި... އަޅުގަނޑުގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު [ނަރެންދުރަ މޯދީ] އަށް މިހާރު ވަނީ ފޮނުވާފައި،" ޕްރަދާން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
"ގައުމުގެ ޒުވާނުންގެ އުންމީދުތަކާއި، އިހުސާސްތަކާއި އަދި އެކަށީގެންވާ އުންމީދުތަކަށް އަޅުގަނޑު ނުހަނު އިހުތިރާމް ކުރަން."
ޕްރަދާން ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ އެތައް ހާސް ދަރިވަރުންގެ ނާޖާއިޒް ބޭނުން "ގައުމާ ދެކޮޅު ބާރުތަކުން" ހިފުމަށް ފުރުސަތު ދޭން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ދަރިވަރުން ކިޔެވުމާއި އަމިއްލަ މުސްތަގުބަލު ބިނާކުރުމުގެ ބަދަލުގައި "ގާނޫނީ އޮޅުންބޮޅުންތަކެއްގެ ތެރޭގައި" ތާށިވާން ބޭނުންފުޅު ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕްރަދާން އިސްތިއުފާ ދެއްވި ޚަބަރު ފެތުރުމާއެކު، ނިއުދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދާއި އެހެނިހެން ތަންތަނަށް އެއްވެ ތިބި އެތައް ހާސް މުޒާހަރާގެ ބައިވެރިންގެ މެދުގައި ބޮޑު އުފާވެރިކަމެއް ފެތުރިގެންދިޔަ އެވެ.
މި މުޒާހަރާތަކަކީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ނަމުގައި ހިންގާ ހަރަކާތެއްގެ ބައެކެވެ. މިއީ ބޮޑުވަޒީރު މޯދީ އާއި އޭނާގެ ސަރުކާރުން ޒުވާނުންނަށް އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރާ އިންޑިއާގެ ޒުވާނުންގެ ހިތްހަމަނުޖެހުންތައް ފާޅުކުރުމަށް އުފައްދާފައިވާ ހަރަކާތެކެވެ.
ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައި ފެޑަރަލް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޓަނެޓްގެ ޚިދުމަތާއި 18 މެޓްރޯ ސްޓޭޝަނަކަށް ވަދެ ނުކުމެ އުޅުން ހަނިކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު ޕާލަމެންޓާ ދިމާލަށް މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ފުލުހުން ކަރުނަގޭހާއި ކުދި ވަޒަން ޖަހައި އަދި މުގުރުން ތަޅައި ގިނަ އަދަދެއްގެ ދަރިވަރުން ޒަޚަމްކޮށްލުމާ ގުޅިގެން އާންމުންގެ މެދުގައި އޮތް ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ސީޖޭޕީން ބުނެފައިވަނީ "ކޮކްރޯޗުން ކާމިޔާބު ހޯދައިފި.. ޑިމޮކްރަސީ ކާމިޔާބުވެއްޖެ!" ކަމަށެވެ.
މި ހަރަކާތުގެ އިސް މެންބަރުންނާއި ސަރުކާރާ ދެމެދު ބާއްވާ މަޝްވަރާތަކުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު ބޭއްވުމަށް ކުރިން އޮތީ ތާވަލުކޮށްފަ އެވެ.
ހުކުރު ދުވަހު ބޭއްވި މަޝްވަރާތަކުގައި، ޕްރަދާން އިސްތިއުފާ ދެއްވުމަށް ކުރާ ޑިމާންޑަށް ޖަވާބެއް ދިނުމަށް ހޮނިހިރު ދުވަހުގެ މެންދުރު ފަހާ ހަމައަށް ސަރުކާރުން ވަނީ މުހުލަތަކަށް އެދިފައެވެ.










