އާސާރީ އިލްމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަންނަނީ
9 އޯގަސްޓު 2026 | އާދީއްތަ 18:27ހުޅަނގު އައްސޭރީގެ އާސާރީ ބިންތައް ހިމާޔަތްކުރުމުގެ ނަމުގައި އިސްރާއީލުން ފަލަސްތީނުގެ ދަނޑުބިންތައް އަތުލަމުންދާތީ އާންމުންނާއި ބައިނަލްއަގުވާމީ އިދާރާތަކުން ކަންބޮޑުވުން ވަނީ ފާޅުކޮށްފައި. މި މަޝްރޫއުތަކަކީ އާސާރީ އިލްމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ހިންގާ އަމަލުތަކެއް ކަމަށް ތަޖުރިބާކަރުން ތުހުމަތުކުރޭ. އެހެންކަމުން ޔުނެސްކޯއިން މިހާރު ވަނީ މި ސަރަހައްދުތަކަކީ ނެތިދިއުމުގެ ބިރު އޮތް ދުނިޔޭގެ ތަރިކައިގެ ބިމެއްގެ ގޮތުގައި ކަނޑައަޅާފައި. އިސްރާއީލުން ބުނަނީ އެ ނިންމުން ބަލައިނުގަންނާނެ ކަމަށް

ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައި، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ސަބަސްތިއާ ހިމެނުމަށް ޖުލައި މަހުގެ 25 ވަނަ ދުވަހު އެ ޖަމިއްޔާއިން ވަނީ ނިންމާފައި | ބީބީސީ
ހިފާފައިވާ ހުޅަނގު އައްސޭރިގެ ސަބަސްތިއާގައި ހުންނަ ރޫމީންގެ ޒަމާނުގެ އާސާރީ ތަނބުތަކުގެ މަތީގައިވާ ފަރުބަދަމަތީ ސަރަހައްދުތަކަކީ، ފަލަސްތީނުގެ އާއިލާތަކުން ޒަމާނުއްސުރެ ޒައިތޫނި ހައްދަމުން އަންނަ ދަނޑުބިންތަކެކެވެ.
އެ ބިންތަކުގެ ވެރިއެއް ކަމަށްވާ އަބޫ މުދީފް ބުނާ ގޮތުގައި، އޭނާގެ ބިން ހިމެނޭހެން ގާތްގަނޑަކަށް 450 އޭކަރުގެ ބޮޑު ސަރަހައްދެއް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންދާކަމުގެ ނޯޓިސް މިހާރު ވަނީ ލިބިފަ އެވެ. އިސްރާއީލުން ބުނަނީ މިއީ އާސާރީ ސަރަހައްދު ހިމާޔަތްކޮށް، އާ ގައުމީ ޕާކެއް ތަރައްގީކުރުމަށް ކުރާ ކަމެއް ކަމަށެވެ.
އާންމު އުސޫލެއްގެ ގޮތުން، މިފަދަ ގޮތަކަށް ފަލަސްތީނު މީހުންގެ އަތުން އަތުލާ ބިންތަކަށް އިސްރާއީލުން އެއްވެސް ބަދަލެއް ނުދެ އެވެ. އަދި ބަދަލެއް ދޭން ހުށަހެޅި ނަމަވެސް، ގިނަ މީހުން އެއަށް އިންކާރު ކުރެ އެވެ. އެއީ އެ ފައިސާގައި ހިފުމަކީ އެމީހުންގެ ކާބަފައިންގެ ތަރިކަ ގެއްލިގެންދިއުން ގަބޫލުކޮށް، އެކަމަށް ގާނޫނީ ސިފައެއް ދިނުން ކަމަށް އެމީހުން ދެކޭތީ އެވެ.
އަބޫ މުދީފަށް މިއީ އޭނާގެ އާމްދަނީ ލިބޭ މަގު ބަންދުވުން އެކަންޏެއް ނޫނެވެ. އޭނާގެ އިހުސާސްތައް މިއަށްވުރެ މާ ފުންވެފައި މާ ބޮޑެވެ. "މިކަން ސިފަކޮށްދޭން ބުނާނަމަ، އެންމެ ގާތްކުރާ ސިފަކުރުމަކީ މިއީ އަމިއްލަ ހަށިގަނޑުން ފުރާނަ ދަމައިގަތުން ކަހަލަ ކަމެކެވެ. އަހަރެންގެ ބިމާ ނުލައި އުޅޭނެ ގޮތެއް އަހަރެންގެ ޚިޔާލަކަށްވެސް ނާދެ އެވެ،" އޭނާ ބީބީސީ އަށް ކިޔައިދިނެވެ.
