އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
ޣައްޒާގައި އަލުން ޔަހޫދީ އާބާދީތައް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން އިސްރާއީލުގެ ހަރުކަށި ވަޒީރުން އިސްވެ ބޯޑަރު ކައިރީގައި ބޮޑު އެއްވުމެއް ބާއްވައިފި. އިސްރާއީލުގެ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ސަރުކާރު ހޯދަން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ވިއްކަމުން ގެންދަނީ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކުރުވުން. މިއީ ފަލަސްތީނުގެ ދައުލަތެއް އުފެދުމުގެ ފުރުސަތު ނައްތާލުމަށްޓަކައި އެ ގައުމުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން ކުރިއަށްގެންދާ ރޭވުންތެރި މަސައްކަތެއް.

އިސްރާއީލުގެ ކަނާތުފިޔައިގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓާމާ ބެން ގްވީރް | ގެޓީ އިމޭޖަސް
އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ އިންތިޚާބާ ދިމާކޮށް، ޣައްޒާގައި އަލުން ޔަހޫދީ އާބާދީތައް ބިނާކުރުމުގެ މައްސަލައަކީ އެ ގައުމުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުގެ ކެމްޕޭނުގެ މައިގަނޑު އަސާސަކަށް ހަދައިފި އެވެ.
މިއީ 2005 ވަނަ އަހަރު އިސްރާއީލުން ޣައްޒާގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ޔަހޫދީ އާބާދީތައް އަމިއްލައަށް އުވާލައި، އެ ސަރަހައްދުން ފޭބުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރުއެޅުމަށް ކުރިއަށްގެންދާ ފުޅާ މަސައްކަތުގެ ބައެކެވެ.
ނަތަންޔާހޫ ސަރުކާރުގެ ކަނާތު ފިޔައިގެ ހަރުކަށި ދެ ވަޒީރުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރް އާއި ފައިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް އިސްވެ ތިއްބަވައި، އާދީއްތަ ދުވަހު ވަނީ ޣައްޒާގެ ބޯޑަރު ކައިރިއަށް އެތައް ހާސް ޔަހޫދީ ވަޒަންވެރިންނާއި އެކްޓިވިސްޓުން އެއްކޮށްފަ އެވެ. މި އެއްވުމުގެ ބޭނުމަކީ ޣައްޒާގެ އުތުރުގައި އޮތް ނިސާނިތް، ދުގިތް އަދި އެލެއި ސިނާއީ ކިޔާ ތިން އާބާދީއެއް އަލުން ބިނާކުރުމަށް ގޮވާލުމެވެ. ހަރުކަށި ފިކުރުގެ "ނަޗަލާ" ސެޓްލަރ މޫވްމަންޓުން އިންތިޒާމުކުރި މި އެއްވުމުގައި ސަރުކާރުގެ އިސް ވަޒީރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ. މިއީ ހަމައެކަނި ކަނާތު ފިޔައިގެ ވޯޓު ހޯދުމަށް ހިންގާ ސިޔާސީ ހަރަކާތެއް ނޫނެވެ. އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އާބާދީތައް ފުޅާކުރުމާއި ޣައްޒާގައި އަލުން އާބާދީތައް ބިނާކުރުމަކީ އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ފަރާތްތަކުގެ ބޮޑު ހުވަފެނެކެވެ. އަދި މިހާރު ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް އޮތުމަކީ، އެމީހުންގެ މި އެޖެންޑާ ކުރިއަށް ގެންދިއުމަށް ނަތަންޔާހޫއަށް ބާރުއެޅުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.
