ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ
30 ޖުލައި 2026 | ބުރާސްފަތި 05:03އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ މޮޑެލް ރާއްޖެ ހިމެނޭހެން 24 ގައުމަކަށް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެ ގައުމުން ފަށައިފި. މި މަޝްރޫއުގެ ދަށުން ޔޫޕީއައި އާއި ޑިޖިލޮކަރ ފަދަ ޚިދުމަތްތައް ބޭރު ގައުމުތަކުގައި ގާއިމުކުރުމަށްޓަކައި ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައި. މީގެ ބޭނުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އިންޑިއާގެ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން.

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ބަރަމުއްލާގައި، މޭވާ ވިއްކާ މީހަކު މޭވާ ވިއްކަން އިންނައިރު، ފައިސާ ދެއްކުމަށް ބޭނުންކުރާ ޕޭޓީއެމް ޔޫޕީއައި ކިއުއާރް ކޯޑެއް އެތަނުގައި ބަހައްޓާފައިވަނިކޮށް ފެންނަ މަންޒަރެއް | ގެޓީ އިމޭޖަސް
ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ މޮޑެލް ބޭރުގެ 24 ގައުމަކަށް ފޯރުކޮށްދިނުމަށް އެ ގައުމުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ. މިއީ ހަމައެކަނި އެއްބާރުލުން ދިނުމުގެ ވައުދުތަކަކުން ފުއްދާލުމުގެ ބަދަލުގައި، އަމަލީ މަސައްކަތްތަކަކަށް ބަދަލުކުރުމުގެ ފެށުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން ކެންޔާ އާއި ކިއުބާގައި "ޑިޖިލޮކަރ" (DigiLocker) ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މީގެ އިތުރުން، އިންޑިއާގެ ޔޫޕީއައި (UPI) މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ބޭރުގެ 10 މާކެޓަކަށް ފުޅާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި އީ-ސަންޖީވަނީ، އީ-އޮފީސް އަދި އީ-ހޮސްޕިޓަލް ފަދަ ޕްލެޓްފޯމްތައް ބޭނުންކުރުމާ ގުޅޭގޮތުން ލާއޯސް، ސީޝެލްސް، ވެނެޒުއޭލާ، އަރްމީނިއާ، ފިޖީ، ގުޔާނާ އަދި ކޮލަމްބިއާއާއެކު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.
އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ބުދަ ދުވަހު ލޮކް ސަބާގައި ހާމަކުރި ގޮތުގައި، ކެންޔާގައި ޑިޖިލޮކަރ ނިޒާމު ގާއިމުކުރުމަށްޓަކައި އެ ގައުމާއެކު "އިމްޕްލިމެންޓޭޝަން ފްރޭމްވޯކް" އެއްބަސްވުމަކާއި، ސިއްރުތައް ހިފެހެއްޓުމުގެ "ނޮން-ޑިސްކްލޯޝަރ" އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި ކިއުބާގައި ޑިޖިލޮކަރގެ އަސާސީ ޕްލެޓްފޯމެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. މި އެއްބަސްވުންތަކުގެ ދަށުން ގާބިލުކަން އިތުރުކުރުމާއި، ފަންނީ މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމާއި، މާހިރުންގެ ލަފާ ހޯދުމާއި، ގުޅިގެން ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، ފީޒިބިލިޓީ ސްޓަޑީޒް ނުވަތަ ދިރާސާތަކާއި ޕައިލެޓް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއާއެކު މި މަސައްކަތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ކެންޔާ، ކިއުބާ، ކޮލަމްބިއާ، ސްްރީލަންކާ، ބްރެޒިލް، ދިވެހިރާއްޖެ، މޮންގޯލިއާ، ސީޝެލްސް، އަރްމީނިއާ، ފިޖީ، ވެނެޒުއޭލާ، އިތިއޯޕިއާ އަދި ޓެންޒޭނިއާ ހިމެނެ އެވެ. ބޭރު ގައުމުތަކަށް މި ނިޒާމުތައް ފޯރުކޮށްދިނުމުގެ ބޭނުމަކީ، އިންޑިއާގެ އައިޑެންޓިޓީ، ޕޭމަންޓް އަދި ޚިދުމަތްތައް ފޯރުކޮށްދޭ ޕްލެޓްފޯމްތަކުގެ މައްޗަށް އެކުލެވޭ "އިންޑިއާ ސްޓެކް" (India Stack) އަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް، ޚާއްސަކޮށް ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް ބޭނުންތެރި ތަރައްގީގެ ވަސީލަތެއްގެ ގޮތުގައި ކުރިއެރުވުން ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއިން ވަނީ ކިއުބާގެ ވަފުދަކަށް ޑިޖިލޮކަރ ފަދަ ޑިޖިލްޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރއާ ގުޅޭ ޚާއްސަ ތަމްރީނު ކޯހެއް ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ކެންޔާ، ރުވާންޑާ، ނޭޕާލް، އިންޑޮނޭޝިއާ އަދި ދެކުނު އެފްރިކާގެ ވަފުދުތަކުން ވަނީ އިންޑިއާގެ ޔޫއައިޑީއޭއައި (UIDAI) އާއި އެންޕީސީއައި (NPCI) ފަދަ މުއައްސަސާތަކާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވާފަ އެވެ. މިހާރު ވެސް ބޫޓާން، ފްރާންސް، މޮރިޝަސް، ނޭޕާލް، ގަތަރު، ސިންގަޕޫރު، ސްްރީލަންކާ، ޔޫއޭއީ އަދި ކެމްބޯޑިއާގައި ޔޫޕީއައި މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އަދި ސިންގަޕޫރު، ނޭޕާލް އަދި ގްރީސްއާއެކު އެކަކު އަނެކަކަށް ސީދާ ފައިސާ ފޮނުވޭނެ (ޕާސަން-ޓު-ޕާސަން) ނިޒާމު ވެސް ވަނީ ގާއިމުކޮށްފަ އެވެ. އެންމެ ފަހުގެ ކުރިއެރުންތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ޖޫން މަހު ކެމްބޯޑިއާގައި ޔޫޕީއައި މެދުވެރިކޮށް ފައިސާ ދެއްކުމުގެ ޚިދުމަތް ފަށާފައިވާއިރު، ގްރީސްއާއެކު ގާއިމުކުރި ފައިސާ ފޮނުވުމުގެ ނިޒާމު ވެސް ދާދި ފަހުން ވަނީ އަމަލީގޮތުން ބޭނުންކުރަން ފަށާފަ އެވެ.