ނާހިދު ސަޚާ އަކީ އެ ސަރަހައްދުގައި ރެސްޓޯރަންޓެއް ހިންގާ މީހެކެވެ. އޭނާގެ ރެސްޓޯރަންޓް ތަޅާލުމުގެ ބިރުވެސް މިހާރު ވަނީ ކުރިމަތިވެފަ އެވެ.
އޭނާ ބުނާ ގޮތުގައި އިސްރާއީލުގެ ރޭވުމަކީ ފަލަސްތީނުގެ ރައްޔިތުން އެ އާސާރީ ބިމާ ދުރުކޮށް އެކަހެރިކުރުމެވެ. އެތައް ހާސް އަހަރެއްވީ އެ ސަރަހައްދަކީ ޔަހޫދީންގެ ތާރީޚާ ގުޅުންހުރި ބައިތަކުގެ އިތުރުން، ރޫމީންނާއި، ސަލީބީންނާއި އުސްމާނީ ދައުލަތުގެ ތާރީޚީ ނިޝާންތައް ފެންނަން ހުރި ތަނެކެވެ. "އާސާރީ ތަންތަން ކޮނުމާއި މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. ބިންތަކުގެ ވެރިންނަށް އަންގާފައިވަނީ އެއްވެސް މީހަކަށް އެ ބިންތައް ބޭނުންކުރުމުގެ ނުވަތަ ދަނޑުވެރިކަން ކުރުމުގެ ހުއްދައެއް ދެން ނޯންނާނެ ކަމަށް،" ނާހިދު ބުންޏެވެ.

ނަބީ ޔަޙްޔާ މިސްކިތަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ސަރަހައްދެއްގެ ބައެއް | ބީބީސީ
ސަބަސްތިއާ އަވަށުގެ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް ބާރުދީ، އދ. ގެ ސަގާފަތާއި ތައުލީމާ ބެހޭ އިދާރާ، ޔުނެސްކޯއިން މިހާރު ވަނީ އެ ސަރަހައްދަކީ ދުނިޔޭގެ ތަރިކައިގެ ބިމެއްގެ ގޮތުގައި ކަނޑައަޅައި، ނެތިދިއުމުގެ ބިރު އޮތް ތަންތަނުގެ ލިސްޓުގައި ހިމަނާފަ އެވެ.
ޔުނެސްކޯއިން ބުނާ ގޮތުގައި އެ ސަރަހައްދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިސްރާއީލުން އެ ބިންތައް އަތުލައި، 'ސަމާރިއާ' ނަމުގައި ގައުމީ ޕާކެއް ހެދުމަށް ރާވާފައިވާ ރޭވުމެވެ. މީގެ ސަބަބުން އެ އާސާރީ ބިން އެކި ބައިބަޔަށް ބެހިގެންދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ސަބަސްތިއާ އަށް ވަންނަ ދޮރުމަތީގައި އޮންނަ ޕާކިން ސަރަހައްދާއި އާސާރީ ބިނާތަކާ ދެމެދު އޮތް މަގުމަތީގައި ހުރެ، އަވަށުގެ މޭޔަރު މުހައްމަދު އާޒިމް ބަލައިލީ އާސާރީ ތަންތަނުގެ ތެރެއަށް އުކާލާފައި ހުރި ކުނިތަކަށެވެ.
އޭނާ ބުނި ގޮތުގައި އެ ސަރަހައްދު ސާފުކުރަން ދިއުމަށްވެސް މިހާރު ރައްޔިތުން ޖެހިލުންވެ އެވެ. އެއީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ނުވަތަ އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލު މީހުންގެ ފަރާތުން ކުރިމަތިވެދާނެ އުނދަގުލަކަށް ބިރުންނެވެ.
އޭނާ ހުރި މަގަކީ ހުޅަނގު އައްސޭރީގެ 'އޭރިއާ ބީ' (ފަލަސްތީނުގެ މަދަނީ ކޮންޓްރޯލާއި އިސްރާއީލުގެ ސަލާމަތީ ކޮންޓްރޯލް އޮންނަ ސަރަހައްދު) އާއި 'އޭރިއާ ސީ' (އިސްރާއީލުގެ ފުރިހަމަ ބާރު އޮންނަ ސަރަހައްދު) ވަކިކޮށްދޭ ރޮނގެވެ.