މި އެއްވުމުގައި ބައިވެރިން ޣައްޒާގެ ތެރެއަށް ވަނުން ހުއްޓުވުމަށްޓަކައި، އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ އެ ސަރަހައްދަކީ އަސްކަރީ ގޮތުން ބަންދު ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، މުޒާހަރާގެ މަގު ބަދަލުކުރުމަށް އަންގާފަ އެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ އަސްކަރިއްޔާއާއި ފުލުހުން ޖަހާފައިވާ ހުރަސްތަކުން ނެއްޓި، ޣައްޒާގެ ބޯޑަރާ ދިމާލަށް ކުރިއަށް ގޮސްފަ އެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ ޔަހޫދީ އާބާދީތަކުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނޭހެން އާއިލާތައް ބަސްތަކުގައި އެ ސަރަހައްދަށް ގެނެސްފައިވާއިރު، ބެން ގްވީރް އާއި ސްމޮޓްރިޗްގެ ޕާޓީތަކަށް ނިސްބަތްވާ ޒުވާން އެކްޓިވިސްޓުން ދިޔައީ ކެމްޕޭން މެޓީރިއަލްތަކާއި ލީފްލެޓްތައް ބަހަމުންނެވެ.
"މީގެ ތިން އަހަރު ކުރިން، ޣައްޒާގެ 70 އިންސައްތަ ސަރަހައްދު އަހަރެމެންގެ ކޮންޓްރޯލްގެ ދަށަށް އަންނާނެ ކަމަށް މީހަކު ބުނި ނަމަ، އެކަކުވެސް އެކަން ގަބޫލެއް ނުކުރީސް،" އެއްވުމުގައި ވާހަކަދައްކަވަމުން ބެން ގްވީރް ވިދާޅުވި އެވެ.

އިސްރާއީލުގެ އެތައް ހާސް ޔަހޫދީން ވަނީ ޣައްޒާގެ ބޯޑަރާ ހަމައަށް ގޮސް އެތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުގެ މަގްސަދު އޮތްކަމަށް ހާމަކޮށްފައި | ރޮއިޓާސް
އޭނާ އިތުރަށް ވިދާޅުވީ، މިއަދު އޭނާ ބުނަން އޮތީ މުޅި ޣައްޒާގައި ޔަހޫދީ އާބާދީތައް ގާއިމުކުރާނެ ވާހަކަ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން "އަމިއްލައަށް އިޚްތިޔާރުކޮށްގެން އެހެން ތަންތަނަށް ހިޖުރަކުރުމަށް" އިސްރާއީލުން ހިތްވަރު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިއީ ޓްރަމްޕް ސަރުކާރުން ކުޑަ ދުވަސްކޮޅަކަށް ގެންގުޅުނު، ނަމަވެސް ޣައްޒާގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި އެންމެ ފަހުން ބޭރުކޮށްލާފައިވާ ޚިޔާލެކެވެ.
"އަހަރެމެން މި އެނބުރި އަންނަނީ ގެއަށް. ޣައްޒާއަކީ އަހަރެމެންގެ ތަނެއް،" ބެން ގްވީރް ވިދާޅުވި އެވެ.
ސްމޮޓްރިޗް މި ހާލަތު ސިފަކުރެއްވީ ސިޔާސީ ނަޒަރަކުންނެވެ. އޭނާ އިންޒާރު ދެއްވި ގޮތުގައި، ސަރުކާރު ބަދަލުވެއްޖެ ނަމަ، އިސްރާއީލުގެ ތާރީޚުގައި އައި އެންމެ ހަރުކަށި ކަނާތު ފިޔައިގެ ސަރުކާރުން ފާއިތުވި ހަތަރު އަހަރު ތެރޭގައި ގެނައި "ޒަޔަނިސްޓް އަދި ގައުމީ އާބާދީ ބިނާކުރުމުގެ އިންގިލާބު" ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެ އެވެ.
"މި ހުރިހާ މަސައްކަތެއް ފެނަށްވެގެން ހިނގައިދާނެ. އެހެންވެ، އާބާދީތައް ހުސްކުރުން ހުއްޓުވުމަށް އަހަރެމެން އަނެއްކާވެސް މިތަނަށް އެއްވާނަން،" ސްމޮޓްރިޗް ވިދާޅުވި އެވެ. ސްމޮޓްރިޗް ވަނީ މި ސަރުކާރުގެ ދައުރުގައި ހުޅަނގު އައްސޭރީގައި އާބާދީތައް ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާކަން އޭނާ ވަނީ ސާފުކޮށް ހާމަކުރައްވާފަ އެވެ.
