ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސުލްހައިގެ އަސާސް: ސައުދީ ފޮރިން މިނިސްޓަރު
6 އޯގަސްޓު 2026 | ބުރާސްފަތި 05:54ގުދުސް ހިމާޔަތްކުރުމަކީ ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ތަނބެއް ކަމަށް ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ. އުރުދުންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގާ ޣައިރު ގާނޫނީ އަމަލުތައް ކުށްވެރިކުރައްވައި، އެއީ ބާތިލު ފިޔަވަޅުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި

ގުދުސްގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރުމަށް އުރުދުންގެ އައްމާންގައި 2026 އޮގަސްޓް 5 ވީ ބުދަ ދުވަހު ބޭއްވި، އަރަބި މިނިސްޓީރިއަލް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އާއި އެހެނިހެން އިސްވެރިން ހަނދާނީ ފޮޓޯއަކަށް ހުއްޓިވަޑައިގެން | ރޮއިޓާސް
ސުލްހައިގެ ކޮންމެ އެއްބަސްވުމެއްގެ އެންމެ މުހިންމު އަސާސަކީ ގުދުސްގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
އުރުދުންގެ އައްމާންގައި ކުރިއަށްދިޔަ "މިނިސްޓީރިއަލް މީޓިން އިން ސަޕޯޓް އޮފް ޖެރޫސަލަމް އެންޑް އިޓްސް ހޯލީ ސައިޓްސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސް ފައިސަލް ވިދާޅުވީ، ގުދުސް ހިމާޔަތްކުރުމަކީ ހަމައެކަނި ދީނީ ނުވަތަ އިންސާނީ މައްސަލައެއް ނޫން ކަމަށާއި، އެއީ އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސީ ތަނބެއް ކަމަށެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރަބި އަދި އިސްލާމީ ގައުމުތައް ބައިވެރިވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، އިސްރާއީލުން ހިފާފައިވާ ގުދުސްގައާއި އެތަނުގެ މުގައްދަސް ބިނާތަކާ ދެކޮޅަށް ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތަކާއި، މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.
"ދީނީ ނުވަތަ އަގީދާގެ ނަމުގައި އަނިޔާވެރިކަމަށް ހިތްވަރުދީ، އެކަން ދިފާއުކުރުމަކީ އިބްރާހީމީ ދީންތަކުގެ މެދުގައި ހިއްސާކުރާ އަގުތަކާ މުޅިން ޚިލާފު، އަދި އިންސާނީ ކަރާމާތާއި އިންސާނުންގެ ފުރާނައިގެ މުގައްދަސްކަމާ ގުޅޭ ހަމަހަމަކަމުގެ އުސޫލުތަކާ ފުށުއަރާ ނުރައްކާތެރި ކަމެއްކަން ސައުދީ ސަރުކާރުން ކަށަވަރުކޮށްދޭ،" ޕްރިންސް ފައިސަލް ވިދާޅުވި އެވެ.
ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން އަމިއްލައަށް ނިންމައިގެން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކީ ބާތިލު ފިޔަވަޅުތަކެއްކަން ފާހަގަކުރައްވަމުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ޕްރިންސް ފައިސަލް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
މި ބައްދަލުވުން ފެށުމުގެ ކުރިން ސައުދީ ފޮރިން މިނިސްޓަރު ވަނީ އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ސައުދީ ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދެ ބޭފުޅުން ސަރަހައްދީ މަސްރަހާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވި ކަމަށާއި، ޚާއްސަކޮށް ހުޅަނގު އައްސޭރިއާއި ޣައްޒާގެ އެންމެ ފަހުގެ ހާލަތާއި، އެކަމާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.










