ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި
24 ޖުލައި 2026 | ހުކުރު 13:57ހުޅަނގު އައްސޭރީގެ ނާބްލަސްގައި ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލު ސިފައިން ގުޅިގެން ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި. މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދު ބަންދުކޮށް ސިއްހީ އެހީތެރިކަމަށް ހުރަސްއަޅަމުންދާއިރު، ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ ރާވައިގެން ހިންގާ ގަތުލުއާންމެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލަސްގައި ހުންނަ ހޮސްޕިޓަލެއްގެ ބޭރުގައި، ހުކުރު ދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ ހަތަރު މީހުންގެ ތެރެއިން އެކެއްގެ އާއިލާގެ މެންބަރުން ހިތާމަފާފާޅުކުރަނީ | އޭއެފްޕީ
އިސްރާއީލުގެ ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލަސްގެ ހުޅަނގު ދެކުނުގައި އޮންނަ ރަށަކަށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަލް ނަމަކަށް ކިޔާ މި ރަށަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އިސްރާއީލުގެ ސިއްހީ އޮފިޝަލުން ވަކިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގައި ހިނގި ހަމަލާތަކުގައި އިސްރާއީލުގެ ވަޒަންވެރިއަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.
ލޯކަލް އަދި ސަލާމަތީ މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލުން ގަވާއިދާ ހިލާފަށް ހަދާފައިވާ "ހަވަތު ގިލާޑް" އާބާދީއާ ކައިރީގައި އޮންނަ ތަލް ރަށަށް އިސްރާއީލުގެ ވަޒަންވެރިން ހަމަލާދޭން ފެށީ ހުކުރު ދުވަހުގެ ކުރީކޮޅުގަ އެވެ. ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދިފާއުކުރުމަށް މަސައްކަތް ކުރުމުން، ޔަހޫދީ ވަޒަންވެރިން ވަނީ ބަޑިން ހަމަލާދީފަ އެވެ.
ތަލް ރަށުގެ ފަލަސްތީނުގެ ފަތަހަ ޖަމާއަތުގެ ލީޑަރެއް ކަމަށްވާ އިއްސާމް ސައިފީ ރޮއިޓާސް ނިއުސް އެޖެންސީއަށް ފޯނުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިސްރާއީލުގެ 25 އާއި 30 އާ ދެމެދުގެ އަދަދެއްގެ މީހުން ފުރަތަމަ ހަމަލާދިނީ އެ ރަށުގެ އިރުމަތީ ސަރަހައްދަށް ކަމަށާއި، އެމީހުން މަސައްކަތް ކުރީ އެތަނުގައި ހުރި ދެ ގެއަކަށް ވަދެގަތުމަށް ކަމަށެވެ. އެ ރަށުގެ ރައްޔިތުން އެމީހުން ހުއްޓުވަން ނުކުތުމުން، ޔަހޫދީ ވަޒަންވެރިން ވަނީ ބަޑިޖަހަން ފަށާފަ އެވެ.
ސައިފީ އިތުރަށް ވިދާޅުވީ، އޭގެ ބައިގަޑިއިރު ފަހުން އިސްރާއީލު މީހުން އެނބުރި އައިސް ރަށުގެ ހުޅަނގު ފަރާތަށް ހަމަލާދީ، ކުޑަކުއްޖެއްގެ ގައިގައި ހަތިޔާރަކުން ޖަހާފައިވާ ކަމަށެވެ. މިއާއެކު އެ ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެ، އިސްރާއީލުގެ ސިފައިން އެތަނަށް އައިސް ވަޒަންވެރިންނާ ގުޅިގެން ބަޑިޖަހަން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އިސްރާއީލު ސިފައިން ބުނެފައިވަނީ، އެ ސަރަހައްދުގައި ހިނގާފައި ދިޔަ އިސްރާއީލު ބަޔަކަށް ހަމަލާދިނުމާ ގުޅިގެން، ހަވަތު ގިލާޑް ކައިރިއަށް ސިފައިން ފޮނުވީ ކަމަށެވެ.
އިސްރާއީލު އަސްކަރިއްޔާއިން ދައުވާކުރާ ގޮތުގައި، ފަލަސްތީނުގެ މީހަކު އެ ސަރަހައްދުގެ ސަލާމަތީކަންކަން ބަލަހައްޓާ މީހެއްގެ އަތުން ހަތިޔާރެއް ފޭރިގަނެ، އިސްރާއީލުގެ ވަޒަންވެރިންނަށް ބަޑިން ހަމަލާދިނީ އެވެ.