ސްމޮޓްރިޗް އާއި ބެން ގްވީރް އަކީވެސް 2023 އޮކްޓޫބަރު 7 ގެ ފަހުން ޣައްޒާގައި ޔަހޫދީ އާބާދީތައް އަލުން ބިނާކުރުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. އަދި ޣައްޒާ ހަނގުރާމައަކީ 2005 ވަނަ އަހަރު ޣައްޒާއިން ފޭބުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެ ދެ ބޭފުޅުން ސިފަކުރައްވަ އެވެ.
ދިފާއީ ވުޒާރާގެ ދަށުން އާބާދީތަކާ ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރުގެ މަގާމުގައިވެސް ހުންނެވި ސްމޮޓްރިޗް ޖޫން މަހު ވިދާޅުވީ، ޣައްޒާގެ އުތުރުގައި ތިން އާބާދީއެއް ހެދުމުގެ ފުރިހަމަ ޕްލޭންތައް ނިމި، ނަތަންޔާހޫގެ ހުއްދައަށް މަޑުކުރަމުންދާ ކަމަށެވެ. އޭނާ ޣައްޒާ ސިފަކުރެއްވީ "އިސްރާއީލުގެ ބިމުގެ ވަކިނުކުރެވޭނެ ބައެއްގެ" ގޮތުގަ އެވެ. އަދި އަލުން އާބާދީތައް ގާއިމުކުރުމުން އެއީ ސަލާމަތީ ރައްކާތެރިކަމުގެ ބަފަރ ޒޯނަކަށް ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. "އާބާދީއެއް ނެތް ތަނެއްގައި ސަލާމަތީ ރައްކާތެރިކަމެއް ނޯންނާނެ،" ޖޫން މަހުގެ ފަހުކޮޅު ސްމޮޓްރިޗް ވިދާޅުވި އެވެ.
ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް ވަނީ އެ ސަރަހައްދުގައި އަސްކަރީ ތިން މަރުކަޒެއް ގާއިމުކުރަން ގަސްދުކުރާކަން ވަކިން އިއުލާނު ކުރައްވާފަ އެވެ. އިސްރާއީލު ސަރުކާރުން އާންމުކޮށް އަމަލުކުރާ އުސޫލަކީ، ފުރަތަމަ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، އޭގެ ފަހުން މަޑުމަޑުން އެތަންތަން މަދަނީ އާބާދީތަކަށް ބަދަލުކޮށް ފުޅާކުރުމެވެ.
ނަމަވެސް، ނަތަންޔާހޫ މިހާތަނަށް މި ޕްލޭންތަކަށް ތާއީދުކުރައްވާފައެއް ނުވެ އެވެ. އަދި އެކަން ކުށްވެރިވެސް ކުރައްވާފައެއް ނުވެ އެވެ. މީގެ އިތުރުން، މި މައްސަލަ އިސްރާއީލުގެ ކެބިނެޓަށްވެސް ހުށަހަޅާފައެއް ނުވެ އެވެ. ނަތަންޔާހޫ މިހާރު އިސްވެ ހުންނެވީ އަންނަ އޮކްޓޫބަރު 27 ގައި ބާއްވާ އިންތިޚާބާ ހަމައަށް އޮތް ވަގުތީ ސަރުކާރެއްގަ އެވެ.
އިސްރާއީލުގެ ސިފައިން މިހާރު ޣައްޒާގެ ގާތްގަނޑަކަށް 60 އިންސައްތަ ސަރަހައްދު ކޮންޓްރޯލް ކުރަމުންދާއިރު، ނަތަންޔާހޫ ވަނީ 70 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ސަރަހައްދު ހިފުމަށް އަސްކަރިއްޔާއަށް އަމުރުކޮށްފައިވާ ކަމަށް އާންމުކޮށް ވިދާޅުވެފަ އެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އޮނިގަނޑުގެ ދަށުން، އިސްރާއީލުން ޣައްޒާގެ 53 އިންސައްތަ ސަރަހައްދަށް ފަހަތަށް ޖެހެން ޖެހެ އެވެ. ނަމަވެސް އައިޑީއެފް އިން ވަނީ މާ ބޮޑަށް އެމީހުންގެ ކޮންޓްރޯލް ފުޅާކޮށްފަ އެވެ. ޓްރަމްޕްގެ ޣައްޒާ ސުލްހައިގެ ޕްލޭނާއި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އޮނިގަނޑުގައި، އިސްރާއީލުން ޣައްޒާ ހިފުން ނުވަތަ އެއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުން ވަނީ ސާފުކޮށް މަނާކޮށްފަ އެވެ.
