އިންޑިއާގެ ފުރަތަމަ ޑެންގީ ވެކްސިނަށް ހުއްދަ ދީފި
އުމުރުން 4 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ދެވޭ މި ވެކްސިނަކީ ކުރިން ބަލިޖެހިފައިވޭތޯ ބެލުމަށް ޓެސްޓުކުރަން ނުޖެހޭ، ޑެންގީގެ ހަތަރު ބާވަތުންވެސް ރައްކާތެރިކޮށްދޭ ވެކްސިނެއް. ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ދެ ޑޯޒް ފުރިހަމަކުރަންޖެހޭ މި ވެކްސިނަށް ހުއްދަ ދިނުމަކީ އިންޑިއާގައި ޑެންގީ ކޮންޓްރޯލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

ސްރީލަންކާގެ ނިގަމްބޯ ސިޓީގެ ޑިސްޓްރިކްޓް ޖެނެރަލް ހޮސްޕިޓަލުގައި ޑެންގީ ހުމަށް ފަރުވާ ހޯދަމުންދާ ބަލިމީހުން. | ގެޓީ އިމޭޖަސް
އިންޑިއާގައި ބޭނުންކުރުމަށް އެ ގައުމުގެ ފުރަތަމަ ޑެންގީ ވެކްސިން، ޑްރަގް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑީ.ސީ.ޖީ.އައި) އިން ހުއްދަ ދީފި އެވެ. "ކިއުޑެންގާ" (QDENGA) ގެ ނަމުން ނަންދީފައިވާ މި ވެކްސިން އުފައްދާފައިވަނީ ޓަކޭޑާ ބަޔޯފާމަސޫޓިކަލްސް އިންޑިއާ ކުންފުނިންނެވެ.
މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އުމުރުން 4 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި މީގެ ކުރިން ޑެންގީ ހުން ޖެހިފައިވާ މީހުންނާއި، ބަލި ނުޖެހޭ މީހުންނަށް ވެސް މި ވެކްސިން ދެވިދާނެ އެވެ.
މީގެ ކުރިން އުފައްދާފައިވާ ބައެއް ޑެންގީ ވެކްސިންތަކާ ޚިލާފަށް، "ކިއުޑެންގާ" ވެކްސިން ޖެހުމުގެ ކުރިން އެމީހަކަށް ކުރިން ޑެންގީ ޖެހިފައިވޭތޯ ބެލުމަށް އެއްވެސް ޓެސްޓެއް ނުވަތަ ސްކްރީނިންގްއެއް ހަދާކަށް ނުޖެހެ އެވެ. މީގެ ސަބަބުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ފަސޭހަކަމާއެކު ވެކްސިން ލިބިގަނެވޭނެ އެވެ.
ޓަކޭޑާ ކުންފުނިން ބުނި ގޮތުގައި، ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކަށް ޖެހޭ މަދިރީގެ ޒަރީއާއިން ފެތުރޭ މި ބައްޔާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތުގައި މި ހުއްދައަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
"2022 ވަނަ އަހަރު މި ވެކްސިން ތައާރަފުކުރި ފަހުން، ދުނިޔޭގެ 43 ގައުމެއްގައި 'ކިއުޑެންގާ' ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައި. އަދި މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް 32 މިލިއަނަށްވުރެ ގިނަ ޑޯޒް ވަނީ ފޯރުކޮށްދީފައި. އިންޑިއާގައި މި ވެކްސިން ބޭނުންކުރުމަށް ދިން ހުއްދައަކީ އެ ގައުމުގައި ޑެންގީން ރައްކާތެރިވުމަށް ކުރާ މަސައްކަތް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ޓަކޭޑާގެ އިންޓަރކޮންޓިނެންޓަލް މާކެޓްސްގެ ހެޑް މަހެންދަރ ނަޔަކް ވިދާޅުވި އެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، ހަތް އަހަރު ދުވަހުގެ މުއްދަތަށް އެއްކޮށްފައިވާ ދިގުމުއްދަތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑެންގީ ވައިރަހުގެ ހަތަރު ބާވަތުން (ސެރޯޓައިޕްސް) ޖެހޭ ބަލިންނާއި، ބަލިޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތްތަކުން މި ވެކްސިން ދިގުމުއްދަތަކަށް ރައްކާތެރިކަން ފޯރުކޮށްދެ އެވެ.
އިންޑިއާއިން މި ވެކްސިނަށް ހުއްދަ ދީފައިވަނީ ޓަކޭޑާގެ ބައިނަލްއަގުވާމީ ކްލިނިކަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ހޯދުންތަކަށް ބިނާކޮށެވެ. މި ޕްރޮގްރާމްގެ ދަށުން ފޭސް 1، 2 އަދި 3 ގެ 19 ކްލިނިކަލް ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވާއިރު، ޑެންގީ އާންމުކޮށް ފެތުރޭ ގައުމުތަކާއި އެ ނޫން ސަރަހައްދުތަކުން 28،000 އަށްވުރެ ގިނަ މީހުން މި ދިރާސާތަކުގައި ބައިވެރިވި އެވެ.
