އިންޑިއާގެ ކޮކްރޯޯޗް ޕާޓީގެ އެތައްހާސް ސަޕޯޓަރުން އެ ގައުމުގެ ތަޢުލީމީ ނިޒާމު އިޞްލާހުކުރުމަށް ގޮވާލައި ޕާލަމެންޓާ ދިމާލަށް
އިންޑިއާގެ ތަޢުލީމީ ނިޒާމަށް އިޞްލާޙު ގެނައުމަށް ގޮވާލައި "ސީ.ޖޭ.ޕީ" އިން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން، ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުރި އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދިޔުމާ ގުޅިގެން މަސްރަޙު ވަނީ ހޫނުވެފައި. ފުލުހުންގެ ހުއްދަ ނެތް ނަމަވެސް އެ ޖަމާޢަތުން ޕާލަމެންޓާ ދިމާލަށް ހިނގާލުމެއް ކުރިއަށް ގެންދާއިރު، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައި.
އިންޑިއާގެ ޕާލަމެންޓާ ދިމާލަށް ދިއުމަށްޓަކައި ޖަހާފައި ހުރި ބެރިކޭޑްތައް ފަޅާލައި، ކުރިއަށް ދާން މަސައްކަތްކުރި ކޮކްރޯޗް ޖަނަތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ އެތައް ހާސް މުޒާހަރާވެރިން ދުރުކުރުމަށް، ސަލާމަތީ ބާރުތަކުން ކަރުނަގޭސް ޖަހަނީ. | އެކްސް
އިންޑިއާގެ ތަޢުލީމީ ނިޒާމަށް އިޞްލާޙު ގެނައުމަށް ގޮވާލައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) އިން ކުރިއަށްގެންދާ އިޙްތިޖާޖުގެ ތެރެއިން، އެ ޤައުމުގެ ޕާލަމެންޓާ ދިމާލަށް އެތައް ހާސް ބަޔަކު ހިނގާލުމެއް ބާއްވަން ފަށައިފި އެވެ.
މި އިޙްތިޖާޖު ކުރިއަށްދާ ސަރަޙައްދު މުޒާހަރާގެ ބައިވެރިންނާއެކު ފުރިފައިވާއިރު، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނާއި ޕެރާމިލިޓަރީ ފޯސްގެ އެތައް ސަތޭކަ މުވައްޒަފުންނެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އިޙްތިޖާޖު ކުރިއަށްދާ ސަރަޙައްދު މުޒާހަރާގެ ބައިވެރިންނާއެކު ފުރިފައިވާއިރު، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުން
ސީ.ޖޭ.ޕީ އަށް ތާއީދުކޮށް، ތަޢުލީމީ ދާއިރާގެ އިޞްލާޙަށް ގޮވާލައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ އެކްޓިވިސްޓް އަދި ތަޢުލީމީ ދާއިރާގެ މާހިރު ސޯނަމް ވަންގްޗުކް، ހޮނިހިރު ދުވަހު ފުލުހުންގެ ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދިޔުމާ ގުޅިގެން މަސްރަޙު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނަތާ 21 ދުވަސް ވަނީ ވެފައެވެ.
މި ހިނގާލުން ބޭއްވުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް ދިއްލީ ފުލުހުން ބުނި ނަމަވެސް، ސީ.ޖޭ.ޕީގެ ލީޑަރުން ބުނަމުންދަނީ ހުއްދަ ނެތް ކަމުގައިވިޔަސް ހިނގާލުން ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮކްރޯޗް ޖަންތާ ޕާޓީ (ސީ.ޖޭ.ޕީ) ގެ ނަމުގައި "ޕާޓީ" އޮތް ނަމަވެސް، މިއީ ސިޔާސީ ޕާޓީއެއް ނޫނެވެ. މި ހަރަކާތަކީ ފުރަތަމަ މަލާމާތުގެ ގޮތުގައި ފެށި ކެމްޕޭނެއް ނަމަވެސް، މިހާރު މި ހަރަކާތަށް ވަނީ އާންމުންގެ ބޮޑު ތާއީދެއް ލިބިފައެވެ.
މި ހަރަކާތަށް "ކޮކްރޯޗް" ނުވަތަ ކުރަފި ނަން ދީފައިވަނީ، އިންޑިއާގެ އިސް ފަނޑިޔާރަކު ޒުވާނުން ސިފަކުރުމަށް އެ ލަފުޒު ބޭނުންކުރުމާ ގުޅިގެންނެވެ. އެއަށްފަހު އެ ނަން ވަނީ ޒުވާނުންގެ ސާބިތުކަމާއި ހިތްވަރު ރަމްޒުކޮށްދޭ ނިޝާނަކަށް ބަދަލުވެފައެވެ.










