އިންޑިއާގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ކުލީ ސިފައިންގެ މީހަކަށް، އޭނާ ބޭނުންވާ ކާނާ ފޯރުކޮށްދޭން ދިއްލީގެ ކޯޓަކުން އަމުރުކޮށްފި
އިންޑިއާގެ މަނާ ސަރަހައްދަކަށް ވަދެ ހަނގުރާމަވެރިންނަށް ތަމްރީނު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމެރިކާގެ ކުލީ ސިފައިންގެ މީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އޭނާ ބޭނުންވާ ހާއްސަ ކާނާ ޖަލުގައި ތައްޔާރުކޮށްދިނުމަށް ދިއްލީގެ ކޯޓަކުން އަމުރުކޮށްފި. އިންސާނީ ކަރާމާތަށް ރިއާޔަތްކޮށް ދިން މި ހުއްދައިގެ ދަށުން، އޭނާ އަމިއްލައަށް ކާނާ ކެއްކުމަށް ބޭނުންވާ ސާމާނާއި ކައްކާއެއްގެ އެހީތެރިކަން ލިބޭނެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ މެތިއު އާރޯން ވެންޑައިކް، ދިއްލީގެ ޕަޓިއާލާ ހައުސް ކޯޓަށް ހާޒިރުކުރަނީ | އޭ.އެން.އައި
އިންޑިއާއާ ދެކޮޅު ހަރަކާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމެރިކާގެ ކުލީ ސިފައިންގެ މީހަކަށް، އޭނާ ބޭނުންވާ ކާނާ ހޯދުމުގެ ހުއްދަ ދިއްލީގެ ކޯޓަކުން ހޯމަ ދުވަހު ދީފި އެވެ. މިއީ މިފަދަ މައްސަލައެއްގައި ކޯޓަކުން ނިންމި އާދަޔާ ހިލާފު ނިންމުމެކެވެ.
އިންސާނީ ކަރާމާތަށާއި ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އެމެރިކާގެ ރައްޔިތެއް ކަމަށްވާ މެތިއު އެރޮން ވެންޑައިކް ހުށަހެޅި މި މައްސަލައަށް ކޯޓުން ހުއްދަ ދިނުމާއެކު، ތިހާރު ޖަލުގައި ހުރެގެން އޭނާ ބޭނުންވާ ކާނާ ކެއުމާއި، ކެއްކުމަށް ބޭނުންވާ ހާއްސަ ސާމާނު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި އެމެރިކާ މީހާ އާ އެކު ޔޫކްރެއިންގެ ހަ ކުލީ ސިފައިން އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެން.އައި.އޭ) އިން ހައްޔަރުކުރީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގަ އެވެ.
ވެންޑައިކްގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ، އިންޑިއާގެ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރުދެއްގެ ކަރާމާތް ރައްކާތެރިކޮށްދޭންޖެހޭ ކަމަށާއި، އޭގެ ތެރޭގައި ޝަރުއީ ބަންދެއްގައި ހުންނަ މީހުންވެސް ހިމެނޭނެ ކަމަށެވެ. އެހެންކަމުން އެ ކަރާމާތް ދެމެހެއްޓުމަށްޓަކައި، އޭނާ އާންމުކޮށް ކައިއުޅޭ ކާނާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންޖެހޭ ކަމަށް ވަކީލުން ވަކާލާތުކުރި އެވެ.
ވަކީލުން ފާހަގަކުރި ގޮތުގައި، ޖަލުގައި ކާންދޭ "ހަވާދުގިނަ، ތެޔޮ ގިނަ އަދި ތެލުލި" ކާނާ ކެއުމަށް ވެންޑައިކަށް އުނދަގޫވުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އަދި މިހާތަނަށް އޭނާގެ ބަރުދަނުން 14 ކިލޯގްރާމް ލުއިވެފައިވާ ކަމަށްވެސް ވަކީލުން ބުންޏެވެ.