މީގެ އިތުރުން، އިންޑިއާގައި ކުރިއަށް ގެންދިޔަ ފޭސް 3 ގެ "DEN-302" ކްލިނިކަލް ޓްރަޔަލްގެ ނަތީޖާތަކަށް ވެސް މި ނިންމުމުގައި ރިއާޔަތްކޮށްފައިވެ އެވެ. މި ދިރާސާގައި ބަލާފައިވަނީ އުމުރުން 4 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ހަށިގަނޑުގައި މި ވެކްސިންގެ ސަބަބުން އުފެދޭ ރައްކާތެރިކަމާއި އޭގެ ރައްކާތެރިކަމުގެ މިންވަރަށެވެ.
"ކިއުޑެންގާ" ވެކްސިން ދޭންޖެހެނީ 0.5 މިލިލީޓަރުގެ ދެ އިންޖެކްޝަނުގެ ގޮތުގައެވެ. މި ދެ ޑޯޒް ޖަހަންޖެހެނީ ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، ހަމުގެ ދަށަށެވެ.
ޓަކޭޑާ ކުންފުނިން ފާހަގަކުރި ގޮތުގައި، އިންޑިއާއަކީ ދުނިޔޭގައި ޑެންގީގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެވެ. އަދި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ޑެންގީ ވައިރަހުގެ ހަތަރު ބާވަތްވެސް އެއްފަހަރާ ފެތުރެމުންދާކަން އެ ކުންފުނިން ފާހަގަކުރި އެވެ.
"ކިއުޑެންގާ ފަރުމާކޮށްފައިވަނީ ކުރިން ބަލިޖެހިފައިވީ ނަމަވެސް ނުވަތަ ނޫން ނަމަވެސް، ޑެންގީގެ ހަތަރު ބާވަތުންވެސް ރައްކާތެރިކޮށްދޭ ގޮތަށް. މަދިރި ކޮންޓްރޯލްކުރުމާއި، ބަލި ފެތުރޭ މިންވަރު ބެލުމާއި، އާންމުން ހޭލުންތެރިކުރުވުން ފަދަ ސިއްހީ ފިޔަވަޅުތަކާއެކު، މި ވެކްސިނަށް ހުއްދަ ލިބުމަކީ އިންޑިއާގައި ޑެންގީން ރައްކާތެރިވުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެއް،" ޓަކޭޑާގެ ސައުތު އީސްޓް އޭޝިއާ އެންޑް އިންޑިއާ ކްލަސްޓަރގެ މެޑިކަލް އެފެއާޒް ހެޑް ގޯ ޗޫ ބެންގް ވިދާޅުވި އެވެ.
އެ ކުންފުނިން އިތުރަށް ބުނި ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވެސް ވަނީ ޑެންގީ އާންމުކޮށް ފެތުރޭ ސަރަހައްދުތަކުގައި "ކިއުޑެންގާ" ބޭނުންކުރުމަށް ލަފާދީފަ އެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ސްކްރީން ކުރަން ނުޖެހޭ ގޮތަށް، ބަލި ފެތުރޭ މިންވަރު މަތި ސަރަހައްދުތަކުގެ ގައުމީ ވެކްސިން ޕްރޮގްރާމްތަކުގައި މި ވެކްސިން ހިމެނުމަށް އެ ޖަމްއިއްޔާއިން ތާއީދުކުރެ އެވެ.
"ކިއުޑެންގާ" އަށް ޑަބްލިއު.އެޗް.އޯގެ ޕްރީކޮލިފިކޭޝަން ވެސް ވަނީ ލިބިފަ އެވެ. މިއީ މި ވެކްސިންގެ ފެންވަރާއި، ރައްކާތެރިކަމާއި، ނަތީޖާ ނެރެދޭ މިންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކޮށްދޭ ހެއްކެކެވެ. މީގެ ސަބަބުން ޔުނިސެފް (UNICEF) އަދި ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (PAHO) ފަދަ ބައިނަލްއަގުވާމީ އިދާރާތަކަށް މި ވެކްސިން ގަނެގެން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެ އެވެ.
ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔަކަށްވާއިރު، ދުނިޔޭގެ 125 އަށްވުރެ ގިނަ ގައުމުން މި ބަލި ރިޕޯޓްކުރެ އެވެ. ޓަކޭޑާ ކުންފުނިން ބުނާ ގޮތުގައި، ދުނިޔޭގައި ޑެންގީ ޖެހޭ މީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ އިންޑިއާ އެވެ. ހަލުވިކަމާއެކު ރަށްފުށުގެ ސަރަހައްދުތައް ސިޓީތަކަށް ބަދަލުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަދިރި އާލާވާ ތަންތަން އިތުރުވުމުގެ ސަބަބުން އިންޑިއާގައި މި ބަލީގެ ނުރައްކާ ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
މަސްދަރު: ޓައިމްސް އޮފް އިންޑިއާ