ވޭތުވެދިޔަ ހަފުތާގައި އިސްރާއީލުން ވަނީ ހުޅަނގު އައްސޭރީގެ އާސާރީ ބިންތަކުގެ މައްޗަށް އޮތް ބާރުގަދަކުރުމަށް ގާތްގަނޑަކަށް 113 މިލިއަން ޝެކެލް (27.8 މިލިއަން ޕައުންޑް) ކަނޑައަޅާފަ އެވެ. މީގެ ތެރޭގައި ފަލަސްތީނުގެ އިދާރާގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތަކުގެ ބައެއް މަޝްރޫއުތައްވެސް ހިމެނެ އެވެ.
އާސާރީ ތަރިކަތަކަކީ ހުރިހާ މުޖުތަމައުތަކަކަށް ނިސްބަތްވާ އެއްޗަކަށް ހެދުމަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމާއަތެއް ކަމަށްވާ 'އެމެކް ޝާވޭ' ގެ އިސްވެރިޔާ އެލޮން އަރާޑް ބުނީ، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ސަބަސްތިއާގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.
"ހަގީގަތަކީ މިތަނުގެ މިލްކުވެރިއަކީ އިސްރާއީލެއް ނޫން. މިއީ ފަލަސްތީނުގެ ތަރިކައެއް. މިއީ ރަނގަޅު ގޮތުގައި ތަރައްގީކުރަން ބޭނުންނަމަ، އެކަން ކުރަންޖެހޭނީ އެތަނުގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން، އެމީހުންނަށްވެސް އޭގެ ފައިދާ ލިބޭނެ ގޮތަކަށް،" އެލޮން ބުންޏެވެ.
އިސްރާއީލުގެ ރޭވުމުގައިވަނީ ސަބަސްތިއާއަށް ވަންނަ ދޮރު، މިހާރު ހުރި އަވަށާއި ފިހާރަތަކާ ދުރުގައި އޮތް އަނެއް ފަރާތަށް ބަދަލުކުރުމަށެވެ.
ފަލަސްތީނުގެ ޓޫރިޒަމް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީން އުންމީދު ކުރަނީ، ޔުނެސްކޯގެ މި ނިންމުމުގެ ސަބަބުން އިސްރާއީލުން ބިންތައް އަތުލުމާ ދެކޮޅަށް ބައިނަލްއަގުވާމީ އެހީތެރިކަން ލިބޭނެ ކަމަށެވެ.
ނަމަވެސް އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ވަނީ ޔުނެސްކޯގެ މި ނިންމުމަކީ ހުޅަނގު އައްސޭރިއާއި ޔަހޫދީންގެ ތާރީޚީ ގުޅުން ކަނޑުވާލުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"ބައިނަލްއަގުވާމީ ޖަމާއަތަކުން ނަގާ ވޯޓަކުން ތާރީޚެއް ބަދަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހުޅަނގު އައްސޭރީގެ ދެކުނުން، ގުދުސް ފެންނަ ހިސާބުގައި އޮންނަ ހެރޯޑިއަމް އަކީ ކްރިސްޓިއަން ދީނުގެ ކުރިން ޖޫޑިއާގެ ރަސްގެފާނު ހެރޮޑް ބިނާކުރެއްވި ގަނޑުވަރެއް ހުންނަ އާސާރީ ފަރުބަދައެކެވެ.
މި ފަހުން އިސްރާއީލުން ވަނީ އެ ސަރަހައްދުންވެސް ގާތްގަނޑަކަށް 80 އޭކަރުގެ ބިން އަތުލަން ފަށާފަ އެވެ. އިސްރާއީލުން ބުނަނީ މިއީ އެތަން "ރައްކާތެރިކޮށް ތަރައްގީކުރުމަށް" ކުރާ ކަމެއް ކަމަށެވެ.
އިސްރާއީލުން ބިންތަކަށް ވެރިވެގަންނަ ގޮތް މޮނިޓަރުކުރާ ޖަމާއަތެއް ކަމަށްވާ 'ޕީސް ނައު' އިން ބުނާ ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިސްރާއީލުގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާ އެއްގޮތަށް، ހަމައެކަނި އިސްރާއީލުގެ ރައްޔިތުންގެ ފައިދާއަށް ނުވަތަ ވަޒަންވެރިކުރުވުމުގެ ބޭނުމުގައި ބިން އަތުލުމަކީ މަނާ ކަމެކެވެ.