ވެންޑައިކް ވަނީ އޭނާއަށް ބޭނުންވާ ތަކެތީގެ ދިގު ލިސްޓެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކުކުޅު، އެއްގަމު މަސް، ކަނޑުމަހުގެ ބާވަތްތައް، ނޫޑްލްސް، ޕާސްތާ، ހަނޑޫ، އަލުވި، ފިޔާ، ބީންސް، މަސާލާ، މޭވާ އާއި ތަރުކާރީ، އޮލިވް އޮއިލް، ކިރު، ޕާން، ބަޓަރު އަދި ފުޅީގައި ބަންދުކުރި ފެން ހިމެނެ އެވެ. މީގެ އިތުރުން ކެއްކުމަށް ބޭނުންވާ އުނދުނަކާއި، ތަވާ އާއި، ޕްލާސްޓިކް ވަޅިއެއް ހޯދުމަށްވެސް އޭނާ އެދިފައިވެ އެވެ.
ކޯޓުން ވަނީ އެއްގަމު މަހުގެ ބާވަތްތައް ފިޔަވައި، ވެންޑައިކް އެދުނު އެހެން ހުރިހާ ތަކެއްޗެއް އޭނާއަށް ފޯރުކޮށްދިނުމުގެ ހުއްދަ ދީފައެވެ. އަދި އޭނާ ބޭނުންވާ ގޮތަށް ކާނާ ތައްޔާރުކޮށްދިނުމަށްޓަކައި ކައްކާއެއް ހަމަޖައްސައިދިނުމަށް ޖަލުގެ އިދާރާތަކަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އާންމު އުސޫލުން ތިހާރު ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންނަށް ކާންދެނީ ކަނޑައެޅިފައިވާ ވަކި މެނޫއަކަށެވެ. އަދި ބޭރުން ކާނާ ގެނައުމަކީ ނުވަތަ އަމިއްލަ ބޭނުމަށް ކާނާ ތައްޔާރުކޮށްދިނުމަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް ނޫނެވެ. މި އުސޫލަށް ބަދަލު ގެނެވެނީ ސިއްހީ ސަބަބަކާ ހުރެ ހާއްސަ ޑައިޓެއް ބޭނުންވާ ކަމަށް ޖަލުގެ ޑޮކްޓަރު ސާޓިފިކެޓް ދިނުމުންނެވެ. ބައެއް ހާއްސަ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން ގޭގައި ކައްކާ ކާނާ ގެނައުމުގެ ހުއްދަ ލިބެ އެވެ. މީގެ އިތުރުން، ވެންޑައިކަށް މަދިރިން ރައްކާތެރިވާނެ ވަސީލަތްތަކާއި އިލެކްޓްރިކް ކުރައެއް ފޯރުކޮށްދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި އެމެރިކާ މީހާ އާއި ޔޫކްރެއިންގެ މީހުން ހައްޔަރުކުރީ އިންޑިއާގެ އިރުއުތުރު ސަރަހައްދުގައި އޮންނަ، ވަނުން މަނާ ބޯޑަރު ސަރަހައްދަކަށް ދަތުރުކުރުމާ ގުޅިގެންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އެމީހުން ވަނީ ހުއްދައާ ނުލައި އަވަށްޓެރި މިޔަންމާއަށް އެތެރެވެ، އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ޑްރޯން އޮޕަރޭޓްކުރުމުގެ ތަމްރީނު ދީފަ އެވެ. މި ޖަމާއަތްތަކަކީ އިންޑިއާގެ އިރުއުތުރުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ބާޣީންނާ ގުޅުން އޮންނަ ބައެއް ކަމަށް ބެލެވެ އެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެންޑައިކަކީ ހަނގުރާމަވެރި ސަރަހައްދުތަކުގައި އަސްކަރީ ތަމްރީނު ދޭ "ސަންސް އޮފް ލިބަޓީ އިންޓަނޭޝަނަލް" ގެ ބާނީ އެވެ. މީގެ ކުރިންވެސް އޭނާ ވަނީ ދުނިޔޭގެ އެކި ހަނގުރާމަވެރި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ލީބިޔާގެ ހަނގުރާމަވެރިންނާ ގުޅިގެން އޭނާ ހަނގުރާމަކޮށްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.