2005 ވަނަ އަހަރު ޣައްޒާއިން ފޭބުމުގެ ކުރިން، އިސްރާއީލުން އެ ސަރަހައްދުގައި 21 ޔަހޫދީ އާބާދީއެއް ބަލަހައްޓަމުން ދިޔަ އެވެ. އެތަންތަނުގައި ގާތްގަނޑަކަށް 8,000 ޔަހޫދީން ދިރިއުޅުނެވެ. ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯންގެ ވެރިކަމުގައި ނިންމި ނިންމުމާއެކު އެ އާބާދީތައް އުވާލައި، ހުޅަނގު އައްސޭރީގެ އުތުރުގައި ހުރި އިތުރު ހަތަރު އާބާދީއެއްވެސް ހުސްކުރި އެވެ. ނަމަވެސް ފަހަކަށް އައިސް ނަތަންޔާހޫގެ ސަރުކާރުން ވަނީ އެ ސިޔާސަތުގެ ބައެއް ބައިތައް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރިން ހުސްކުރި ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އިސްރާއީލު މީހުންނަށް އެނބުރި ދެވޭ ގޮތަށް ގާނޫނު ބަދަލުކުރުމާއި، އެ ސަރަހައްދުތަކުގައި އާ އާބާދީތައް ހެދުމަށް ހުއްދަ ދިނުން ހިމެނެ އެވެ.
ނިމިދިޔަ ހަފުތާގައި އިސްރާއީލު ސަރުކާރުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އާ ޔަހޫދީ އާބާދީތައް ގާއިމުކުރުމަށާއި މަގުތައް ހެދުމަށް 2.3 ބިލިއަން ޝެކަލް (ގާތްގަނޑަކަށް 766 މިލިއަން ޑޮލަރު) ކަނޑައެޅުމުގެ ޕްލޭންތައް ފާސްކޮށްފަ އެވެ. މިއީ އާބާދީތައް ވަރުގަދަކޮށް، މުސްތަގުބަލުގައި ފަލަސްތީނުގެ ދައުލަތެއް އުފެދުމުގެ ފުރުސަތު ނައްތާލުމަށް ކުރާ އަވަސް މަސައްކަތުގެ ބައެކެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ހުރިހާ ޔަހޫދީ އާބާދީތަކަކީ ޣައިރު ގާނޫނީ ތަންތަނެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ވަޒަންވެރިން ވަނީ ހުއްދަނެތް އެތައް މަރުކަޒުތަކެއް ގާއިމުކޮށް، ފަހުން އިސްރާއީލު ސަރުކާރުގެ ހުއްދަ ހޯދުމުގައި ކާމިޔާބީ ހޯދާފަ އެވެ.
އިސްރާއީލުން އާބާދީތައް ފުޅާކުރުމަށް ކުރާ މަސައްކަތާއި، ދިގުލައިގެން ގޮސްފައިވާ ޣައްޒާ ހަނގުރާމަ އަދި ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އިސްރާއީލަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އިނގިރޭސިވިލާތް، ފްރާންސް، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް އަދި ނޯވޭ ހިމެނޭހެން ބައެއް ގައުމުތަކުން ވަނީ މި ހަރަކާތްތަކާ ގުޅުންހުރި ޖަމާއަތްތަކާއި ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. މީގެ އިތުރުން، ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ބެން ގްވީރް އާއި ސްމޮޓްރިޗް އެ ގައުމުތަކަށް ދަތުރުކުރުންވެސް މަނާކޮށްފަ އެވެ. އެހެން ވިޔަސް އެމީހުން އެދަނީ އެމީހުންގެ އެޖެންޑާ އާގެން ކުރިއަށެވެ. އެ އެޖެންޑާ ކުށްވެރިކުރުން ނޫން އެހެން އެއްވެސް ކަމެއް ދުނިޔެއަށް ކުރެވޭ ކަމަކަށް ނުވެ އެވެ.