"އެހެންކަމުން، މި ބިން އަތުލުމަކީ ގާނޫނީ ކަމެއްގެ ގޮތުގައި ދެއްކުމަށްޓަކައި، މިއީ ފަލަސްތީނު މީހުންނާއި އިސްރާއީލު މީހުންނަށްވެސް ބޭނުންކުރެވޭނެ ތަނެއް ކަމަށް ދައުލަތުން ބުނާނެ އެވެ. ނަމަވެސް ހަގީގަތަކީ މީގެ އަސްލު ބޭނުމަކީ އިސްރާއީލުގެ ބާރުގެ ދަށަށް އެ ސަރަހައްދު ގެނެސް، ވަޒަންވެރިކުރުވުން ފުޅާކުރުމެވެ،" އެ ޖަމާއަތުން ބުންޏެވެ.
ހެރޯޑިއަމް ކޮނުމުގެ މަސައްކަތުގައި އުޅުނު އަދި އެތަނުގެ ތާރީޚަށް ލޯބިކުރާ ގައިޑެއް ކަމަށްވާ ޝްމުއެލް ބްރައުންސް ދެކޭ ގޮތުގައި، ތާރީޚީ އަދި ދީނީ ގޮތުން މުހިންމު މިފަދަ ތަންތަން ބެލެހެއްޓުމަކީ އިސްރާއީލުގެ އާސާރީ މާހިރުންނާއި އޮފިޝަލުން ކުރަންޖެހޭ މުހިންމު ކަމެކެވެ.
"މި ބިމުގެ އާސާރީ ތަރިކައާއި، ތާރީޚީ ތަކެތި ބެލެހެއްޓުމަކީ އިސްރާއީލުގެ ޒިންމާއެއް ކަމަށް އަހަރެމެން ދެކެން،" އޭނާ ބުންޏެވެ.
އެހެންނަމަވެސް، އިސްރާއީލުގެ މިހާރުގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ކަނާތު ފިޔައިގެ މެންބަރުން ބޭނުންވަނީ މިއަށްވުރެ މާ ދުރަށް ދާށެވެ.
މި އަހަރުގެ ކުރީކޮޅު ހުށަހެޅި އާ ގާނޫނެއްގެ ދަށުން، އާސާރީ ބިންތައް ބެލެހެއްޓުމުގެ ބާރު އަސްކަރީ އިދާރާގެ ދަށުން ހިންގާ 'ސިވިލް އެޑްމިނިސްޓްރޭޝަން' ގެ އަތުން އަތުލައި، އިސްރާއީލުގެ ހެރިޓޭޖް މިނިސްޓްރީއަށް ބަދަލުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ސަބަބުން މުޅި ހުޅަނގު އައްސޭރީގެ ބިންތައް އާސާރީ ކަންކަމުގެ ނަމުގައި އަތުލުމުގެ ފުރިހަމަ ބާރު އެ މިނިސްޓްރީއަށް ލިބޭނެ އެވެ.
މި ބިލް މެއި މަހު ފުރަތަމަ ކިޔުމުން ފާސްވި ނަމަވެސް، އިންތިޚާބު ކައިރިވަމުން އަންނާތީ މިހާރު ވަނީ މަޑުޖެހިފަ އެވެ. އަދި ދެން މި ބިލް ފެންމަތިނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަނބުރާ ސަބަސްތިއާއަށް ބަލާއިރު، އިސްރާއީލުގެ އެކްޓިވިސްޓް އެލޮން އަރާޑް ބުނަނީ މިފަދަ ބިލެއް ހުށަހެޅުމުންވެސް އެނގެނީ ހުޅަނގު އައްސޭރީގައި އާސާރީ އިލްމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ މިންވަރު ކަމަށެވެ.
"މިކަން ހިނގާ ގޮތަކީ މިއީ. އާސާރީ ކަންކަން ބޭނުންކޮށްގެން ތާރީޚު އަލުން ލިޔެ، ވަކި ކަހަލަ ވާހަކަތަކެއް ފަތުރަނީ. އަދި ހަމައެއާއެކު، ފަލަސްތީނުގެ ބިންތައް އިސްރާއީލަށް ބަދަލުކުރުމަށްވެސް އާސާރީ ކަންކަން ބޭނުންކުރަނީ،" އޭނާ އިންޒާރު ދިނެވެ.
ސަބަސްތިއާގެ ރައްޔިތުންގެ މެދުގައި މިހާރު އޮތް ބިރަކީ، އެމީހުންގެ ކާބަފައިންގެ ޒަމާނުއްސުރެ އެ އާސާރީ ބިނާތަކާ އޮތް ގާތް ގުޅުން މުޅިން ކެނޑިގެން ގޮސްފާނެ ކަމުގެ ބިރެވެ.
މަސްދަރު: ބީބީސީ