އިސްރާއީލުގެ "މޭގަން ޑޭވިޑް އެޑަމް" (އެމް.ޑީ.އޭ) ރެސްކިއު ސާވިސްއިން ބުނި ގޮތުގައި، އެ ސަރަހައްދުގައި އިސްރާއީލުގެ އެކަކު މަރުވެފައިވާއިރު، ޒަޚަމްވި ދެ މީހަކު ވަނީ ހެލިކޮޕްޓަރުގައި އެ ސަރަހައްދުން ގެންގޮސްފަ އެވެ. ނާބްލަސްއިން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ރިޕޯޓަރު ބުނީ، ހުކުރު ދުވަހުގެ މި ހާދިސާ ހިނގީ އިސްރާއީލުގެ ވަޒަންވެރިން އެ ސަރަހައްދުގައި "ހައިކިންގ އަށް" ދިޔަ ކަމަށް ބުނެ ތަލް ރަށަށް ވަދެގަތުމަށްފަހު ކަމަށެވެ.
މި ހާދިސާއަށްފަހު އިސްރާއީލު ސިފައިން ވަނީ ނާބްލަސް އާއި ތަލް ރަށުގެ ވަށައިގެން ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އިތުރަށް ބުނީ، މިފަދަ ހާލަތްތަކުގައި އިސްރާއީލު ސިފައިން އާންމުކޮށް ރަށްތައް ބަންދުކޮށް، ޒަޚަމްވާ ފަލަސްތީނު މީހުންނަށް ސިއްހީ އެހީތެރިކަން ލިބުމަށް ހުރަސްއަޅާ ކަމަށެވެ. އަދި މިހާރުވެސް ފެންނަމުންދަނީ އެ މަންޒަރު ކަމަށާއި، ތަލް ރަށަށް ވަދެވެން ހުރި ހުރިހާ ޗެކްޕޮއިންޓްތަކެއް ބަންދުކޮށްފައިވާ ރިޕޯޓަރު ބުންޏެވެ.
'މެދުނުކެނޑި ކުރިއަށްދާ ނަކްބާގެ އާ ތަސްވީރެއް'
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ތަލް ރަށުގައި ހިނގި މި ހާދިސާއާއެކު، މި އަހަރު ފެށުނީއްސުރެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު ވަނީ 86 އަށް އަރާފަ އެވެ. މީގެ ތެރޭގައި ޔަހޫދީ ވަޒަންވެރިން ބަޑިޖަހައި މަރާލި 21 މީހަކު ހިމެނެ އެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުން މަރަމުންދާ ދިއުން "އެންމެ ހަރުކަށި އިބާރާތުން" ކުށްވެރިކޮށްފަ އެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ގަތުލުއާންމަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ "ނަކްބާ" ނުވަތަ ބޮޑު ކާރިސާގެ މެދުނުކެނޑި ކުރިއަށްދާ އާ ތަސްވީރެއް ކަމަށެވެ. އަދި މިއީ އިސްރާއީލުގެ ސަރުކާރާއި، ސިފައިންނާއި، ޔަހޫދީ ވަޒަންވެރިންގެ ގުރޫޕުތައް ގުޅިގެން ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، ތަލް ރަށް ކައިރީގައި އިސްރާއީލު މީހަކު މަރުވުމުން އެކަމަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ ހަރުކަށި ފިކުރުގެ ފައިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް ވެސް ވަނީ، އިސްރާއީލު މީހާ މަރުވި ފަލަސްތީނުގެ ރަށާ ދެކޮޅަށް "ދަގަނޑު ގޮށްމުށުން" ފިޔަވަޅު އެޅުމަށް ސިފައިންނަށް ގޮވާލާފަ އެވެ.
އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ދަނޑުވެރިކަން ކުރާ މީހުންނާއި ހިތްވަރުގަދަ ޔަހޫދީ ވަޒަންވެރިންނަކީ އިސްރާއީލުގެ ދިފާއީ ފާރު" ކަމަށާއި، އެމީހުންގެ ސާބިތުކަމަށްޓަކައި އެމީހުންނަށް އެހީތެރިވެ އިހުތިރާމް އަދާކުރުމުގައި ދެމިތިބޭނެ ކަމަށެވެ.










